06 ފެބުރުއަރީ 2019 - 12:22

އޮސްކާ އެވޯޑް ހަފުލާ އަބަދު ވެސް އެންމެ ބޮޑަށް ފަޅުފިލުވައިދޭ އެކަކީ އެ ހަފުލާގެ ހޯސްޓެވެ. އަނެއްކާ އެއީ އެ ފުރުސަތު ފަހިވާ ފަންނާނުންނަށް ލިބޭ ބޮޑު ޝަރަފެއް ވެސް މެ އެވެ. އެކަމަކު މި މަހުގެ 24 ވަނަ ދުވަހު ބާއްވާ 91 ވަނަ އޮސްކާ އެވޯޑް ހަފުލާ ކުރިއަށް ދާނީ ހޯސްޓަކާ ނުލަ އެވެ.
މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައިު ހޯސްޓަކާ ނުލައި، އޮސްކާ އެވޯޑް ބާއްވާ ފުރަތަމަ ފަހަރެވެ. ހަފުލާ ހުށަހަޅައި ދޭން ހާއްސަ ފަންނާނަކު މި ފަހަރު ނެތަސް އެވޯޑްތައް ޕްރެޒެންޓްކޮށް ދޭން އަރާ ފަންނާނުންނާ އެކު ސްޓޭޖްމަތީގެ ފަޅުކަން ފިލުވައި ދޭނެ އެވެ.
މި ފަހަރު އޮސްކާ އަށް ހާއްސަ ހޯސްޓަކު ނުބަހައްޓަން ނިންމީ އެ ފުރުސަތު ކުރިން ދިން މަޝްހޫރު ކޮމިޑިއަން އަދި އެކްޓަރު ކެވިން ހާޓް މީގެ އަހަރުތަކެއް ކުރިން ކުރި ޓްވީޓްތަކެއް އަލުން ތިލަވެ، އޭނާ އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ފުރުސަތު ދޫކޮށްލުމުންނެވެ.
އޭގެ ފަހުން ބައެއް ފަންނާނުންގެ ނަންތައް، އޮސްކާ ހޯސްޓްކޮށްފާނެ ކަމަށް ބުނެ މީޑިއާތަކުގައި ދައުރު ވެސް ވި އެވެ. އޭގެ ތެރޭގައި އެންމެ ފަހުން ބޭއްވި އޮސްކާގެ ދެ ހަފުލާ ވެސް ހޯސްޓްކޮށްދިން ޖިމީ ކިމެލް އާއި ކުރިން އެ ހަފުލާ ހޯސްޓްކޮށް ދިން އެލެން ޑިޖެނެރެސްގެ އިތުރުން ކޮމީޑިއަން ކްރިސް ރޮކް ފަދަ މަގުބޫލު ހޯސްޓުން ހިމެނެ އެވެ.
ނަމަވެސް 91 ވަނަ އޮސްކާ އެވޯޑްސް ހަފުލާ ހޯސްޓަކާ ނުލައި ކުރިއަށް ގެންދަން ނިންމާފައިވާކަން އެކެޑެމީ އޮފް މޯޝަން ޕިކްޗާޒް، އާޓްސް އެންޑް ސައިންސެސް (އޭއެމްޕީއޭއެސް) އިން ވަނީ އޭއެފްޕީ އަށް ކަށަވަރުކޮށް ދީފަ އެވެ.
އެންމެ ފަހުން ހޯސްޓަކާ ނުލައި އޮސްކާ އެވޯޑް ހަފުލާ ބޭއްވީ 1989 ގަ އެވެ.