ހަތަރު ތަށި ހޯދުން: ގާޑިއޯލާ ދެކޭ ހުވަފެނެއް ނޫން
ހަތަރު ތަށި ހޯދުން: ގާޑިއޯލާ ދެކޭ ހުވަފެނެއް ނޫން

މެންޗެސްޓާ (ފެބްރުއަރީ 6) - މި ސީޒަނުގައި މެންޗެސްޓާ ސިޓީން ހަތަރު ތަށި ހޯދާނެ ކަމެއް ދެކެވޭ ވާހަކަތަަކަށް މާ ބޮޑު ސަމާލުކަމެއް ނުދޭ ކަމަށާއި އެއީ އަދި އޭނާ ދެކޭ ހުވަފެނެއް ނޫން ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މި މަހު 24 ވަނަ ދުވަހު ސިޓީ ލީގު ކަޕްގެ ފައިނަލުގައި ޗެލްސީއާ ބައްދަލުކުރާނެ އެވެ. އެފްއޭ ކަޕްގައި ވެސް އެ ޓީމުން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، އިނގިރޭސި ޕްރިމިއާ ލީގަށް ވެސް އަންނަނީ ވާދަކުރަމުންނެވެ. އަދި މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ވެސް އެ ޓީމަކީ ގިނަ ބަޔެއްގެ ނަޒަރުގައި އެއް ފޭވަރިޓެވެ.

ގާޑިއޯލާ ބުނީ ހަތަރު ތަށި ހޯދުމަކީ މިހާރުގެ ފުޓްބޯޅައިގައި ވަރަށް އުނދަގޫ ކަމެއް ކަމަށާއި އޭނާގެ ވިސްނުމުގައި އެ ކަހަލަ ކަންތައްތަކެއް ނެތް ކަމަށެވެ.

"މި ދައްކަނީ ތަފާތު ލެވެލްތަކެއްގެ ތަފާތު މުބާރާތްތަކެއްގެ ވާހަކަ. އަހަރެމެން މި ވަގުތު މި އޮތީ ހަމައެކަނި އެންމެ ފައިނަލެއްގައި. މި ބުނަނީ އަހަރެމެން ގަސްދުގައި މުބާރާތްތަކުން ކަޓައިގެންދާ ވާހަކައެއް ނޫން. ކަންތައްތަކަށް އަޒުމު ކަނޑައަޅާއިރު އެއާ ގުޅިގެން އަންނާނެ ޕްރެޝަރަށް ވިސްނަން ޖެހޭނެ. އަހަރެން އަބަދުވެސް ވިސްނަނީ ކުރިއަށް އޮތް މެޗަށް. ހަތަރު ތަށީގެ ހުވަފެން ނުބަލަން،" ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާ ވަނީ ބާސެލޯނާގައި ހުރެ ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ. އޭނާ ބުނީ ކުރީގެ ކާމިޔާބީތަކެއް މިހާރު ތަކުރާރުކުރާ ވަރަށް ވުރެ ފުޓްބޯޅަ ވަރަށް ބޮޑަށް ތަރައްގީވެފައިވާ ކަމަށެވެ.

އިނގިރޭސ ޕްރިމިއާ ލީގުގައި މިރޭ އެވަޓަންއާ ދެކޮޅަށް ރަށުންބޭރުގައި ކުޅޭ މެޗުން ސިޓީ މޮޅުވެއްޖެނަމަ އެ ޓީމަށް ލީގުގެ އެއް ވަނަ އަށް އެރޭނެ އެވެ. މިއީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލަށް ޕްރެޝަރު ކުރަން ސިޓީ އަށް ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ.

ގާޑިއޯލާ ބުނީ ކަންތައްތައް އަވަހަަށް ބަދަލުވެގެން ދިޔަސް މިއީ ދިގު ސީޒަނެއް ކަމަށްވުމުން އެހާ އަވަހަށް ވަކި ގޮތެއް ވާނެ ކަމަށް ނިންމުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

"މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން އަހަރެމެންނަށް ލީގު ނުހޯދޭނެ ކަމަށް އެންމެން ނިންމައިފި. އޭރު އެންމެންގެ ނަޒަރުގައި ޗެމްޕިއަނުންނަކީ ލިވަޕޫލް. އެކަމަކު މިހާރު ހާލަތު ބަދަލުވެގެން އައިސް އަހަރެމެންނަކީ ފޭވަރިޓުން. އަހަރެން ކަމެއް ޔަގީން ކުރާނީ އެކަމެއް ވެ ނިމުނީމަ. މާ ކުރިން ޔަގީންކުރުމަކީ އަހަރެންގެ އުސޫލެއް ނޫން،" ގާޑިއޯލާ ބުންޏެވެ.

"ފަހަރެއްގައި އަހަރެމެން އަމިއްލަ އަށް ފޭވަރިޓުން ކަމަށް ވިސްނައިގެން ތިއްބާ އަނެއްކާ ވެސް ހަ ޕޮއިންޓުގެ ފަރަގެއް ވެސް ފެނިދާނެ."

އެވަޓަން އާއި ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.