07 ފެބުރުއަރީ 2019 - 20:46

ދެހާސް ސަތާރަ ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު "ފިލްމީ ހިންދީ މީޑިއަމް" ގެ ދެވަނަ ބައި ހަދާނެކަން ޕްރޮޑިއުސަރު ދިނޭޝް ވިޖަން ޔަގީންކޮށްދީފައި އޮތަސް މީގެ މަސައްކަތް ފެށޭނީ ކޮން އިރަކުކަން އޮތީ ސުވާލެއްގެ ތެރޭގަ އެވެ. އެންމެ ބޮޑު އެއް ސަބަބަކީ ފިލްމުގެ ލީޑް އެކްޓަރު އިރްފާން ހާން ބޮޑު ބައްޔަކަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯދަމުން ދިއުމެވެ.
ނަމަވެސް ދިނޭޝް ކުރިން ބުނެފައިވާ ގޮތުގައި އިރްފާނާ ނުލައި "ހިންދީ މީޑިއަމް 2" ނަހަދާނެ އެވެ. އެެއާ އެކު ދެން އިވެނީ މި ފިލްމު އެކި ފަހަރު މަތިން ތަފާތު ތަރިންނަށް ހުށަހަޅަމުން އަންނަ ވާހަކަ އެވެ. ކުރިން އަޑު އަރާފައިވާ އޮތުން ސާރާ އަލީ ހާނަށް ވަނީ އިރްފާންގެ ދަރިފުޅުގެ ރޯލް ކުޅެން ހުށަހަޅައިފަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ދެން އަޑު އިވިގެން ދިޔައީ "ހިންދީ މީޑިއަމް 2" ޝާހްރުކް ހާނާއި ކާޖޮލް އަށް ހުށަހެޅި ވާހަކަ އެވެ.
އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއިން އެއްވެސް ތަރިއަކު ފިލްމަށް ނެގިކަން ޕްރޮޑިއުސަރު ކަށަވަރުކޮށް ދީފައި ނެތުމެވެ. ނަމަވެސް މިހާރު އަނެއްކާ ވެސް އެހެން ބަތަލާއަކަށް ފިލްމު ހުށަހެޅި ވާހަކަ މީޑިއާތަކުގައި އަންނަނީ ދައުވަރުވަމުންނެވެ.
ޕިންކްވިލާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސާރާގެ ދޮން މަންމަ އަދި މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރަށް "ހިންދީ މީޑިއަމް 2" މިހާރު ވަނީ ހުށަހަޅައިފަ އެވެ. އެ ނޫހުން ބުނި ގޮތުގައި ފުރަތަމަ ބައި ސަކެޓް ޗައުރަދީ ޑައިރެކްޓް ކުރި ނަމަވެސް ދެވަނަ ބައި ޑައިރެކްޓް ކުރާނީ "ކޮކްޓެއިލް" އާއި "ފައިންޑިން ފެނީ" ފަދަ ފިލްމުުތައް ގެނެސް ދިން ހޯމީ އަދަޖާނިއާ އެވެ.
"ހިންދީ މީޑިއަމް 2" އަށް ކަރީނާ ސޮއިކުރި ވާހަކައަކީ ތެދަކަށް ވެއްޖެ ނަމަ، މި ފިލްމުވެގެން ދާނީ އޭނާ އަށް އިރްފާނާ އެކު ފިލްމެއް ކުޅެން ލިބޭ ފުރަތަމަ ފަހަރަށެވެ. ކަރީނާ ކުރިން ވަނީ އިރްފާން ލީޑް ރޯލް ކުޅެ، ޝާހްރު އެކްސްޓެންޑް ކެމިއޯއަކުން ފެނިގެން ދިޔަ ފިލްމު 2009 ގެ "ބިއްލޫ" ގައި ޝާހްރުކްއާ އެކު ހާއްސަ ލަވައެއް ކުޅެފަ އެވެ.
މިދިޔަ އަހަރު ރިލީޒްކުރި "ވީރޭ ދީ ވެޑިން" އަށް ފަހު، ކަރީނާ ސޮއިކޮށްފައި އޮތް ދެ ފިލްމަކީ "ގުޑް ނިއުސް" އާއި "ތަހުތު" އެވެ. އަކްޝޭ ކުރާމާ އެކު އޭނާ ފެނިގެންދާ "ގުޑް ނިއުސް" މި އަހަރުގެ ސެޕްޓެމްބަރު 6 ގައި ސިނަމާތަކަށް ގެންނަން ނިންމާފައިވާ އިރު، ކަރަން ޖޯހަރު ޑައިރެކްޓް ކުރާ "ތަހުތު" ރިލީޒްކުރާނީ އަންނަ އަހަރު އެވެ.
މި ފިލްމުވެގެން ދާނީ 2001 ގެ "ކަބީ ހުޝީ ކަބީ ޢަމް" އަށް ފަހު، ކަރަން ޑައިރެކްޓް ކުރާ ފިލްމެއް ކަރީނާ ކުޅޭ ފުރަތަމަ ފަހަރަށެވެ.
މިދިޔަ އަހަރު އައިފާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް އިރުފާނަށް ލިބުނު "ހިންދީ މީޑިއަމް" ގައި އޭނާއާ އެކު ބަތަލާގެ ރޯލް ކުޅުނީ ޕާކިސްތާނުގެ ބަތަލާ ސަބާ ގަމަރެވެ.
މި ފިލްމުގެ ދެވަނަ ބައިގެ ވާހަކަ ދެކެވެމުން ދިޔަ ނަމަވެސް، އިރްފާން ބުނަނީ ފަރުވާ އަށް ފަހު، އެނބުރި އިންޑިއާ އަށް ދެވޭނެ އިރެއް ނޭނގޭ ކަމަށެވެ. އެހެންވެ ބެލުންތެރިން "ހިންދީ މީޑިއަމް 2" އަށް އިންތިޒާރު ކުރަން ޖެހޭނީ ކިހާ ދުވަހަކަށް ކަމެއް ނޭނގެ އެވެ.