ޕެރަލިމްޕިކްސް އިން ރަޝިއާ ސަސްޕެންޑްކޮށްފި
ޕެރަލިމްޕިކްސް އިން ރަޝިއާ ސަސްޕެންޑްކޮށްފި

ރިއޯ ޑި ޖެނީރޯ (އޮގަސްޓް 25) - އަންނަ މަހު ބްރެޒިލްގައި ފަށާ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އޮލިމްޕިކްސް ނުވަތަ ޕެރަލިމްޕިކްސް އިން ރަޝިއާ ސަސްޕެންޑް ކުރުމަށް އިންޓަނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީ (އައިޕީސީ) އިން ނިންމައިފި އެވެ.

ގޭމްސްތަކުގައި ރަޝިއާ އެތުލީޓުންނާއި ސަރުކާރުގެ އޮފިޝަލުންނާ ގުޅިގެން މަނާ ބޭސް ބޭނުންކުރާ ކަމަށް ބުނެ، ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން ނެރުނު ރިޕޯޓާ ގުޅިގެން ދާދި ފަހުން ނިމުނު އޮލިމްޕިކްސް އިން ވެސް ރަޝިއާ ސަސްޕެންޑް ކުރުމަށް ނިންމި އެވެ. އެހެން ނަމަވެސް ފަހުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމީ ރަޝިއާ އެއްކޮށް ސަސްޕެންޑް ނުކޮށް، މަނާބޭހަށް ޕޮޒިޓިވްވި އެތުލީޓުން ސަސްޕެންޑް ކުރުމަށާއި ކުޅުންތެރިން ސަސްޕެންޑް ކުރުމުގެ ބާރު ވަކިވަކި ކުޅިވަރު ފެޑެރޭޝަންތަކަށް ދިނުމަށެވެ.

އައިޕީސީން ވާޑާއާ މަޝްވަރާ ކުރުމަށް ފަހު ނިންމީ އަަންނަ މަހު ހަތް ވަނަ ދުވަހު ފަށާ ޕެރަލިމްޕިކްސް އިން ރަޝިއާ ބާކީކުރުމަށެވެ. ރަޝިއާ އިން ވަނީ މި މައްސަލަ ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިގެން ހައްލެއް ހޯދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ސީއޭއެސް އިން ނިންމީ އައިޕީސީގެ ނިންމުމަށް ތާއީދުކޮށް ރަޝިއާގެ ސަސްޕެންޝަން ދެމެހެއްޓުމަށެވެ.

މި ނިންމުމާ އެކު ޕެރަލިމްޕިކްސް ވާދަކުރަން ނިންމާފައިވާ ރަޝިއާގެ 267 އެތުލީޓުން މިފަހަރުގެ ގޭމްސްގައި ނުފެންނާނެ އެވެ.

ރަޝިއާގެ ޕެރަލިމްޕިކް ކޮމިޓީން ބުނީ އެ ގައުމުގެ އޮލިމްޕިކް ކޮމިޓީންނާއި ސަރުކާރުން މިކަމަށް މައާފަށް އެދެންޖެހޭ ކަމަށާއި މި މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒުވެސް ވަދެފައިވާ ކަމަށެވެ.