24 އޯގަސްޓް 2016 - 13:13

ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން ހެދި ޑޮކިއުމެންޓްރީ އަންނަ މަހުގެ ހައެއްގައި އެ ޓީވީން ދައްކަން ނިންމައިފި އެވެ.

ދިވެހި ސަރުކާރުގެ ތެރޭގައި ހުރި ހިޔާނާތާއި ވައްކަމުގެ އިތުރުން ނާޖާއިޒު ގޮތުގައި ބާރުގެ ބޭނުން ކުރާކަން ހާމަވާ ގޮތަށް އަލް ޖަޒީރާއިން ވަނީ ތަހުގީގީ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. މި ރިޕޯޓު މި މަހުގެ 30 ގައި އިނގިރޭސިވިލާތުގައި ޕްރިމިއާ ކުރަން ވަނީ ހަމަޖައްސާފަ އެވެ.
އަލް ޖަޒީރާ ޓީވީގެ ޕްރޮގްރާމް ގައިޑު ހިމަނާފައިވާ ބައެއް އޮންލައިން ސްޓްރީމިން ވެބްސައިޓުތަކުގައިވާ ގޮތުން ރާއްޖެއާ ބެހޭ ޑޮކިއުމެންޓްރީ ޓީވީން ދައްކާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނު 11:00 ގަ އެވެ. "ސްޓީލިން ޕެރަޑައިސް"ގެ ނަން ދީފައިވާ ޑޮކިއުމެންޓްރީ އަކީ، ޕްރޮގްރާމް ގައިޑުގައި ލިޔެފައިވާ ގޮތުން، ރާއްޖޭގައި ހިންގަމުން ގެންދާ ކޮރަޕްޝަންގެ އަމަލުތައް ފަޅާއަރުވާލާނެ ފިލްމެކެވެ.
އެކި މީހުން ސައިކަލްތަކުގައި މިލިއަނުން ނަގުދު ފައިސާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނަށް ގެންގޮސްދިން ގޮތް، ސިއްރުން ނަގާފައިވާ އިންޓަވިއުތަކުގައި ސިފަކޮށްދީފައިވާ ކަމަށް، ޑޮކިއުމެންޓްރީގެ ތަފްސީލުގައިވެ އެވެ.
"ސްޓީލިން ޕެރެޑައިސް" އިފުތިތާހު ކުރުމަށް މިހާރު ވަނީ ބައެއް ބޭފުޅުންނަށް ދައުވަތު ވެސް ފޮނުވައިފަ އެވެ. މި ރިޕޯޓުގައި "އާ ހެކި" ހިމެނޭނެ ކަމަށް ދައުވަތު ކާޑުގައި ވާއިރު، ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯފުޅު ޖަހާފައިވެ އެވެ. އަދި ދިވެހި ދެ ރުކަކާއި ރިޔާސީ ލޯންޗްކޮޅުގެ ސިފަ ހުރި ލޯންޗެއްގެ ފޮޓޯ ހިމަނާފައިވެ އެވެ.
ސްޓީލިން ޕެރެޑައިސް ނެރުމުގެ ހަފުލާ ބާއްވަނީ ލަންޑަންގައި ހުންނަ ރޯޔަލް ސޮސައިޓީ އޮފް އާޓްސްގަ އެވެ.
މި ޑޮކިއުމެންޓްރީ އަށް ސަރުކާރުގެ ބަހެއް ހޯދަން އަލް ޖަޒީރާ އިން އެދިފައި ނުވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އެގޮތަށް ބުނި ފަހުން، އަލް ޖަޒީރާ ޓީމުން ވަނީ ސަރުކާރުގެ ބަސް ހޯދަން އީމެއިލަކުން އެދިފަ އެވެ.
ސަރުކާރަށް ނިސްބަތްވެވަޑައިގެންނަވާ އެކި ބޭފުޅުން ގެންދަވަނީ އެ ޑޮކިއުމެންޓަރީގައި ހުރެދާނެ ކަމަށް ބެލެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށް ވިދާޅުވަމުންނެވެ. އެ ގޮތުން، ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ވަނީ އެއީ އިިދިކޮޅު ފަރާތްތަކުން އަލް ޖަޒީރާ އަށް ފައިސާ ދީގެން ހަދާފައިވާ ޑޮކިއުމެންޓްރީއެއް ކަމަށް ދޭހަވާ ގޮތަށް ވާހަަކަ ދައްކަވާފަ އެވެ.
މި ޑޮކިއުމެންޓަރީ ތައްޔާރުކުރީ، ދައުވަތު ކާޑުގައި އޮތް ގޮތުން، އަލް ޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓުންނެވެ. މި ޔުނިޓުން ތައްޔާރުކުރި ބައެއް އުފެއްދުންތަކަށް ދުނިޔޭގެ ފެންވަރުގެ އެވޯޑު ވެސް ލިބިފައިވެ އެވެ.