27 މެއި 2016 - 18:18

ޕާކިސްތާނުގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުންތަކުން، ރައީސް އަބްދުﷲ ޔާމީން ވެރިކަން ހިންގަވާ ގޮތާ މެދު ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާކަން ވިދާޅުވި ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރު ނިންމަވާ ލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޕާކިސްތާނު އޮތީ ރާއްޖޭގެ ސަރުކާރަށް ތާއީދުކޮށް އަދި ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތަކުގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދޭން ތައްޔާރަަށް ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީއަށާއި އިގުތިސޯދީގޮތުން ގެންނަވާ ބަދަލުތަކަށް ޕާކިސްތާނު ސަރުކާރުން ވަރަށް ބޮޑަށް ތާއީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ސަރުކާރުން ބޭނުންވާ ކޮންމެ ކަމެއް ކޮށްދިނުމުގައި ވަރަށް ސާބިތުކަމާއެކު ހުންނަވާނެ ކަމަށް ވިދާޅުވި. އަދި ރާއްޖެއާއެކީ ވަރަށް އިހުލާސްތެރިކަމާއެކު ތިއްބެވި ބޭފުޅުންކަމަށް ވެސް ފާހަގަކުރެއްވި،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަކުރަން ޕާކިސްތާނުން ވަނީ 10 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން ފެސިލިޓީއެއް ދޭން ހަމަޖައްސައިފަ އެވެ. އެ ލޯނު އެއްބަސްވުމުގައި އަންނަ ޖުލައި މަހު ސޮއިކުރާނެ ކަމަށް އާދަމް މިއަދު ވިދާޅުވި އެވެ.