05 ފެބުރުއަރީ 2019 - 18:18

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މޮނީޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މީހުންނަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 6 ގަ އެވެ. އެ ދުވަހު 87 ދާއިރާއަކުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް ވޯޓުލާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނުގައި ބުނީ އިންތިހާބު މޮނީޓަކުރުމަށް ފުރުސަތު ދެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކާއި ޚަބަރު ފަތުރާ އިދާރާތަކަށް ކަމަށެވެ.
މޮނީޓަކުރުމަށް ފާހެއް ދޫކުރުމުގެ އިތުރުން އޮބްޒާވަރުންގެ ފާހެއް ވެސް އިލެކްޝަންސް އިން ދޫކުރެ އެވެ. އަދި ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން އިންތިހާބު ކުރިއަށްދާ ގޮތް ބެލުމަށް ވެސް ފާހެއް ދޫކުރެ އެވެ.
އިލެކްޝަންސް އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން މޮނީޓަރަކަށްވުމަށް މި މަހުގެ 23 ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ އެވެ.