05 ފެބުރުއަރީ 2019 - 14:19

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އަހަރީ ކޮންގްރެސް އަންނަ މާޗު މަހުގެ 25 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އޯޑިނަރީ ކޮންގްރެސް މި ބާއްވަނީ، އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމަށްޓަކައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިއު ރޭޑިއަންޓުން މަސައްކަތްކޮށްފައިވަނިކޮށެވެ. އެކަމަކު އެފްއޭއެމުން ނިއު ސަސްޕެންޑްކޮށްފައިވާތީ އެކަން ކުރިއަށް ގެންދެވޭނެ މަގެއް މިވަގުތު ނެތެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހު ނިއު ސަސްޕެންޑްކުރީ ސީނިއާ ޓީމުގެ 10 ކުޅުންތެރިއަކަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 3.8 މިލިއަން ރުފިޔާ ނުދީ އޮތުމުން ކަމަށް ބުނެ އެވެ. އެކަމަކު ކުއްލި ގޮތަކަށް ނިއު ސަސްޕެންޑްކުރަން ނިންމީ އެފްއޭއެމްގެ ލީޑާޝިޕުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް އެ ކްލަބުން ހުށަހަޅަން އުޅޭތީ ޒާތީކޮށް އެކަން ނަގައިގެން ކަމަށް ކްލަބުން ބުނެ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ އޯޑިނަރީ ކޮންގްރެސްގައި އޮންނާނީ ބަޖެޓް ފާސްކުރުމާއި އަހަރީ ރިޕޯޓް ފާސްކުރުން ފަދަ އާއްމު ކަންކަން ކަމަށެވެ. އެގްޒެކެޓިވް ކޮމިޓީ އަށް އަލަށް އައްޔަންކުރި މެމްބަރުންގެ ނަންތައް ފާސްކުރުން މި ފަހަރު އޮންނާނެ އެވެ. އެއީ މާޒިޔާގެ ސީއީއޯ ހުސެއިން ޝާފިއު (ކޮއްކީ) އާއި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އަދި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް އެވެ.
އޯޑިނަރީ ކޮންގްރެސްގެ އެޖެންޑާ ފާސްކުރީ އެގްޒެކެޓިވް ކޮމިޓީންނެވެ. އެހެންވެ ކްލަބަކުން ކަމެއް ހުށަހެޅިޔަސް އެޖެންޑާ ކުރުމުގެ ފަހު ބަސް ބުނާނީ ކޮމިޓީންނެވެ.