ސްޕެލެއްޓީގެ މަގާމާ މެދު ސުވާލެއް ނެތް: އިންޓަ
ސްޕެލެއްޓީގެ މަގާމާ މެދު ސުވާލެއް ނެތް: އިންޓަ

މިލާން (ފެބްރުއަރީ 5) – އެންމެ ފަހުން ކުޅުނު ހަތަރު މެޗުން މޮޅެއް ލިބިފައިނުވީ ނަމަވެސް އިންޓަ މިލާނުގެ ކޯޗު ލޫސިއާނޯ ސްޕެލެއްޓީގެ މަގާމް އޮތީ ވަރުގަދަކޮށް ކަމަށް އެ ކްލަބުގެ ސީއީއޯ ޖިސެއްޕޭ މަރޯޓާ ވިދާޅުވެއްޖެ އެވެ.

އިޓާލިއަން ލީގުގެ ތިން ވަނައިގައި އޮތް އިންޓަ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެ އެއް މެޗުން އެއްވަރުވީ އެވެ. އިޓާލިއަން ކަޕުން މިދިޔަ ހަފުތާގައި ކެޓީ ކުއާޓާ ފައިނަލުގައި ލާޒިއޯ އަތުން ބަލިވުމުންނެވެ.

"ބޮލޯނިއާ މެޗަށް ފަހު މަޝްވަރާތަކެއް އަހަރެމެން ބޭއްވިން. އެކަމަކު އެއީ ކޮންމެ މެޗަކަށް ފަހު ވެސް އާއްމުކޮށް ކުރާ ކަމެއް، ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް. ޓީމު އޮތީ އުނދަގޫ ހާލަތެއްގައިކަން ދެނެގަނެވޭ. އޭގެ ސަބަބުން ހާއްސަކޮށް ސަޕޯޓަރުންނަށް މާޔޫސްކަން ލިބޭ. އެކަމަކު ސްޕެލެއްޓީގެ މަގާމް އޮތީ ވަރުގަދަކޮށް،" މަރޯޓާ ވިދާޅުވި އެވެ.

މި ސީޒަނުގައި ލީގު ޗެމްޕިއަންކަމަށް ވާދަކުރެވޭ ފެންވަރަށް އިންޓަ އިން ސްކޮޑް ވަރުގަދަކުރި އެވެ. އެކަމަކު އެކަން ނުވި ތަނުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ވެސް ކެޓީ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ސްޕެލެއްޓީ އަށް މަގާމް ދިފާއުކުރެވެމް އޮތީ ތަށްޓެއް ހޯދައިދީގެންނެވެ. އެކަން ކުރަން އޮތް ހަމައެކަނި ފުރުސަތަކީ ޔުރޮޕާ ލީގެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އިންޓަ އިން އަންނަނީ އެންޓޯނިއޯ ކޮންޓޭއާ ވާހަކަދައްކަމުންނެވެ. ޔުވެންޓަސްއާ އެކު ކާމިޔާބީތައް ހޯދި ކޮންޓޭ މިދިޔަ ސީޒަނަށް ފަހު ޗެލްސީން ވަކިކުރުމުން ހުރީ ވަޒީފާއެއް ނެތި އެވެ. ބެލެވެނީ އޭނާއާ ހަވާލުކުރިޔަސް ކުރާނީ އަންނަ ސީޒަނުގައި ކަމަށެވެ.

"އަހަރެމެންގެ އަމާޒަކީ ޗެމްޕިއަންސް ލީގަށް ކޮލިފައިވުން. އުނދަގޫ ހާލަތްތަކުގައި ވެސް ޕްރެޝަރާ ކުރިމަތިލާން ދަންނަ، ސްޕެލެއްޓީ އަހަރެމެން މި ހާލަތުން ނެރޭދޭނެ ކަމާ މެދު ޝައްކެއް ނުކުރަން،" މަރޯޓާ ވިދާޅުވި އެވެ.