މިއީ ގެއްލިފައިވާ ފުޓްބޯޅަ ފޯރި އާލާކުރުމުގެ ފެށުމެއް: ތޯރިގު
މިއީ ގެއްލިފައިވާ ފުޓްބޯޅަ ފޯރި އާލާކުރުމުގެ ފެށުމެއް: ތޯރިގު

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅޭ މެޗަށް އާޖެންޓީނާގެ ކުރީގެ ކެޕްޓަން ރޮބާޓޯ އަޔާލާ އާއި ސްޕެއިނުގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ގެންނަނީ ރާއްޖޭގައި ގެއްލިފައިވާ ފުޓްބޯޅަ ފޯރި އާލާކުރުމުގެ މަސައްކަތުގެ ފެށުމެއްގެ ގޮތުން ކަމަށާއި މި ކަމަށް ހުރިހާ ފަރާތެއްގެ އެހީ ބޭނުންވާ ކަމަށް އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވެއްޖެ އެވެ.

އަންނަ ހޯމަ ދުވަހު ގަލޮޅު ދަނޑުގައި ކުޅޭ މި ހާއްސަ މެޗުގައި އަޔާލާ ކުޅުނު ނަމަވެސް ނަމަވެސް ޒަވީ މި މެޗުގައި ނުކުޅޭނެ އެވެ.

"އަޔާލާ މެޗުގެ ކޮންމެސް ހިސާބަކުން ކުޅޭނެ. އެކަމަކު ޒަވީ އަންނަނީ އޭނާގެ ކްލަބް (ގަތަރުގެ އަލް ސާދު)އާ އެކު ތަމްރީންތަކެއް ހަދަމުން. އެހެންވެ މެޗު ކުޅެން އޭނަ އަށް ހުއްދައެއް ނެތް،" އެފްއޭއެމް ހައުސްގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ތޯރިގު ވިދާޅުވި އެވެ.

ހާއްސަ މެޗުގައި ކުޅުމަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަށް މިހާރުވާނީ ދައުވަތު ފޮނުވާފައިކަމަށާއި އެ ޓީމަށް އިރުޝާދުދިން ޖޯސެފް ޔަންކޭ ވެސް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ތޯރިގު ވިދާޅުވި އެވެ.

މިނިވަން ފުޓްބޯޅަ މުބާރާތުގައި ކުޅުދުއްފުށީ ޓީމަށް ތަރުހީބުދިން އެ ރަށު ސަޕޯޓަރުން ހާއްސަ މެޗުގައި ތަރުހީބު ދޭން މާލެ އަންނަން ތޯރިގް ވަނީ ދަައުވަތުދީފަ އެވެ. އޭނާ ވިދާޅުވީ އެ ރަށުން އެ ދައުވަތު ބަލައިގެންފައިވާ ކަމަށާއި އެކަމަށްޓަކައި ސަޕޯޓަރުންނަށް ޝުކުރުއަދާކުރާ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމު ކުޅޭ ހާއްސަ މެޗުގެ އިތުރުން ގައުމީ ޓީމު އަންނަ މަހު އެއް ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ އަށް ފަހު އަންނަ މަހު ހަތް ވަނަ ދުވަހު އޭޝިއަން ކަޕް ކޮލިފައިންގައި ލާއޯސްއާ ދެކޮޅަށް ކުޅޭނެ އެވެ.

"މެއިން ޓާގެޓަކީ ލާއޯސް މެޗުން މޮޅުވުން. އެއީ ބަލިވެގެން ފަރުޖައްސާލެވެން އޮތް މެޗެއް ނޫން. ޓެކްނިކަލް ކޮމިޓީގެ ލަފާގެ މަތިން ލާއޯސް މެޗަށް ތައްޔާރުވާން ބަންގްލަދޭޝްއާ ދެކޮޅަށް ކުޅެން ނިންމީ. އެއީ ލާއޯސްއާ އެއް ފެންވަރެއްގެ ޓީމަކަށް ވެފައި ގައުމީ ޓީމަށް ވެސް ފައިދާ ކުރާނެތީ،" ތޯރިގު ވިދާޅުވި އެވެ.

ރާއްޖެ މެޗަށް ތައްޔާރުވުމަށް ލާއޯސް ޓީމުން ވަނީ މި މަހު ސައުދީ އަރަބިއާގައި ކޭމްޕްކޮށް އެ ގައުމުގެ ގައުމީ ޓީމާ ދެކޮޅަށް ދެ މެޗު ކުޅުމަށް ވަނީ ނިންމައިފަ އެވެ. އަންނަ މަހު ހަތް ވަނަ ދުވަހު މާލޭގައި ފުރަތަމަ ލެގު ކުޅޭއިރު، ލާއޯސްގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އޮންނަނީ އޮކްޓޫބަރު 11 ވަނަ ދުވަހު އެވެ.

ހާއްސަ މެޗުގެ ޓިކެޓް ވިއްކާ ދުވަސްތަކާއި ގަޑިތައް މާދަމާ އިއުލާންކުރާނެ އެވެ.