މިދިޔަ މަހު އެންމެ ބޮޑު ހޭދައެއް ކުރީ އެޑިއުކޭޝަން މިނިސްޓްރީން
މިދިޔަ މަހު އެންމެ ބޮޑު ހޭދައެއް ކުރީ އެޑިއުކޭޝަން މިނިސްޓްރީން

ދައުލަތުގެ ބަޖެޓުން މިދިޔަ މަހު އެންމެ ބޮޑު ޚަރަދެއް ކުރީ އެޑިއުކޭޝަން މިނިސްޓްރީން ކަން ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ މާލީ ރިޕޯޓުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާ އަކު ނެރޭ މާލީ ރިޕޯޓުން ދައްކާ ގޮތުން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ ޖެނުއަރީ މަހު 256 މިލިއަން ރުފިޔާ ޚަރަދު ކޮށްފަ އެވެ. އެ މިނިސްޓްރީން އެހާ ބޮޑު ހޭދައެއް ކޮށްފައި ވަނީ ދިރާސީ އާ އަހަރުގެ ތައްޔާރީތަކާ ގުޅިގެން ކަމަށް ބެލެވެ އެވެ.

މީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުން ޚަރަދު ކޮށްގެން ސްކޫލްތަކުގައި މިދިޔަ މަހު ވަނީ ނާސްތާ ޕްރޮގްރާމް ވެސް ފަށައިފަ އެވެ.

1. ހެލްތް މިނިސްޓްރީ- 121 މިލިއަން ރުފިޔާ

2. މޯލްޑިވްސް ޕޮލިސް ސާވިސް- 78 މިލިއަން ރުފިޔާ

3. ޑިފެންސް މިނިސްޓްރީ- 74 މިލިއަން ރުފިޔާ

4. ދަތުމަވަންތަ ހޮސްޕިޓަލް- 47 މިލިއަން ރުފިޔާ

5. ލޯކަލް ކައުންސިލްތައް- 44 މިލިއަން ރުފިޔާ

މިދިޔަ މަހު އެންމެ މަދުން ހޭދަކޮށްފައިވާ ސަރުކާރުގެ އޮފީސްތަކުގެ ތެރޭގައި ހައުސިން އެންޑް އާބަން މިނިސްޓްރީ އާއި ފެމިލީ ޕްރޮޓެކްޝަން އޭޖެންސީ އާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ޓޫރިޒަމް މިނިސްޓްރީ އާއި ހޯމް އެފެއާޒާއި މީޑިއާ ކައުންސިލް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް ވެސް ހިމެނެ އެވެ.

ސަރުކާރުގެ 52 އިދާރާ އަކުން މިދިޔަ މަހު ހިންގި އެކި މަސައްކަތްތަކަށް ޖުމްލަ 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މި އަހަރުގެ ބަޖެޓުގައި ޚަރަދު ކުރުމަށް ކަނޑައަޅާފައި ވަނީ 27.3 ބިލިއަން ރުފިޔާ އެވެ. މި އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓަކީ 30.2 ބިލިއަން ރުފިޔާ އެވެ.

މި ސަރުކާރުގައި ފިނޭންސް މިނިސްޓްރީން އަންނަނީ ދައުލަތުގެ މާލީ ހާލަތު ކޮންމެ ހަފުތާ އަކު ހާމަކުރަމުންނެވެ.