05 ފެބުރުއަރީ 2019 - 13:23

ށ. ފޯކައިދުއަށް ޗުއްޓީއަކަށް ގޮސް ހުރި އިންޑިއާ މީހަކު، ކަށީގެ ޑޮކްޓަރެއް ކަމަށް ބުނެ، އެއްވެސް ހުއްދައެއް ނެތި، މީހުންނަށް ފަރުވާ ދެމުން ދަނިކޮށް ފުލުހުން އެކަން މިއަދު ހުއްޓުވައިފި އެވެ.
އެ ރަށު ކައުންސިލުން ބުނީ މީގެ ދެ ދުވަސް ކުރިން އެ ރަށަށް އިންޑިއާގެ އެހެން މީހަކާ އެކު ޗުއްޓީއަކަށް ދިޔަ އެމީހާ އަކީ ޓްރެވަންޑްރަމްގައި ކްލިނިކެއް ވެސް ހިންގާ "ޑޮކްޓަރެއް" ކަމަށެވެ. އެ ރަށު ބައެއް މީހުން ޓްރިވަންޑްރަމަށް ގޮސްގެން ވެސް އޭނާގެ ގާތުން ފަރުވާ ހޯދާފައިވާ ކަމަށް ކައުންސިލުން ބުނެ އެވެ.
ފޯކައިދުއަށް އޭނާ ދިޔައީ، އެއް ކައުންސިލަރަކު ވިދާޅުވި ގޮތުގައި، އޭނާގެ ގާތުން ފަރުވާ ހޯދާފައިވާ އެ ރަށު ބަޔަކާ އުފެދުނު ރަހުމަތްތެރިކަމެއްގަ އެވެ. އެކަމަކު އެއްވެސް ހުއްދައެއް ނެތި ފަރުވާ ދޭތީ ރަށު ބައެއް މީހުން ފުލުހުންނަށް މައްސަލަ ހުށައެޅުމުން އެކަން ކުރުން ހުއްޓުވީ އެވެ.
އަގު ނަގައިގެން އޭނާ ދެމުން އައީ ޗައިނީސް މެޑިސިންގައި ދޭ ބައެއް ކަހަލަ ފަރުވާ ކަމަށް، ފޯކައިދޫ ބައެއް މީހުން ބުނެ އެވެ.
ފަރުވާ ދިނުން ހުއްޓުވި ނަމަވެސް ފުލުހުން އޭނާ ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އިންޑިއާ މީހާއަށް ދައްކަން ރަށުގެ ގިނަ އަދަދެއްގެ ބަޔަކު ދިޔަ އެވެ. ފޯކައިދުއަށް އޭނާ މަޝްހޫރުވެފައި އޮންނަނީ ކަށީގެ ޑޮކްޓަރެއްގެ ގޮތުގަ އެވެ.
"މީހުން ބުނަނީ އޭނާއަކީ ޑޮކްޓަރެކޭ. އެ ގައުމުގައި އޭނާއަށް ދައްކަން ވަރަށް ނަމްބަރު ނުލިބޭ. ދެން ސީދާ އަޅުގަނޑުމެންނަކަށް ނޭނގޭ އެއީ ކާކު ކަމެއް،" ކައުންސިލަރު ވިދާޅުވި އެވެ.
ރާއްޖޭގައި ސިއްހީ ހިދުމަތް ދިނުމުގެ ހުއްދަ ލިބެނީ ހެލްތު މިނިސްޓްރީން އެ މީހެއްގެ ވަނަވަރާއި ތައުލީމީ ފެންވަރު ބަލައި ވަޒަން ކުރުމަށް ފަހު އެވެ. އަދި ސިއްހީ ހިދުމަތެއް ދިނުމުގެ ކުރިން ކޮންމެހެން ނަގަން ޖެހޭ ގިނަ ހުއްދަތަކެއް ހުރެ އެވެ.