އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު: އެމްބާޕޭ
އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު: އެމްބާޕޭ

ޕެރިސް (ފެބްރުއަރީ 5) - މި ސީޒަނުގައި ޕީއެސްޖީގެ އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު ކަމަށާއި އެހެން މުބާރާތްތަކުގައި ކުޅޭ މެޗުތަކުން ނުކުންނަ ނަތީޖާގެ އަސަރު އެ ޓީމަށް ނުކުރާނެ ކަމަށް ޕީއެސްޖީގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ ބުނެފި އެވެ.

އާދިއްތަ ދުވަހުގެރޭ ފްރެންޗް ލީގުގައި ކުޅުނު މެޗުން ޕީއެސްޖީ ވަނީ ރަށުންބޭރުގައި ވާދަވެރި ލިޔޯން އަތުން 2-1 އިން ބަލިވެ، ލީގުގައި ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެފަ އެވެ. އެމްބާޕޭ ބުނީ މިއީ ހަމައެކަނި އެންމެ މެޗެއް ކަމަށާއި ސީޒަނުގައި ކުރިއަށް މާ އުނދަގޫ ޗެލެންޖްތައް އެބަހުރި ކަމަށެވެ.

"އަހަރެމެންގެ އެންމެ ބޮޑު އަމާޒަކީ ޗެމްޕިއަންސް ލީގު. އެ މެޗާ މެދު އަދި ނުވިސްނަން. އެއީ އޭގެ ކުރިން މެޗުތަކެއް ކުޅެން ޖެހިފައި އޮތީމަ. އަހަރެމެންނަށް އެހެން މުބާރާތެއްގެ މެޗަކުން ބަލިވެގެން މާ ބޮޑު އަސަރެއް ނުކުރާނެ. އެއީ އެންމެ ބޮޑަށް ފޯކަސް އެއް އޮތީ ޗެމްޕިއަންސް ލީގަށް ކަމަށްވާތީ،" ލިޔޯން މެޗަށް ފަހު އެމްބާޕޭ ނޫސްވެރިން ކުރި ސުވާލަކަށް ބުންޏެވެ.

އަންނަ ހަފްތާގައި ޗެމްޕިއަންސް ލީގުގައި ރަށުންބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގެ މެޗު އޮންނާނެ އެވެ. ޕީއެސްޖީ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ ބްރެޒިލް ތަރި ނޭމާ އަށް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ދެ ލެގުގައި ވެސް ނުކުޅެވުމެވެ.

އެމްބާޕޭ ބުނީ ނޭމާ އަށް ނުކުޅެވުމަކީ ކަންބޮޑުވުމެއް ކަމަށާއި އެކަމަކު އަނެއްކޮޅުން ވިސްނާއިރު ޓީމަށް ލިބޭނެ ހިތްވަރެއް ވެސް އެބައޮތް ކަމަށެވެ.

"މިިދިޔަ އަހަރު ވެސް އަހަރެމެންނަށް އެންމެ ބޮޑު މައްސަލައެއް ދިމާވީ ނޭމާގެ އަނިޔާގެ ސަބަބުން. އެހެންވެ މިދިޔަ އަހަރު ހެދިފައި ހުރި ގޯސްތައް އަލުން ރަނގަޅުކުރަން މިހާރު މި އޮތީ ފުރުސަތު ލިބިފައި. ނޭމާގެ މުހިއްމުކަން މި ޓީމަށް ބޮޑު. އަހަރެމެން ޖެހޭނީ އޭނާ އަށް ޓަކައި ވިޔަސް މި މެޗުތަކުން މޮޅުވާން،" އެމްބާޕޭ ބުންޏެވެ.

ދާދި ފަހުން ޔުނައިޓެޑާ ބެހޭގޮތުން ޕީއެސްޖީގެ ކެޕްޓަން ތިއާގޯ ސިލްވާ ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ. ސިލްވާ ބުނީ ލިޔޯނާ ދެކޮޅަށް ޕީއެސްޖީން ދެއްކި ކުޅުމުގެ ސަބަބުން ޔުނައިޓެޑަށް ގިނަ ކަންތައްތަކެއް ދަސްވި ނަމަވެސް އަންނަ ހަފްތާގައި ކުޅޭ މެޗުގައި އޭގެއިން ހިފޭނެ މާ ބޮޑު ބޭނުމެއް އޮންނާނެ ކަމަށް ނުދެކޭ ކަމަށެވެ.

"ލިޔޯން އަތުން އަހަރެމެން ބަލިވުމުން މެންޗެސްޓާ ޔުނައިޓެޑުން އުފާވިޔަސް ހަގީގަތަކީ އަންނަ ހަފްތާގައި އަހަރެމެން ކުޅެން އޮތް ޗެމްޕިއަންސް ލީގަކީ މުޅިން ތަފާތު މެޗެއް. އެ މެޗަށް ތައްޔާރުވާ ގޮތް ވެސް މުޅިން ތަފާތުވާނެ،" ސިލްވާ ބުންޏެވެ.

ޔުނައިޓެޑާއި ޕީއެސްޖީ ކުޅޭ ފުރަތަމަ ލެގުގެ މެޗު އޮންނާނީ މި މަހުގެ 12 ވަނަ ދުވަހު އެވެ.