06 ފެބުރުއަރީ 2019 - 07:37

އަރްޖުން ކަޕޫރާއި ޕަރިނީތާ ޗޯޕްޅާގެ ޖޯޑު ފެނިގެންދާ ތިން ވަނަ ފިލްމު "ސަންދީޕް އޯރް ޕިންކީ ފަރާރް" އަންނަ މަހުގެ 1 ވަނަ ދުވަހު ރިލީޒް ނުކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް، ދިބާކަރު ބެނަޖީ ޑައިރެކްޓްކޮށްފައިވާ ފިލްމު އެ ތާރީހުގައި ރިލީޒް ނުކުރަން ނިންމީ އުންމީދީ އެހެން ދެ ފިލްމެއް މާޗް 1 އަށް ތާވަލު ކުރުމުން ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ބުންޏެވެ.
އެ ތާރީހުގައި ސިނަމާތަކަށް ގެންނަ ފިލްމުތަކުގެ ތެރޭގައި މި މަހުގެ 8 އިން މާޗް 1 އަށް ފަސް ކުރި، ސުޝާންތު ސިންގް ރާޖްޕޫތާއި ބޫމީ ޕެޑްނޭކަރުގެ "ސޯންޗިރައްޔާ" އާއި ކާތިކް އާރިޔަން އާއި ކްރިތީ ސެނަންގެ "ލުއްކާ ޗުއްޕީ" ހިމެނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ސަންދީޕް އޯރް ޕިންކީ ފަރާރް" ރިލީޒް ކުރާނެ އެހެން ތާރީހެއް ވަރަށް އަވަހަށް އިއުލާނެ ކުރާނެ އެވެ. ނަމަވެސް ފިލްމު މިހާރު ތާވަލުކޮށްފައި އޮތް ތާރީހަށް ރިލީޒް ނުކުރަން ނިންމާފައިވާކަން ވައިއާރްއެފުން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ.
ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ފިލްމު ރިލީޒް ކުރަން އޮތް ތާރީހު މަހަކަށް ވުރެ ކުރުވެފައިވާ އިރު، އޭގެ އެއްވެސް ޕްރޮމޯޝަނަލް ހަރަކާތެއް ވެސް އަދި ނުފަށާ ކަމެވެ. "ލަވް ސެކްސް އޯރް ދޯކާ" އާއި "ޑިޓެކްޓިވް ބިއޯމްކޭޝް ބަކްޝީ" ފަދަ ފިލްމުތައް ގެނެސް ދީފައިވާ ދިބާރުގެ "ސަންދީޕް އޯރް ޕިންކީ ފަރާރް" އަކީ ރޮމޭންޓިކް ތުރިލާ/ބްލެކް ކޮމެޑީއެކެވެ.
މި ފިލްމު އެންމެ ފުރަތަމަ ރިލީޒް ކުރާ ގޮތަށް އޮތީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 31 ގަ އެވެ. އަދި ތާރީހު ބަދަލު ކުރިކަން އިއުލާން ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ފަހުކޮޅު އެވެ.
"ސަންދީޕް އޯރް ޕިންކީ ފަރާރް" ގެ ލީޑް ރޯލް ކުޅެފައިވާ އަރުޖުން އާއި ޕަރިނީތީ އެންމެ ފަހުން އެކުގައި ފެނިގެން ދިޔަ، މިދިޔަ އަހަރުގެ "ނަމަސްތޭ އިންގްލެންޑް" އަކީ ބޮޑު ފްލޮޕެކެވެ. މި ދެ ތަރިން އެކީގައި ކުޅުނު ފުރަތަމަ ފިލްމަކީ 2012 ގައި އަރުޖުން ބޮލީވުޑަށް ތައާރަފުވި "އިޝަގްޒާދޭ" އެވެ.
މި އަހަރު ރިލީޒް ވާން ހުރި ޕަރިނީތީގެ ފިލްމުތަކުގެ ތެރޭގައި އަންނަ މަހުގެ 21 ގައި ރިލީޒް ކުރާ "ކޭސަރީ" ހިމެނެ އެވެ. އަދި އަރުޖުން ފެންނާނެ ފިލްމުތަކުގެ ތެރޭގައި މެއި 24 ގައި ރިލީޒް ކުރާ "އިންޑިއާސް މޯސްޓް ވޯންޓެޑް" އަދި ޑިސެމްބަރު 6 ގައި ރިލީޒް ކުރާ "ޕާނިޕަޓް" ފާހަގަކޮށްލެވެ އެވެ.