05 ފެބުރުއަރީ 2019 - 08:24

ޔަމަންގެ ވެރިރަށް ސަންއާ ކައިރިން އުދުހުނު އީރާންގެ ޑްރޯނެއް ވައްޓާލާފައިވާ ކަމަށް، ޔަމަންގައި ހަނގުރާމަކުރާ އަރަބި ގައުމުތަކުގެ ކޯލިޝަނުން ބުނެފި އެވެ.
ޕްރެސް ކޮންފަރެންސެއްގައި، ކޯލިޝަންގެ ތަރުޖަމާނު ކާނަލް ތުރްކީ އަލް މާލިކީ ވަނީ މި ޑްރޯންގެ ފޮޓޯތައް ދައްކާލައިފަ އެވެ. އޭނާ ވިދާޅުވީ ސަންއާ ކައިރީގައި އޮޕަރޭޓްކުރާ ޑްރޯންތަކާއި އެކަން ކުރާ ތަޖުރިބާކާރުން ވެސް އުޅޭ ކަމަށާއި އެ މީހުންނަށް އަމާޒުކޮށް ހަމަލާތައް ދޭ ކަމަށެވެ.
ޔަމަންގައި ބާރު ގަދަކޮށްގެން އުޅޭ އެ ގައުމުގެ ޚޫތީ ހަނގުރާމަވެރިން މި ފަހަކަށް އައިސް ޑްރޯން ބޭނުންކޮށްގެން ހަމަލާ ދިނުން ވަނީ އިތުރުވެފަ އެވެ. މިއީ އީރާނުން ސަޕްލައިކޮށްދޭ އެއްޗެހި ކަމަށް އެކި ފަރާތްތަކުން އަންނަނީ ތުހުމަތުކުރަމުންނެވެ.
އަރަބި ގައުމުތަކުގެ ތެރެއިން އެންމެ ފަގީރު އެއް ގައުމު ކަމަށްވާ ޔަމަންގައި ހަނގުރާމަ ފެށުނީ އެ ގައުމުގެ ޒަމާންވީ ރައީސް އަލީ އަބްދުﷲ ސޯލިހްގެ ވެރިކަމާ ދެކޮޅަށް ކުރި މުޒާހަރާތަކަށް ފަހު އޭނާގެ ނައިބަށް ވެރިކަން ހަވާލުކުރި ހިސާބުންނެވެ. ސިޔާސީ ހަމަނުޖެހުމުގެ ފައިދާ، އެ ގައުމުގެ ޝިއައީ ޚޫތީން ނަގައި، ގައުމުގެ އެކި ހިސާބުތަކުގައި ބާރު ގަދަކުރި އެވެ.
ޚޫތީ ހަނގުރާމަވެރިންގެ ބާރު ގަދަވެ، ވެރިރަށް ސަންއާ ވެސް އެ މީހުންގެ އަތްދަށަށް ދިޔަ އެވެ. އީރާންގެ ތާއީދާއި މަދަދާ އެކު ޚޫތީން ޔަމަނަށް ގަދަވެގަތުމާ އެކު، ސައޫދީ އާއި އަރަބި އަށް ގައުމަކުން ބައިވެރިވެގެން ޔަމަންގައި ހަނގުރާމަ ފެށި އެވެ. މި ހަނގުރާމާގައި 2015 އިން ފެށިގެން އެތައް ހާސް ބަޔަކު މަރުވެ ގައުމު އޮތީ ބަނޑަށް ޖެހިފަ އެވެ.