04 ފެބުރުއަރީ 2019 - 21:04

ފަސްޓްލޭޑީ ފަޒްނާ އަހުމަދުގެ ތުރުކުރައްވާ ދިގުހެދުންތަކަށް ސޯޝަލް މީޑިއާގައި ވަރަށް ތައުރީފުކުރެ އެވެ. އެގޮތުން މިފަހަރު މިއޮތީ އެކަމަނާގެ ދިގު ހެދުމާ ގުޅޭ ތަފާތު ވާހަކައެކެވެ. ފިރިކަލުން ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއެކު ސްރީލަންކާ އަށް ވަޑައިގެން މިއަދު އެ ގައުމުގެ 71 ވަނަ މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތްއިރު ފަސްޓްލޭޑީ ތުރުކުރައްވައިގެން ހުންނެވީ ކެންސަރު ބަލިން ސަލާމަތްވެފައިވާ، އެ ގައުމުގެ އަންހެނަކު ޑިޒައިންކުރި ހެދުމެކެވެ.

އެކަމަނާގެ ފޭސްބުކްގައި ލިޔުއްވި ގޮތުގައި، ސާމަރާ ފަތް ލައިގެން ފަހާފައިވާ ރަތް ހެދުން ޑިޒައިންކޮށްފައިވަނީ ލަންކާގެ ޑިޒައިނަރެއް ކަމަށްޗާ ސޭންޑީ ޖަޔަސޫރިޔާއެވެ. މިއަދަކީ ކެންސަރާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަސް ކަމަށް ވެސް ވުމުން އެއީ އެކަމަނާ އަށް ލިބިވަޑައިގެންނެވި ފަހުރެއްކަމަށް ވިދާޅުވެފަ އެވެ.

އެ ދިގު ހެދުން ޑިޒައިންކޮށްފައިވަނީ ބޮޑެތި ސާމަރާ ފަތްތަކެއް ލައިގެންނެވެ. އެގޮތުން ހެދުމުގެ ކުރިމަތީގައި އޭގެ ތިން ފަތެއް ސިފަވާގޮތަށް ޑިޒައިންކޮށްފައިވާއިރު ބޮލުފޮތިކޮޅު ވެސް ތައްޔާރުކޮށްފައިވަނީ ސާމަރާގެ ކުދި ފަތްތަކެއް ލައިގެންނެވެ.

ކޮލޮމްބޯގެ ހިތްގައިމް ގޯލް ފޭސް ގްރީންގައި ބޭއްވި ލަންކާގެ މިނިވަންދުވަހުގެ ރަސްމިއްޔާތުގައި ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އިތުރުން ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ހުވާކުރުމުގެ ރަސްމިއްޔާތުގައި ވެސް ފަޒްނާ ތުރުކުރައްވައިގެން ހުންނެވި ދިގުހެދުމަށް ގިނަ ބަޔަކު ތައުރީފުކޮށްފައި ވެ އެވެ. ނޮވެމްބަރު 17، 2018 ވަނަ ދުވަހު ބޭއްވި ރަަސްމިއްޔާތުގައި އެކަމަނާ ބޭނުންކުރެއްވީ ރާއްޖޭގެ ރީތިކަން ދައްކުވައިދޭ "ޖަޒީރާ" ވަންތަ ކަމެކެވެ. އެ ހެދުން ޑިޒައިންކޮށްފައިވަނީ ދިވެހި ބްރޭންޑް "އައިލެންޑް ބާޒާރު" އިންނެވެ.