25 އޯގަސްޓް 2016 - 06:32

ކުށުގެ ވެށިން ލިބޭ، އެތަނުގައި އުޅެފައިވާ މީހުން ޖަހާފައި ހުންނަ ސެންޓުގެ ވަހުން ތަހުގީގަށް އެހީތެރިކަން ހޯދައި ކުށްވެރިން ދެނެގަންނަން ބޭނުންކުރެވިދާނެ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ސައިންސްވެރިންގެ ހޯދުމުން އެނގުނު ގޮތުގައި އެކަކު ޖަހާފައި ހުންނަ ސެންޓު އެހެން މީހުންގެ އަންނައުނަށް ވަރަށް ފަސޭހައިން ވާސިލްވެ ހަރުލަ އެވެ. އަދި މިގޮތަށް ވާސިލުވާ ސެންޓުގެ އަސަރު އެތައް ދުވަހެއް ވަންދެން ހުރެ އެވެ. ނަމަވެސް ދުވަސްވީ ވަރަކަށް އޭގެ އަސަރު ކުޑަވަމުންދެ އެވެ.
ސައިންސްވެރިން ބުނީ ސެންޓުގެ ވަހަކީ ކުށުގެ ވެށިން ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން ޔަގީންކުރެވިފައިވާ ކަމަށެވެ.
ސައިންސް އެންޑް ޖަސްޓިސް ޖާނަލްގައި ސައިންސްވެރިން ބުނެފައިވާ ގޮތުގައި ޖިންސީ އަމަލުތަކާ ގުޅުން ހުރި ކުށާއި ގައިގޯޅިކަން ބޮޑު ގޮތަކަށް ހިންގާފައި ހުންނަ އެހެން ކުށްތަކުގައި ހެކީގެ ގޮތުގައި ވަރަށް މުހިންމު ދައުރެއް ސެންޓުން އަދާކުރާނެ އެވެ.
"ސެންޓަކީ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެއް ކަމަށް ބަލަންޖެހޭ ވަރަށް ގިނަ ސަބަބުތައް އެބަހުރި ކަމަށް އަޅުގަނޑުމެން ގަބޫލުކުރީ ސެންޓަކީ ވަރަށް ގިނަ މީހުން ޖަހާ އެއްޗަކަށް ވެސް ވާތީ،" ދިރާސާގައި އިސްކޮށް ހުންނެވި، ޔުނިވަސިޓީ ކޮލެޖް ލަންޑަންގެ ރިސާޗާ ސިމޯނާ ގާގަލް ވިދާޅުވެފައިވެ އެވެ.
"އަންހެނުންގެ 90 ޕަސެންޓް އަދި ފިރިހެނުންގެ 60 ޕަސެންޓް މީހުން އާންމު ގޮތެއްގައި ސެންޓު ޖަހާ،"
ސައިންސްވެރިން ބުނެފައި ވަނީ ފޭރާމުން އެއްތަނުން އަނެއް ތަނަށް އެއްޗެހި ވާސިލްވާ ގޮތާއި ބަޑީގެ އުންޑައިން އެއްޗެހި ވާސިލުވާ ގޮތް ދެނެގަތުމުގައި ފޮރެންސިކް ސައިންސްގެ ދާއިރާގައި ވަރަށް ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސެންޓުގައި ވަރަށް ގިނަ ކެމިކަލް ކަމްޕައުންޑްސް ހިމެނޭއިރު އަދި ކޮންމެ ސެންޓެއްގައި ވެސް ތަފާތު ވަސްތަކެއް ހުންނައިރު ހެކީގެ ގޮތުގައި މީގެ ސާމްޕަލް ބޭނުންކުރެވުމަކީ ކުރިއެރުމެއްގެ ގޮތުގައި ސައިންސްވެރިން ދެކެ އެވެ. ދިރާސާގައި، ފިރިހެނުންގެ ސެންޓެއްގެ ކޮމްޕައުންޑްތައް އެކެއްގެ ގައިން އަނެކަކުގެ ގަޔަށް ވަރަށް ފަސޭހައިން އަރާކަން ދެނެގަނެވިފައިވެ އެވެ.
ސެންޓު ޖެހުމަށް ފަހު ވަގުތާއި ހާލަތާ ގުޅޭ ގޮތުން އޭގެ ވަހާއި ކެމިކަލް ކަމްޕައުންޑްތަކަށް އަންނަ ބަދަލުން، ހާދިސާ ހިނގި ވަގުތު ލަފާކުރުމުގައި ވެސް ބޭނުންކުރެވޭނެ ކަމަށް ސައިންސްވެރިންގެ ދިރާސާއިން ވަނީ ދައްކާފަ އެވެ.