06 ފެބުރުއަރީ 2019 - 07:38

ދާދި ފަހުން ލީޑް ކާސްޓުން އިއުލާން ކުރި ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ" ގެ ޝޫޓިން ފަށައިފި އެވެ.
ޓީ ސީރީޒާއި ބީއާރް ސްޓޫޑިއޯ ގުޅިގެން ހަދާ ފިލްމުގެ ޝޫޓިން ފެށުމާ އެކު ޕްރޮޑިއުސަރު ބުޝަން ކުމާރު ވަނީ ސެޓުން ނަގާފައިވާ ފޮޓޯއެއް ޓްވިޓްކޮށްފަ އެވެ. "ޕަތީ ޕަތުނީ އޯރް ވޯ" އަކީ 1978 ގައި ހަމަ އެ ނަމުގައި ގެނެސްދިން ކަލްޓް ކްލަސިކްގެ ރިމޭކެކެވެ.
މުދައްސަރު އަޒީޒް ޑައިރެކްޓްކުރާ ފިލްމުގެ ތަރިންނަކީ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު އަރާފައިވާ ކާތިކް އާރިޔަން އާއި އަނަންޔާ ޕާންޑޭގެ އިތުރުން ބޫމީ ޕެޑްނޭކަރް އެވެ.
ޗަންކީ ޕާންޑޭގެ އަންހެން ދަރިފުޅު އަނަންޔާ ބޮލީވުޑަށް ތައާރަފު ވާނީ އަންނަ މެއި މަހުގެ 10 ދުވަހު ރިލީޒް ކުރާ ކަރަން ޖޯހަރުގެ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ. "ޕަތީ ޕަތުނީ އޯރް ވޯ" އަކީ އޭނާ ސޮއި ކުރި ދެވަނަ ފިލްމެވެ.
މި ފިލްމަކީ ފިރިހެނަކު ކައިވެނިން ބޭރުގައި އޭނާގެ އޮފީސް ސެކްރެޓަރީއާ އެކު ބާއްވާ ލޯބީގެ ގުޅުމެއްގެ ސަބަބުން ދިމާވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. ބީއާރް ޗޯޕްޅާ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ތަރިންނަކީ ސަންޖީވް ކަޕޫރް، ވިދިޔާ ސިންހާ އަދި ރަންޖީތާ ކޯރް އެވެ.
މީގެ ރިމެކްގައި ސަންޖީވްގެ ރޯލުން ކާތިކް ފެނިގެންދާ އިރު އޭނާގެ އަންހެނުން ވިދިޔާގެ ރޯލް ކުޅޭނީ ބޫމީ އެވެ. އަދި އޮފީސް ސެކްރެޓަރީ ރަންޖީތާގެ ރޯލުން ފެނިގެން ދާނީ އަނަންޔާ އެވެ.
"ޕަތީ ޕަތުނީ އޯރް ވޯ" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާން ނުކުރި ނަމަވެސް، މި އަހަރު ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވެ އެވެ.
މި ފިލްމުގެ ޑައިރެކްޓަރު މުދައްސަރު އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ މިދިޔަ އަހަރު ރިލީޒް ކުރި "ހެޕީ ޕިރް ބާގް ޖާއޭގީ" އެވެ.