ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމުގެ ނަމަކީ "ސްޓްރީޓް ޑާންސާ"
ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމުގެ ނަމަކީ "ސްޓްރީޓް ޑާންސާ"

ވަރުން ދަވަން އާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅޭ، ޑައިރެކްޓަރު ރެމޯ ޑި ސޫޒާގެ ޑާންސް ފިލްމުގެ ނަމާ ބެހޭ ގޮތުން އެކި ވާހަކަތައް ދެކެވެމުން އަންނަނިކޮށް، އެ ފިލްމުގެ ނަމަކީ "ސްޓްރީޓް ޑާންސާ" ކަން ކަށަވަރުކޮށްދީފި އެވެ.

މީޑިއާތަކުން މިހާތަނަށް ރިޕޯޓް ކުރަމުން އައި ގޮތުގައި ޓީ ސީރީޒުން އުފައްދާ މި ފިލްމަކީ ރެމޯ އުފެއްދި ޑާންސް ފިލްމު އެނީބަޑީ ކޭން ޑާންސް (އޭބީސީޑީ) ގެ ތިން ވަނަ ބައެވެ. އެހެންވެ ފިލްމަށް ދީފައިވާ ނަމަކީ "އޭބީސީޑީ 3" ކަމަށް ބުނެފައިވެ އެވެ. އެއީ ފިލްމުގެ ނަން ކަމަށް ބައެއް މީޑިއާތަކުން ބުނަމުން ދިޔައީ ފިލްމުގެ ޓީމުން ސޯޝަލް މީޑިއާގައި އޭގެ ވާހަކަ ހިއްސާ ކުރާ އިރު #3 ބޭނުން ކުރާތީ އެވެ.

ނަމަވެސް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ކުރިން ވެސް މި ފިލްމުގެ ނަމަކީ "ސްޓްރީޓް ޑާންސާ" ކަމަށް ލަފާކޮށްފައިވެ އެވެ. އެންމެ ފަހުން މިއޮތީ މޯޝަން ޕޯސްޓަރާ އެކު ފިލްމުގެ ނަމަކީ އެއީ ކަށަވަރު ކޮށްދީފަ އެވެ.

މިދިޔަ މަހުގެ 22 ގައި "ސްޓްރީޓް ޑާންސް" ގެ ޝޫޓިން ޕަންޖާބްގައި ފެށުމަށް ފަހު، މިހާރު ޝޫޓިން ކުރިއަށް ދަނީ ލަންޑަނުގަ އެވެ. މީގެ ބޮޑު ބައި ޝޫޓް ކުރަނީ ވެސް އެތަނުގަ އެވެ.

"ސްޓްރީޓް ޑާންސާ" އިން ވަރުން އާއި ޝްރަދާއާ އެކު ނޯރާ ފަތެހީ، ޕްރަބޫދޭވާ. ލޯރެން ގޮލިބް އަދި އަޕަރްޝަކްތީ ކުރާނާގެ އިތުރުން އިންޑިއާ އާއި އިންޓަނެޝަނަލް ކުޅަދާނަ ކުޅަދާނަ ބައެއް ނެށުންތެރިން ފެނިގެން ދާނެ އެވެ.

ޝްރަދާ އަށް މި ފިލްމުން ފުރުސަތު ލިބުނީ ފިލްމުގެ ޝޫޓިން ފަށަން ކުޑަތަންވެފައި ވަނިކޮށް ބަތަލާ ކެޓްރީނާ ކެއިފް ފިލްމު ދޫކޮށްލުމުންނެވެ.

ޝްރަދާ އާއި ވަރުންއަކީ ރެމޯ 2015 ގައި ގެނެސް ދިން "އޭބީސީޑީ 2" ގެ ލީޑް ދެ ތަރިން ވެސް މެ އެވެ.

އިންޑިއާގެ އެންމެ ވަރުގަދަ ޑާންސް ފިލްމުގެ ގޮތުގައި ޕްރޮމޯޓް ކުރާ އަދި 3ޑީ ފޯމެޓްގައި ގެނެސް ދޭން ނިންމާފައިވާ "ސްޓްރީޓް ޑާންސާ" ސިނަމާތަކަށް އަންނާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 8 ގަ އެވެ.

މި ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ރޭސް 3" އަށް ފަހު. ރެމޯ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.