24 އޯގަސްޓް 2016 - 12:11

ޕިއޮންޔޮން (އޮގަސްޓް 24) - އުތުރު ކޮރެއާގެ އިރުމަތީގައި ކަނޑުގެ ސަރަހައްދުގައި އޮތް ސަބްމެރިންއަކުން ބެލިސްޓިކް މިސައިލެއް ފޮނުވާލާފައިވާ ކަމަށް ދެކުނު ކޮރެއާ އާއި އެމެރިކާ އިން ބުނެފި އެވެ.

އެމެރިކާގެ އޮފިޝަލުން ބުނީ ކޭއެން-11 މިސައިލް ފޮނުވާލާފައި ވަނީ ސިންޕޯގެ ކައިރިން ކަމަށެވެ. އަދި އެ މިސައިލް 300 މޭލަށް ދަތުރު ކުރުމަށް ފަހު ޖަޕާނުގެ ކަނޑުގެ ސަރަހައްދަށް ވެއްޓިފައިވާ ކަމަށް ވެސް އެމެރިކާގެ އޮފިޝަލުން ބުނެފައިވެ އެވެ.
ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އުތުރު ކޮރެއާ އިން ފޮނުވާލި މިސައިލް ވެއްޓިފައި ވަނީ އެ ގައުމުގެ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯނަށް ކަމަށެވެ. އަދި އެއީ ޖަޕާނުގެ ސަލާމަތަށް ނުރައްކާ އޮތް އަދި މައާފް ނުކުރެވޭނެ އަމަލެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އުތުރު ކޮރެއާ އިން މިސައިލެއް އުދުއްސާލާފައި މި ވަނީ އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ފަށާފައި ވަނިކޮށެވެ. މި ތަމްރީނުތަކާ ހިތްހަމަ ނުޖެހިގެން އުތުރު ކޮރެއާ އިން ވަނީ ދެ ގައުމަށް ނިއުކްލިއާ ހަމަލާއެއް ދޭން ޖެހިދާނެކަމުގެ އިންޒާރު ދީފަ އެވެ. އުތުރު ކޮރެއާ އިން ބުނީ މިއީ އެ ގައުމަށް އަރައިގަތުމަށް އެމެރިކާ އާއި ދެކުނު ކޮރެއާ އިން ބާއްވާ ރިހާސަލެއް ކަމަށެވެ. "އުލްޗީ ފްރީޑަމް" ގެ ނަމުގައި ބާއްވާ ތަމްރީނުތަކުގައި އެމެރިކާ އާއި ދެކުނު ކޮރެއާ އިން 80،000 ސިފައިން ބައިވެރިވެ އެވެ.
ދެކުނު ކޮރެއާ އިން ބުނީ އުތުރު ކޮރެއާ އިން މިސައިލެއް އުދުއްސާލީ އަސްކަރީ ތަމްރީނުތައް ކުރިއަށް ދަނިކޮށް އިތުރަށް މަޝްރަހު ހޫނުކުރުވަން ކަމަށެވެ. އަދި އުތުރު ކޮރެއާގެ ކޮންމެ "އުނދަގޫ ކުރުމަކަށް" ވަރަށް ހަރުކަށި ރައްދެއް ދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެމެރިކާ އާއި ދެކުނު ކޮރެއާ އިން މިދިޔަ މަހު ވަނީ އުތުރު ކޮރެއާގެ މިސައިލުގެ ނުރައްކަލުން ސަލާމަތްވުމަށް މިސައިލުން ދިފާއުވެވޭނެ ނިޒާމެއް ގާއިމް ކުރުމަށް އެއްބަސްވެފަ އެވެ.
ނޯތު ކޮރެއާ އިން ބެލިސްޓިކް މިސައިލް ބޭނުން ކުރުމާއި ނިއުކްލިއާ ޓެކްނޮލޮޖީ ބޭނުން ކުރުން އދ. އިން ވަނީ މަނާކޮށްފަ އެވެ. އެކަމަކު ވޭތުވެދިޔަ ދުވަސްތަކުގައި އުތުރު ކޮރެއާ އިން ވަނީ ތަކްރާރުކޮށް މިސައިލް ޓެސްޓްކޮށްފަ އެވެ.