އާ ގަވައިދާ އެކު އިންޑިޔާގައި އޮންލައިން ވިޔަފާރި ކުރާ ފަރާތްތައް ރަތަށް
އާ ގަވައިދާ އެކު އިންޑިޔާގައި އޮންލައިން ވިޔަފާރި ކުރާ ފަރާތްތައް ރަތަށް

އިންޑިޔާއިން އަމަލުކުރަން ފެށި އާ ގަވައިދާ އެކު، އެމެޒޯނުން އެ ގައުމުގައި ވިއްކަމުން އައި ގިނަ ޕްރޮޑަކްޓްތަކެއް ވެބްސައިޓުން ނަގަން ޖެހިއްޖެ އެވެ.

އިންޑިޔާއިން މިހާރު އަމަލުކުރާ އާ ގަވައިދުގައިވާ ގޮތުން ރީޓެއިލް ފިހާރަތަކުން ވިއްކާ ބައެއް ޕްރޮޑަކްޓްތައް އޮންލައިކޮށެއް ނުވިއްކޭނެ އެވެ. އޭގެ ބޭނުމަކީ ކުދި ވިޔަފާރިތައް ވިޔަފާރީގެ މާހައުލުގައި ރައްކާތެރިކުރުން ކަމަށް އިންޑިޔާ ސަރުކާރުން ބުނެ އެވެ.

އެއާއެކު އިންޑިޔާގެ އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.

އޮންލައިން ވިޔަފާރި އިންޑިޔާގައި ކުރާ އެންމެ ބޮޑު ދެ ކުންފުނި ކަމުގައިވާ އެމެޒޯނާއި ފްލިޕްކާޓުން ވަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފެބްރުއަރީ އެއް ވަނަ ދުވަހުން ފެށިގެން އާ ގަވައިދަށް އަމަލު ކުރަން ވަނީ ފަށައިފަ އެވެ.

މިފާއިތުވެދިޔަ އަހަރުތަކުގައި އޮންލައިން ވިޔަފާރިތަކާ ގުޅިގެން އިންޑިއާގެ ކުދި ވިޔަފާރިތަކަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވެ އެވެ. ބައެއް ވިޔަފާރިތައް ބަނގުރޫޓުވެގެން ގޮސްފައި ވެސް ވެ އެވެ. އަދި ބައެއް ވިޔަފާރިތައް އޮންލައިން ވިޔަފާރި ހިންގާ ބައެއް ކުންފުނިތަކުން ދަނީ ގަންނަމުންނެވެ. އިންޑިޔާގެ މަޝްހޫރު ޑިޕާޓްމެންޓް ސްޓޯއެއް ކަމުގައިވާ "ޝޮޕާސް ސްޓޮޕް'ގެ ޕަސް ޕަސެންޓް ހިއްސާ އެމެޒޯނުން މިހާރު ވަނީ ނަގައިފަ އެވެ. އެމެޒޯނުން އެކި ވައްތަރުގެ އެކޯ ސްޕީކަރުތަކާއި ގޭތެރެއަށް ބޭނުންވާ ތަފާތު ސާމާނު ވެސް އަންނަނީ ވިއްކަމުންނެވެ. އަދި ޗާޖަރާއި ބެޓެރީ ފަދަ ބައެއް ޕްރޮޑަކްޓްތަކެއް މިހާރު އެމެޒޯނަކަށް އިންޑިޔާގައި އޮންލައިކޮށް ނުވިއްކޭނެ އެވެ.

އެމެޒޯނުން ވަނީ އިންޑިޔާގައި އޮންލައިން ވިޔަފާރި ފުޅާ ކުރުމަށްޓަކާއި 5.5 ބިލިއަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ. އަދި އެމެޒޯންގެ އެންމެ ބޮޑު ކޮމްޕެޓިޓާ ވޯލްމާޓުން ވަނީ ޕްލިޕްކާޓަށް 16 ބިލިއަން ރުފިޔާ ދާދި ފަހުން އިންވެސްޓްކޮށްފަ އެވެ.