އުރީދޫ އޭޖީއެމްގައި ބައިވެރިވެވޭނީ މި މަހުގެ 21 އާ ހަމައަށް ހިއްސާދާރަކަށްވާ ފަރާތްތަކަށް!
އުރީދޫ އޭޖީއެމްގައި ބައިވެރިވެވޭނީ މި މަހުގެ 21 އާ ހަމައަށް ހިއްސާދާރަކަށްވާ ފަރާތްތަކަށް!

އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހު 21 ވަނަ ދުވަހާ ހަމައަށް ހިއްސާދާރަކަށް ވާ ފަރާތްތަކަށް އެކަނި ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މި އަހަރު ބާއްވާ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 21 ފެބްރުއަރީ ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8 ޖެހުމުގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަމިއްލަ އަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ވެސް އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނެ އެވެ.

އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާ މި މަހުގެ 15 ވަނަ ދުވަހު އާންމު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަހަރީ އާންމު ޖަލްސާގެ ނޯޓިސްގައި ބާއްވާނެ ތާރީހާއި ތަނާއި އެޖެންޑާ އައިޓަމްތަކުގެ މައުލޫމާތުތައް ހާމަކުރެވޭނެ އެވެ.

އުރީދޫގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 88 ޕަސެންޓް ހިއްސާދާރުންނަށް ބެހުމަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އަދި ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 3.22ރ. ބަހަން ހަމަޖެހިފައިވެ އެވެ.

މިދިޔަ އަހަރު ކުންފުނީގެ ފައިދާގެ 85 ޕަސެންޓް ހިއްސާދާރުންނަށް ބަހާފައިވެ އެވެ. އެފަހަރު ހިއްސާއަކަށް 3.20ރ. ފައިދާގެ ގޮތުގައި ބެހި އެވެ. އެހެން ކަމުން އުރީދޫން މި އަހަރު ވަނީ ދެ ލާރި އިތުރަށް ހިއްސާދާރުންނަށް ބެހުމަށް ނިންމައިފަ އެވެ.

ޕަބްލިކް ލިމިޑެޓް ކުންފުންޏަކަށް އުރީދޫ ބަދަލުކޮށް ހިއްސާ ވިއްކަން ފަށާފައި ވަނީ 2017 ވަނަ އަހަރު އެވެ. އެގޮތުން އެ ކުންފުނީގެ އިނީޝިއަލް ޕަބްލިކް އޮފަރިން (އައިޕީއޯ) އަށް ހުޅުވާލާފައި ވަނީ މެއި 1، 2017 ގަ އެވެ. އުރީދޫން 8،219 ހިއްސާދާރުންނަށް 14 މިލިއަން ހިއްސާ ވިއްކާފައިވެ އެވެ. އެއީ 421 މިލިއަން ރުފިޔާ އެވެ.