04 ފެބުރުއަރީ 2019 - 12:41

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓެކްނޮލޮޖީ ފެއާ، ނައިބު ރައީސް ފައިސަލް ނަސީމު އިފްތިތާހުކޮށްފި އެވެ.

ހޮޓެލް ޖެންގައި މިއަދު ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި ފެއާ ލޯންޗުކޮށްދީފައިވާ އިރު ފެއާ ބޭއްވުމަށް ކަނޑައެޅީ އަންނަ ޖޫން މަހު އެވެ. މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން އެންޑޯޒްކުރާ އަދި ލިކަމެކް ޕްރައިވެޓް ލިމިޓެޑުން ބާއްވާ މި ފެއާ އޮންނާނީ ދަރުބާރުގޭގަ އެވެ.
މި ފެއާގައި ރާއްޖޭގެ ބޮޑެތި ހުރިހާ ކުންފުނިތަކަކުން ލިބެން ހުރި އެންމެ ޒަމާނީ ވަސީލަތްތައް ދައްކާލުމާއި އެކު އެ ވަސީލަތްތައް އާންމުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިނިސްޓްރީތަކާއި ކުންފުނިތަކުގެ އިތުރުން ގެސްޓްހައުސް އަދި ހޮޓެލްތަކުގެ އައިޓީ މީހުންނާއި ވެރިން ބައިވެރިކޮށްގެން ބާއްވާ ހާއްސަ ސިމްޕޯސިއަމެއް ވެސް ފެއާގެ ތެރެއިން ކުރިއަށްދާނެ ކަމަށް ލިކަމެކުން ބުނެ އެވެ. އަދި ބީޓުބީ މީޓިންތައް ބޭއްވުމަށް މިހާރުން ފެށިގެން އޮންލައިންކޮށް ރިކުއެސްޓް ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
އިންފޮމޭޝަން ޓެކްނޮލޮޖީ އަށް ހާއްސަކޮށްގެން ބާއްވާ މި ފެއާގައި ކޮންސިއުމާ އިލެކްޓްރޯނިކްސަށް ހާއްސަކޮށްގެން އެއްތަނަމުން ހިދުމަތް ލިބިގެންދާނެ އެވެ. ތިން ދުވަހަށް ކުރިއަށްދާ މި ފެއާގައި ވަރަށް ހާއްސަ ކީނޯޓް ސްޕީކަރުން ފެނިގެންދާނެ އެވެ.
ކުރިއަށް އޮތްތަނުގައި ލިކަމެކްގެ އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވެސް ޓެކްނޮލޮޖީ ރޯޑް ޝޯތަކެއް ބޭއްވުމެވެ. އެގޮތުން މި އަހަރު އުތުރާއި ދެކުނުގައި ދެ ރޯޑް ޝޯއެއް ބޭއްވުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.