04 ފެބުރުއަރީ 2019 - 12:05

ލަންޑަން (ފެބްރުއަރީ 4) - ޗެލްސީގެ ތަރި އެޑެން ހަޒާޑާ ބެހޭގޮތުން އެ ޓީމުގެ ކޯޗު މައުރީސިއޯ ސާރީ މީޑީއާގައި ދެއްކި ވާހަކަތަކުގެ ސަބަބުން އެ ކްލަބްގެ ވެރިން ހިތްހަމަނުޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލީގުގައި ބޯންމައުތާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސާރީ ވަނީ ހަޒާޑް ބޭނުންނަމަ އޭނާ ކްލަބް ދޫކޮށްލަން ފުރުސަތު އޮންނާނެ ކަމަށާއި އެކަން ޗެލްސީން ނުހުއްޓުވާނެ ކަމަށެވެ. އެކަމަކު އޭނާ ބޭނުންވަނީ ހަޒާޑް، ޗެލްސީގައި މަޑުކުރުވަން ކަމަށް ވެސް ބުންޏެވެ.
"ހަޒާޑަށް އޮތް ހާލަތު ތަފާތު. ހަޒާޑްގެ އުމުރުން 28 އަހަރު. އޭނަ ބޭނުމިއްޔާ ދާންވީ. އަހަރެން ބޭނުމީ އޭނާ މަޑުކުރަން. ހަޒާޑަކީ ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިއާ އަށް ވެވޭވެނެ ފަދަ ކުޅުންތެރިއެއް،" ސާރީ ބުނެފައިވެ އެވެ.
ސާރީގެ އެ ވާހަކަތަކަށް ފަހު ޗެލްސީ ކުޅުނު މެޗުން ބޯންމައުތު އަތުން 4-0 އިން ވަނީ ބަލިވެފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެ މެޗަށް ފަހު ޗޭންޖިން ރޫމުގައި ހުރެ ސާރީ ވަނީ ކުޅުން ރަނގަޅު ނުކޮށްފިނަމަ އަލުން ޓީމުން ފުރުސަތު ނުދޭނެކަން ގިނަ ކުޅުންތެރިންތަކަކަށް އަންގައިފަ އެވެ. އޭގެ ފަހުން ޗެލްސީ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ރެލިގޭޝަނުގައި އޮތް ހަޑްސްފީލްޑް ޓައުން އަތުން ވަނީ 5-0 އިން މޮޅުވެފަ އެވެ. އެ މެޗުގައި ހަޒާޑް ވަނީ ދެ ގޯލު ޖަހައިފަ އެވެ.
މި ސީޒަން ފެއްޓުމުގެ ކުރިން ހަޒާޑް ވަނީ ޗެލްސީ ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވާން އުޅޭ ކަމުގެ އިޝާރާތްތައް އެތައް ފަހަރެއްގެ މަތިން ދީފަ އެވެ. އެކަމަކު ފަހަކަށް އައިސް ކްލަބްގައި މަޑުކޮށްފާނެ ކަމަށް ވެސް ހަޒާޑް ވަނީ ބުނެފަ އެވެ. އެކަމަކު އެންމެ ފަހުން ބެލްޖިއަމް ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނީ ކުރިމަގާ ބެހޭގޮތުން ވަކި ގޮތެއް ނިންމާނީ މި ސީޒަނަށް ފަހު ކަމަށެވެ. ރެއާލުން މި ސީޒަނަށް ފަހު ހަޒާޑް ހޯދުމުގެ މަސައްކަތް ވަރުގަދަ ކުރަން ނިންމާފައިވާއިރު، ޗެލްސީން މަސައްކަތްކުރަނީ ހަޒާޑްގެ އެއްބަސްވުން އާ ކުރުމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ހަޒާޑްގެ އޭޖެންޓް ވަނީ ސާރީގެ އެ ވާހަކަތަކާ މެދު ހިތްހަަމަ ނުޖެހިގެން ޗެލްސީގެ ޑައިރެކްޓަރު މެރީނާ ގްރަނޯސްކާއިއާ އަށް އެކަން ހުށަހަޅައިފަ އެވެ. ޗެލްސީގެ ވެރިންގެ މެދުގައި ސާރީގެ އެ ކަންތައްތަކާ ބެހޭގޮތުން ވަނީ މިދިޔަ ހަފްތާގައި މަޝްވަރާކުރެވިފަ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުން ސާރީގެ އިރުޝާދުގެ ދަށުން އެ މީހުން ބޭނުންވާ ވަރުގެ ތަފާތެއް ޓީމުން ނުފެނެ އެވެ.
އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަށް ޗެލްސީގެ ބައެއް ބޯޑު މެމްބަރުން ޝައުގުވެރިވެ އެވެ. ޕޮޗެޓީނޯ ހޯދަން މެންޗެސްޓާ ޔުނައިޓެޑުން ވެސް ބޭނުންވެ އެވެ.