04 ފެބުރުއަރީ 2019 - 12:23

ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސް އިން ސަރުކާރުގެ ބައެއް އޮފީސްތަކާއި ކުންފުނިތަކަށް ޒިޔާރަތްކޮށް ކަސްރަތުގެ ޕްރޮގްރާމްތަކެއް ހިންގުމަށް ނިންމައިފި އެވެ.
ކެންސަރާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަސް ފާހަގަ ކުރުމަށް ކެންސަރު ސޮސައިޓީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ޖިސްމާނީ ގޮތުން ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމަކީ ބައެއް ބާވަތްތަކުގެ ކެންސަރުން ދުރުކޮށްދޭ އާދައެއް ކަމަށެވެ.
"މި ސޮސައިޓީން މި އަހަރު 'ހަރަކާތްތެރި މަސައްކަތުގެ މާހައުލު' ކެމްޕެއިން ފަށަނީ މަސައްކަތުގެ މާހައުލުގައި ޖިސްމާނީ ގޮތުން ހަރަކާތްތެރިވެ އުޅުން އިތުރު ކުރުމަށް،" އެ ބަޔާނުގައިވެ އެވެ.
ކެންސަރު ސޮސައިޓީން ބުނެފައި ވަނީ އޮފީސް މާހައުލުގައި ކުރެވޭނެ ކަސްރަތު ދަސްކޮށްދިނުމަށް އެ ޖަމިއްޔާއިން ހަތަރު އޮފީހަކަށް ދާނެ ކަމަށެވެ. އަދި ސަރުކާރުގެ ހިއްސާ އޮންނަ ހަތަރު ކުންފުންޏަކަށް ގޮސް ކަސްރަތު ދަސްކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މީގެ ތެރެއިން ބައެއް އޮފީސްތަކަށް ކެންސަރު ސޮސައިޓީން މިއަދު ވަނީ ގޮސްފަ އެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންނަށް މިއަދު ވަނީ ކަސްރަތުތަކެއް ދަސްކޮށްދީފަ އެވެ.
ކެންސަރަށް ދިވެހިން ހޭލުންތެރި ކުރުމުގެ ގޮތުން ސްކޫލްތަކާއި އޮފީސްތަކަށް އަމާޒުކޮށްގެން ހޭލުންތެރި ކުރުމުގެ ޓޫލްކިޓެއް ތައްޔާރުކޮށްފައިވާ ކަމަށް ވެސް ކެންސަރު ސޮސައިޓީން ބުންޏެވެ. އެގޮތުން ކެންސަރަށް މަގުފަހިވާ ފަދަ ކަންކަން ދަނެގަތުމާއި ކެންސަރުގެ އަލާމާތްތައް ދަނެގަތުމާއި ދުޅަހެޔޮ ދިރިއުޅުމަށް ހޭލުންތެރިވާނެ މައުލޫމާތު އެ ޓޫލްކިޓުގައި ހިމެނޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.
މީގެ އިތުރުން ޔޫނިއަން އޮފް އިންޓަނޭޝަނަލް ކެންސާ ކޮންޓްރޯލް (ޔޫއައިސީސީ)އާ ގުޅިގެން ކެންސަރާ ދެކޮޅަށް ކުރިއަށް އޮތް ތިން އަހަރުގެ ޝިއާރު ކަމަށްވާ "އަހަރެންނަކީ.. އަދި އަހަރެން" ކެމްޕެއިނުގައި އެ ޖަމިއްޔާއިން ބައިވެރިވާނެ ކަމަށް ބަޔާނުގައިވެ ބުނެފައިވެ އެވެ.
"މި ކެމްޕެއިނުގެ އަމާޒަކީ ކެންސަރުގެ ސަބަބުން ކުރިމަތިވާ އަސަރުތައް ކުޑަކޮށް ފަރުދީ ފެންވަރެއްގައި ކޮންމެވެސް ކަމެއް ކުރުމަށް ހިތްވަރުދިނުން،" އެ ބަޔާނުގައިވެ އެވެ.
ކެންސަރު ފަދަ ގައިންގަޔަށް ނާރާބަލިތަކުން މަރުވާ މީހުންގެ އަދަދު 84 ޕަސެންޓަށް އަރާފައިވާއިރު ކެންސަރަކީ މީގެން ވަރަށް ބޮޑު ބަޔެކެވެ. ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި އެންމެ ގިނަ ކެންސަރުގެ ތެރޭގައި އަނގައިގެ ކެންސަރު ހިމެނޭ ކަމަށެވެ.
ސިނގިރޭޓު ބުއިމާއި ދުފުމާއި ސުޕާރީ ކެއުމަކީ އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަންކަމެވެ. ސުޕާރީ ކެއުމަށް ދެވިހިފާފައިވާ ރާއްޖޭގެ 10 އަހަރުނުވާ ބައެއް ކުޑަކުދިންގެ އަނގައިން ވެސް ކެންސަރު ޖެހުމުގެ އަލާމާތް ފެނިފައި އެބަހުއްޓެވެ.