ޔޫތު އެތުލެޓިކްސް ޓީމު ރާއްޖޭގެ ތިން ސަރަހައްދުން ހޮވައިފި
ޔޫތު އެތުލެޓިކްސް ޓީމު ރާއްޖޭގެ ތިން ސަރަހައްދުން ހޮވައިފި

ރާއްޖޭގެ ތިން ސަރަހައްދަކުން ހޮވާލެވުނު އެތުލީޓުންނާ އެކު، އޭޝިއަން ޔޫތު އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ދުވުންތެރިންގެ ޓީމު މިއަދު އިއުލާންކޮށްފި އެވެ.

ޔޫތު އެތުލެޓިކްސް ޓީމު ރާއްޖޭގެ ތިން ސަރަހައްދުން ހޮވައިފި
ޔޫތު އެތުލެޓިކްސް ޓީމު ރާއްޖޭގެ ތިން ސަރަހައްދުން ހޮވައިފި

ހޮންކޮންގުގައި މާޗު 15-17 އަށް ބާއްވާ މުބާރާތަށް ރާއްޖޭގެ ޓީމު ނަގާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު ހުޅުމާލޭގައި ބޭއްވި ޓައިމް ޓްރަޔަލް އިންނެވެ. މި ޓީމުގައި ހިމެނެނީ އަންހެން ދެ ދުވުންތެރިންނަކީ އައްޑޫ އެތުލެޓިކްސް ޓްރެއިނިން ސެންޓަރުގައި ތަމްރީން ހަދަމުން އަންނަ އައްޑޫ ހައި ސްކޫލުގެ އައިޝަތު ހިމްނާ ހަސަން އާއި ޝަރަފުއްދީން ސްކޫލްގެ މަރިޔަމް އަލްހާ ޙުސައިން އެވެ. ފިރިހެން ދުވުންތެރިންނަކީ ކުޅުދުއްފުށީ އެތުލެޓިކްސް ޓްރެއިނިން ސެންޓަރުގައި ތަމްރީންވަމުން ހަދަމުން އަންނަ މުހައްމަދު ޝާމް އަހުމަދު އަދި މާލޭގައި ތަމްރީން ހަދަމުން އަންނަ އިބާދުﷲ އާދަމް އެވެ. ގދ. ތިނަދޫ އަށް އުފަން އިބާދުﷲ އަކީ އެޑިއުކޭޝަން މިނިސްޓްރީގެ ސްކޮލަޝިޕެއްގެ ދަށުން މާލޭގައި ތަމްރީންތައް ކުރިއަށްގެންދާ ދުވުންތެރިއެކެވެ.

މިދިޔަ އަހަރު ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށް އަންހެނުންގެ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ދެ ފަހަރު އާކުރި ހިމްނާ ޔޫތު ޗެމްޕިއަންޝިޕުގައި ވާދަކުރާނީ 200 މީޓަރާއި 400 މީޓަރު ދުވުމުގަ އެވެ. ބައިނަލްއަގްވާމީ މުބާރާތެއްގައި އަލަށް ވާދަކުރާ އަލްހާ މި މުބާރާތުގައި ވާދަކުރާނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުގަ އެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ނެޝަނަލް ގްރޯން ޕްރީ މުބާރާތުގައި 200 މީޓަރު ދުވުމުން ލޯ މެޑަލް އަދި 400 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ.

ފިރިހެން ދެ ދުވުންތެރިން ކަމަށްވާ އިބާދުﷲ އާއި ޝާމް ވެސް ވާދަކުރާނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުގަ އެވެ. މީގެ ތެރެއިން އިބާދުﷲ އަކީ މިދިޔަ އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ރިލޭގައި ވާދަކޮށް ރިހި މެޑަލް ހޯދި ޓީމުގައި ހިމެނިފަ އެވެ. ގައުމީ ޓީމަށް އަލަށް ދުވާ ޝާމް ވަނީ މިދިޔަ ގްރޯން ޕްރީގައި 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފަ އެވެ.

މި ޓީމުގެ ކޯޗަކީ އައްޑޫ އެތުލެޓިކްސް ޓްރެއިނިން ސެންޓަރުގެ ޔޫތު ކޯޗް ހަސަން ހަލީލެވެ.