05 ފެބުރުއަރީ 2019 - 07:32

ހެނދުނު ރަނގަޅަށް ނާސްތާކުރުމަކީ ބަރުދަން ލުއިކުރުމަށް އެހީއެއް ކަމަށް ބުނާ ވާހަކަ ރަނގަޅު ނޫން ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ބީއެމްޖޭ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނީ ހެނދުނުގެ ނާސްތާ ނެގުމުން ދުވަހުގެ އެހެން ވަގުތުތަކުގައި ބަނޑުހައިވުން ކުޑަކޮށްދީ، ބޭކާރު ކެއުންތައް މަދުވެ، ބަރުދަން ލުއިވާން އެހީއަކަށް ވާނެ ކަމަށް ބެލެވުނަސް އެހެން ނުވާ ކަމަށެވެ.
ހަމަ އެގޮތަށް، ބަރުދަން ލުއިކުރުމުގެ ބޭނުމުގައި ހެނދުނުގެ ނާސްތާ ނުނަގާ މީހުންގެ ވެސް ބަރުދަން ލުއި ނުވާ ކަމަށް ދިރާސާގައި ބުންޏެވެ.
ދިރާސާ ހެދި ޓީމްގައި ހިމެނޭ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީގެ ޕްރޮފެސަރު ޑރ. ފްލޭވިއާ ސިޗޫޓިނީ ވިދާޅުވީ ބަރުދަން ލުއިވާނީ މުޅި ދުވަހު އެރެކުރާ ކެލަރީޒް މަދުކޮށްގެން ކަމަށެވެ.
ހެނދުނު ނާސްތާ ނުކުރާ މީހުންގެ ބަރުދަނުން ކުޑަ ތަންކޮޅެއް ލުއިވާ ކަމަށް ދިރާސާއިން ދެއްކިޔަސް ނާސްތާ ނުކުރުމަށް ހިތްވަރު ނުދޭނެ ކަމަށް ދިރާސާގައި ބުންޏެވެ.
"އެކަމަކު ހެނދުނުގެ ނާސްތާ ނުނަގާކަށް ދިރާސާ އިން ހިތްވަރުދޭ ކަމަކަށް ގަބޫލުކޮށްގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ. "މީގައި ވިސްނަން ޖެހޭ ކަމަކީ ކެލޮރީޒް ރޭޓް ކޮންޓްރޯލް ކުރުން. ވަކިން ހާއްސަކޮށް ފަލަ މީހުން މިކަމަށް ސަމާލުވުން މުހިއްމު."
ފްލޭވިއާ ވިދާޅުވި ގޮތުގައި އެންމެ މުހިއްމު ކަމަކީ ކެއުމުގެ ވައްޓަފާޅި ރަނގަޅު ގޮތަކަށް ބަދަލުކުރުމާ އެކު ގަވައިދުން ކަސްރަތު ވެސް ކުރުމެވެ.