04 ފެބުރުއަރީ 2019 - 10:11

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓުންގެ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދޭނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ދިނުމުން، އިހުތިޖާޖު ނުކުރަން އެ މީހުން މިއަދު ނިންމައިފި އެވެ.
ޕައިލެޓުންނާއި ކްރޫންގެ އިސްވެރިޔާ، ޑިރެކްޓަ އޮފް ފްލައިޓް އޮޕަރޭޝަންސް މުހައްމަދު އަމީންއާ މެދު އުފެދިފައިވާ ހިތްހަމަނުޖެހުމަށް ހައްލެއް ނުލިބެނީސް، މޯލްޑިވިއަންގެ ގިނަ ޕައިލެންޓުންތަކެއް މިއަދު ޑިއުޓީ އަށް ނުނިކުތުމަށް ކުރިން އޮތީ ނިންމައިފަ އެވެ.
ނަމަވެސް، ރޭ 11:00 ގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އާއި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ޕައިލެޓުންނާ ބައްދަލު ކުރައްވައި، ޕައިލެޓުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ނަން ހާމަނުކުރަން ބޭނުންވާ ޕައިލެޓަކު ބުންޏެވެ.
"ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު. ކުންފުނީގެ މެނޭޖުމެންޓާއި މިނިސްޓަރު ޔަގީންކަން ދެއްވި އަޅުގަނޑުމެންގެ ކަންބޮޑުވުންތައް ހައްލުކޮށްދޭން މަސައްކަތް ކުރާނެ ކަމަށް. އެހެންވެ ޕައިލެޓުން މިއަދު ޑިއުޓީއަށް ނުކުތީ،" އެ ބައްދަލުވުމުގައި ބައިވެރިވި އެ ޕައިލެޓު ބުންޏެވެ.
ޕައިލެޓުންގެ ޑިމާންޑަކީ އަމީން މަގާމުން ވަކިކުރުމެވެ. ޕައިލެޓުން ބުނާ ގޮތުގައި ޕައިލެޓުންނާ މެދު އަމީން ތަފާތު ކުރުން ގެންގުޅެ އެވެ. އަދި ޕައިލެޓުންނަށް އިހުމާލުވުމުގެ އިތުރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެތައް ކަމެއް ކުރާ ކަމަށް ވެސް ތުހުމަތު ކުރެ އެވެ.
އަމީން މަގާމުން ވަކިކުރުމަށް، ޓްރާންސްޕޯޓް މިނިސްޓަރާ އެކު އޮތް ބައްދަލުވުމުގައި ސަރުކާރުން އެއްބަސްވި ކަމެއް އަދި ޔަގީނެއް ނޫނެވެ.
އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް މިަދު ވިދާޅުވީ، ޕައިލެޓުން މިއަދު ޑިއުޓީ އަށް ނުކުތް ކަމަށާއި އޮޕަރޭޝަނަށް ބުރުލެއް ނާރާ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ނުފޫޒު ގަދަކޮށް އަމީން އުޅުއްވިއިރު މި ސަރުކާރުގައި ވެސް އައިލެންޑް އޭވިއޭޝަންގައި އޭނާ ހުންނެވީ އެހާ ބާރުގަދަކޮށް ކަމަށް ޕައިލެޓުން ބުނެ އެވެ.