04 ފެބުރުއަރީ 2019 - 08:44

މެޑްރިޑް (ފެބްރުއަރީ 4) – ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ މި ހަފުތާގައި ޕޮއިންޓް ގެއްލުވާލުމުގެ ފައިދާ ނަގަން ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބުނު ފުރުސަތުގައި، ރޭ ރެއާލް ބެޓިސް އަތުން 1-0 އިން ބަލިވުމުން، ފައިދާ ނެގޭ ގޮތެއް ނުވި އެވެ.
އެހެންވެ އެއް ވަނައިގައި ބާސެލޯނާ އަށް ހަ ޕޮއިންޓުގެ ލީޑެއް ލިބުނީ އެވެ. ބާސެލޯނާ 50 ޕޮއިންޓް އެއްކޮށްފައިވާއިރު އެތުލެޓިކޯގެ އަތުގައި އޮތީ 44 ޕޮއިންޓެވެ. އަނެއްކޮޅުން ތިން ވަނައިގައި އޮތް ރެއާލް މެޑްރިޑް ވަނީ ޑިޕޯޓިވޯ އަލަވެސް އަތުން 3-0 އިން މޮޅުވެ އެތުލެޓިކޯއާ ދެ ޕޮއިންޓަށް ގާތްކޮށްފަ އެވެ. އެ ޓީމަށް ލިބިފައިވަނީ 42 ޕޮއިންޓެވެ.
ޗެލްސީން ގެނައި ފޯވާޑް އަލްވާރޯ މޮރާޓާ ފުރަތަމަ އެގާރައިގައި ހިމަނައިގެން އެތުލެޓިކޯ ކުޅުނު މި މެޗުން ބަލިވުމާ އެކު، ބަލިނުވެ ދެމެހެއްޓި 19 މެޗުގެ ރެކޯޑް ނިމުމަކަށް އައީ އެވެ. މި މެޗުގައި ބެޓިސްގެ ހަމައެކަނި ގޯލް 65 ވަނަ މިނެޓުގައި ޖެހީ ޕެނަލްޓީއަކުން ސާޖިއޯ ކަނަލެސް އެވެ.
ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި އަލަވެސް އަތުން މޮޅުވިއިރު ގޯލްތައް ޖަހައިދިނީ ކަރިމް ބެންޒެމާ އާއި ޒުވާން ފޯވާޑް ވިނީޝަސް ޖޫނިއާ އަދި މަރިއާނޯ ޑިއާޒް އެވެ.
ނަތީޖާތައް ދަށްވެ ކޯޗު ވެސް ބަދަލުކޮށްފައިވާ މެޑްރިޑް އަންނަނީ މަޑުމަޑުން ފޯމަކަށް އެޅެމުންނެވެ. މިހާރު އެ ޓީމާ އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތީ އަށް ޕޮއިންޓުގެ ފަރަގެކެވެ. ލީގުގައި މި ދެ ޓީމު ބައްދަލުކުރާނީ އަންނަ މަހުގެ ދެ ވަނަ ދުވަހުގެރެ އެވެ. އެކަމަކު އޭގެ ކުރިން ސްޕެނިޝް ކަޕުގެ ސެމީ ފައިނަލުގައި ދެ ލެގުގައި ވާދަކުރާނެ އެވެ. ފުރަތަމަ ލެގު އޮންނާނީ ބާސެލޯނާގެ ދަނޑުގައި ބުދަ ދުވަހުގެރެ އެވެ.