04 ފެބުރުއަރީ 2019 - 09:01

ލަންޑަން (ފެބްރުއަރީ 4) - ކާޑިފް ސިޓީގެ އާޖެންޓީނާގެ ފޯވާޑް އެމިލިއާނޯ ސަލާ ދަތުރުކުރަމުން ދިޔަ ޕްރައިވެޓް ޖެޓް، ޗެނަލް އައިލެންޑްގެ ކަނޑުގެ ސަރަހައްދު އަޑިން ފެނިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ މަހު 21 ވަނަ ދުވަހު ފްރާންސްގެ ނޯންޓްސް އިން ކާޑިފަށް ރޭގަނޑު ދަތުރުކުރަމުންދިޔަ ޕްރައިވެޓް ޖެޓް (ޕައިޕާ މަލިބޫ - އެއް އިންޖީނުލީ އުޅަނދު) ގެއްލުނީ ޗެނަލް އައިލެންޑުގެ ގޯންސީގެ ލައިޓް ހައުސް ސަރަހައްދުންނެވެ. ތިން ދުވަސް ވަންދެން ގޯންސީ ޕޮލިހާއި ފްރާންސް އަދި އިންގްލެންޑުގެ ސިފައިން ސަލާ އާއި އައިބޮޓްސަން ހޯދުމުގެ މަސައްކަތް ހުއްޓާލީ އެ ދެ މީހުން ސަލާމަތުން ފެންނާނެ ކަމުގެ އުއްމީދެއް ނެތްކަމަށް ބުނެ އެވެ.
އާޖެންޓީނާ އަށް އުފަން ސަލާ ހޯދުމުގެ މަސައްކަތް ހުއްޓާނުލަން ގިނަ ފުޓްބޯޅަ ތަރިންތަކެއް ސޯޝަލް މީޑިއާގައި ހިޔާފާޅުކުރިއިރު، ސަލާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އަލުން މަސައްކަތް ފެށީ އޭނާގެ އާއިލާ އިސްވެ، ގޯފަންޑްމީ ވެބްސައިޓްގައި ހުޅުވި އޮންލައިން ފަންޑެއް މެދުވެރިކޮށް އަމިއްލަ ކުންފުންޏަކާ ގުޅިގެންނެވެ.
ސަލާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކުންފުނީގެ ފަރާތުން އެންމެ އިސްކޮށް ހަރަކާތްތެރިވާ ޑޭވިޑް މާންސް ބުނީ ސަލާ އާއި ޕައިލެޓް ޑޭވިޑް އައިބޮޓްސަން ދުއްވި ބޯޓު ގޯންސީ ސަރަހައްދުން ފެނިފައިވާ ކަމަށާއި ބޯޓު ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ބޯޓު ފެނުމާ އެކު އެންމެ ކުރިން އެނގީ ސަލާ އާއި އައިބޮޓްސަންގެ އާއިލާ އަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ސަލާ ދަތުރުކުރަމުންދިޔަ ބޯޓު ޖާޒީގެ އެއާޓްރެފިކް ކޮންޓްރޯލް އަށް ރިޕޯޓްކުރިއިރު އެ ޖެޓް ދިޔައީ 5000 ފޫޓު މަތިން ދަތުރުކުރަމުންނެވެ. އެކަމަކު އެ ބޯޓުގެ ސިގްނަލް ގެއްލުނީ 2300 ފޫޓު މަތީގައި ދަތުރުކުރަނިކޮށެވެ. ބޯޓުގައި ހުރެ ސަލާ ފޮނުވި ވަޓްސަޕް އޯޑިއޯ މެސެޖެއްގައި ވަނީ އެ ބޯޓުގެ ސަލާމަތީ ކަންތައްތަކާ މެދު ކަންބޮޑުވާ ކަމަށް ބުނެފަ އެވެ.
ކާޑިފުން އުމުރުން 28 އަހަރުގެ ސަލާގެ ސޮއި ހޯދީ އަންނަ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގައި އޮންނަން ބޭނުންވާތީ ޓީމު ވަރުގަދަ ކުރުމުގެ ގޮތުންނެވެ. އެކަމަކު އެ ކްލަބްގެ ރެކޯޑް އަގެއް ކަމަށްވާ 19 މިލިއަން ޕައުންޑަށް ސޮއިކުރި މި ފަދަ ގޮތަކަށް ގެއްލުމުން އެ ޓީމަށް ނަފްސާނީ ގޮތުން ވެސް އުނދަގޫ ހާލަތެއް ކުރިމަތިވެފައިވާ ކަމަށް ކާޑިފްގެ ކޯޗު ނީލް ވާނޮކް ވަނީ ބުނެފަ އެވެ.
އޭވިއޭޝަނުގެ ތަޖުރިބާކާރަކު ފޮކްސް ނިއުސް އަށް ދިން އިންޓަވިއުއެއްގައި ބުނީ ފިނި މޫސުމުގެ ދުވަސްވަރު ރޭގަނޑު ވަގުތުގައި ގޯންސީ ޗެނަލް އައިލެންޑު ސަރަހައްދުން އެއް އިންޖީނުލީ އުޅަނދެއްގައި ދަތުރުކުރުމަކީ ކުރަން ރަނގަޅު ކަމެއް ނޫން ކަމަށާއި އެއީ އާންމުކޮށް އެ ސަރަހައްދުގައި ތަފާތު ހާދިސާތައް ހިނގާފައިވުމުން ކަމަށެވެ.
ސަލާގެ އާއިލާ އިން މީގެ ކުރިން ބުނީ އޭނާ ދަތުރުކުރަމުންދިޔައީ ކާޑިފްގެ ޗެއާމަން މެހެމެތު ދަލްމަންގެ ބޯޓެއްގައި ކަމަށެވެ. އެކަމަކު އެއީ ސަލާ އާއި އޭނާގެ އޭޖެންޓް ވިލީ މެކާ ޕްރައިވެޓް ކުންފުންޏަކުން ހަމަޖެއްސި ދަތުރެކެވެ. މެކާ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދަތުރު ހަމަޖެއްސި ކުންފުނިން ބޯޓާއި ޕައިލެޓްގެ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެވެ. އެހެންވެ، އެކަމާ ބެހޭ ތަހުގީގެއް ޕޮލިހުން ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.