04 ފެބުރުއަރީ 2019 - 08:50

މެންޗެސްޓާ (ފެބްރުއަރީ 4) - އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްގެ މައްޗަށް 3-1 އިން ކުރިހޯދައި މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލްގެ ފަހަތުގައި ވިއްދައިފި އެވެ.
ލިވަޕޫލް އެއް ވަނައިގައި އޮތީ 24 މެޗުން 61 ޕޮއިންޓާ އެކު އެވެ. ރޭގެ މޮޅާ އެކު ސިޓީ އަލުން ދެ ވަނަ އަށް ޖެހިލީ 25 މެޗުން 59 ޕޮއިންޓް ހަމަކޮށްގެންނެވެ. ލިވަޕޫލް މިރޭ ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމަށް ފަސް ޕޮއިންޓުގެ ލީޑުދެމެހެއްޓޭނެ އެވެ.
ލީގުގެ ތިން ވަނައިގައި ޓޮޓެންހަމް އޮތީ 25 މެޗުން 57 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް ޗެލްސީ އަށް 25 މެޗުން ވަނީ 50 ޕޮއިންޓް ލިބިފަ އެވެ. ރޭ ރަށުން ބޭރުގައި ލެސްޓާ ސިޓީ އަތުން 1-0 އިން ހޯދި މޮޅާ އެކު މެންޗެސްޓާ ޔުނައިޓެޑް ވަނީ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ޔުނައިޓެޑަށް 25 މެޗުން ވަނީ 48 ޕޮއިންޓް ލިބިފަ އެވެ. އާސެނަލް ހަ ވަނައިގައި އޮތީ 25 މެޗުން 47 ޕޮއިންޓާ އެކު އެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވުމުން ސިޓީ ރޭގެ މެޗަށް ނުކުތީ މޮޅުވެ، އަލުން ފޯމަކަށް އެޅުމުގެ އަމާޒުގަ އެވެ. މެޗު ފަށައިގެން 46 ސިކުންތުގެތެރޭގައި ސިޓީ އަށް ލީޑުނަގައިދިނީ ރޭގެ މެޗުގައި ހެޓްރިކެއް ހެދި ސާޖިއޯ އަގުއޭރޯ އެވެ.
ސިޓީ އަށް ލީޑު ހިފަހައްޓާލެވުނީ 10 މިނިޓް ވަންދެނެވެ. މެޗުގެ 11 ވަނަ މިނިޓްގައި އާސެނަލްގެ ކެޕްޓަން ލޯރެންޓް ކޮޝިއެލްނީ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ލަނޑާ އެކު އާސެނަލަށް ހަމަޖެހުމެއް ލިބި ރަނގަޅަށް ކުޅެން ފެށި އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ އަލުން ލީޑުނަގައިފަ އެވެ. ރަހީމް ސްޓާލިން އޭރިއާ ތެރެއިން ދިން ބޯޅަ އަގުއޭރޯ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
ދެ ވަނަ ހާފުގައި ސިޓީން ކޮންޓްރޯލް ނަގައިގެން އާސެނަލް ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، އަގުއޭރޯ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗުގެ 61 ވަނަ މިނިޓްގަ އެވެ. މިއާ އެކު އަގުއޭރޯ މުޅި ސީޒަނުގައި ޖެހި ގޯލުގެ އަދަދު ވަނީ 20 އަށް އަރައިފަ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ރޭގެ މެޗަށް ފަހު ބުނީ އެންމެ ފަހުން ބަލިވި މެޗަށް ފަހު ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށާއި އޭރު އުއްމީދުކުރީ ލިވަޕޫލުން ހަތް ޕޮއިންޓުގެ ލީޑެއް ނަގާނެ ކަމަށް ކަމަށާއި އެކަމަކު މި މެޗުން ސިޓީ މޮޅުވުމުން މިހާރު ތަފާތަކީ ދެ ޕޮއިންޓް ކަމަށެވެ.
"ޕްރެޝަރު އޮންނާނެ. ޕްރެޝަރަކީ މޮޅުވާން ކުރަން ޖެހޭ މަސައްކަތަށް އޮންނަ ހުރަސް. އެ މީހުން (ލިވަޕޫލް) ކުޅެން ޖެހޭ މެޗުގައި އިދިކޮޅަށް ނުކުންނަ ވެސްޓް ހޭމް އަކީ ފަސޭހަ ޓީމެކޭ ނުބުނާން. އަނެއްކޮޅުން ލިވަޕޫލަކީ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތް ޓީމު އެކަން ހަނދާނުގައި ބަހައްޓަން ޖެހޭ،" ގާޑިއޯލާ ބުންޏެވެ.
ލެސްޓާ ދަނޑުގައި ކުޅުނު މެޗުގައި ރޭ ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖެހީ މެޗުގެ ނުވަ ވަނަ މިނިޓްގައި މާކަސް ރެޝްފޯޑް އެވެ. މި މެޗުގެ ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކުރަން ލެސްޓާގެ ރަޝީދު ގެޒާލް އާއި ޖޭމީ ވާޑީ ފޮނުވާލި ބޯޅަތައް ހުއްޓުވީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ އެވެ.
މި މެޗާ އެކު ޔުނައިޓެޑްގެ ކޯޗުކަމާ މިިދިޔަ ޑިސެމްބަރު މަހު ހަވާލުވި ކުރީގެ ކުޅުންތެރިއާ އޮލެ ގުނަ ސޯލްޝެއާގެ ކޯޗުކަމުގައި އެ ޓީމު ވަނީ ބަލިނުވެ 10 މެޗު ހަމަކޮށްފަ އެވެ. މި ސީޒަނުގެ ނިޔަލަށް ވަގުތީ ކޯޗަކަށް ސޯލްޝެއާ ހުރި ނަމަވެސް އޭނާގެ އެއްބަސްވުން ދާއިމީ ކުރަން ޔުނައިޓެޑުގެ ވެރިން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.