އޭދަފުއްޓަށް އެންމެ ފަހުން މަތީ ފެންވަރުގެ ދަނޑެއް!
އޭދަފުއްޓަށް އެންމެ ފަހުން މަތީ ފެންވަރުގެ ދަނޑެއް!

ފުޓްބޯޅައިގައި ރާއްޖޭގައި އެންމެ ހުނަރުވެރި ކުޅުންތެރިން ގިނަ އެއް ރަށަކީ ބ. އޭދަފުށްޓެވެ. އެކަމަކު ފުޓްބޯޅައިގެ މުއްސަނދި ތާރީހެއް އޮތް މި ރަށުގައި ރަނގަޅު ވަސީލަތެއް ނެތެވެ. އޭދަފުށީގައި މިހާރު އަޅަމުން އަންނަ ޓާފް ދަނޑާ އެކު ހުރިހާ މަންޒަރެއް ބަދަލުވާނެ އެވެ. އެއީ އެހާ ވެސް ފުރިހަމަ ދަނޑެކެވެ.

އޭދަފުއްޓަށް އެންމެ ފަހުން މަތީ ފެންވަރުގެ ދަނޑެއް!
އޭދަފުއްޓަށް އެންމެ ފަހުން މަތީ ފެންވަރުގެ ދަނޑެއް!

އެފްއޭއެމާއި ސަރުކާރުގެ އެހީގައި އޭދަފުށީގައި ފެންވަރު ރަނގަޅު ދަނޑެއް އަޅާނެ ވާހަކަ ދެކެވި ދުވަހަކު ވެސް އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ. އެކަމަށް އުއްމީދެއް ލިބިގެންދިޔައީ މިދިޔަ މަޖްލިސް އިންތިހާބުގެ ކެމްޕޭނުގައި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ކެމްޕޭނަށް އެހީތެރިވުމުގެ ގޮތުން މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ނަޒީރުވި ވައުދާ އެކު އެވެ. އެ މަސައްކަތް ފުރަތަމަ ނުކުރެވި ލަސްވެގެންދިޔައީ އެ ކި ފަރާތްތަކުން އެ ރަށުގައި ދަނޑެއް އަޅައިދިނުމުގެ ވާހަކަތައް ކުރިއަށްދާތީ އެވެ. އެކަމު އެ ކަން ނުވެ އޮތުމުން އެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ނަޒީރުގެ ހާއްސަ ބެލުމުގެ ދަށުން ބަޔަކާ ހަވާލުކޮށް މިހާރު ދަނޑުގެ މަސައްކަތް ވަރަށް ހަލުވި ދުވެއްޔެއްގައި އަންނަނީ ކުރަމުންނެވެ.

އޭދަފުއްޓަށް އެންމެ ފަހުން މަތީ ފެންވަރުގެ ދަނޑެއް!
އޭދަފުއްޓަށް އެންމެ ފަހުން މަތީ ފެންވަރުގެ ދަނޑެއް!

އޭދަފުށީގައި މިހާރު އަޅާ ދަނޑަކީ މިހާތަނަށް ކުޅިވަރުގައި އެ ރަށުގައި ކުރެވޭނެ އެންމެ ބޮޑުއެއް ހޭދަ އެވެ. މިކަމުގެ ފަހަތުގައި އޭދަފުށްޓަށް ނިސްބަތްވާ މީހަކު ހުރުމަކީ އެ ރަށު ރައްޔިތުންނަށް ލިބިފައިވާ ހިތްހަމަޖެހުމެވެ.

އޭދަފުއްޓަށް އެންމެ ފަހުން މަތީ ފެންވަރުގެ ދަނޑެއް!
އޭދަފުއްޓަށް އެންމެ ފަހުން މަތީ ފެންވަރުގެ ދަނޑެއް!

ފާއިތުވި ދެ އަހަރަށް ބަލާއިރު ރާއްޖޭގެ އެކި ތަންތަނުގައި ދަނީ ޓާފް ދަނޑު އަޅަމުންނެވެ. އެކި ފަރާތްތަކުގެ އަމިއްލަ ހަރަދުތަކާއި ވިޔަފާރިތަކުގެ ދީލަތި އެހީ ހޯދައިގެންނެވެ. އެކަމަކު މި ހުރިހާ ދަނޑުތަކަށް ވުރެ އޭދަފުށީ ދަނޑުގެ ފެންވަރު ރަނގަޅެވެ.

ދަނޑުގެ ދިގުމިނުގައި 105 މީޓަރު ހުންނައިރު، ފުޅާމިނުގައި 68 މީޓަރު ހުރެ އެވެ. މި ދަނޑަކީ ފީފާ އެޕްރޫވްޑް ދަނޑެކެވެ. އަދި ދަނޑުގައި އަޅާ ޓާފަކީ ފީފާ އިން ބަލާ މިންގަނޑަށް ފެެތޭ ހަތް ކުންފުނީގެ ތެރޭގައި ހިމެނޭ ލިމޮންޓާ ސްޕޯޓްސް އެސްޕީއޭ ކުންފުނިން އުފައްދާ ޓާފެވެ. އަދި ދަނޑުގައި ހަރުކުރާ ލައިޓިން ސިސްޓަމަކީ މީގެ ދަނޑަކަށް އެންމެ ރަނގަޅު ލައިޓިން ސިސްޓަމް ކަމަށް މައުލޫމާތު ދެ އެވެ.

ދަނޑުގެ މަސައްކަތުގައި ރަށުގެ ރައްޔިތުންގެ ބައިވެރިވުން ވެސް ބޮޑުއިރު، މަސައްކަތް ކުރިއަށްދާ ގޮތް ބަލަން އަބަދުވެސް މީހުން ތިބެ އެވެ. ކަންތައްތައް ކުރިއަށްދާއިރު، ހުރިހާ ކަމެއް ދަނީ އެންމެ ރަނގަޅަށްތޯ ބަލަން ބޭނުންވާތީ އެވެ.

އޭދަފުށީ ދަނޑުގެ މަސައްކަތް ފެށި ފަހުން އެތަން ބަލާލުމަށް އެންމެ ފުރަތަަމަ ދިޔައީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ. ދާދި ފަހުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑައިރެކްޓަރު އިހުސާން އަބްދުލް ގަނީ (ސާންތީ) ވެސް ވަޑައިގެންނެވި އެވެ. އެ މަސައްކަތަށް އެ ދެ ބޭފުޅުން ވެސް ވަނީ ތައުރީފްކޮށްފަ އެވެ. ރާއްޖޭގައި މި ވަރުގެ ބޮޑު އިންވެސްޓްމަންޓެއް ކޮށް އަމިއްލަ ފަރާތަކުން ވިޔަސް އެ ވަރުގެ ދަނޑެއް އަޅައިދޭތީ ހިތްހަމަޖެހުން ފާޅުކުރެއްވި އެވެ.

އެފްއޭއެމްގެ އަތޮޅު ފުޓްބޯޅަ ޕްރޮގްރާމްގެ ތެރެއިން އޭދަފުށީގައި ޑިވެލޮޕްމަންޓް ސެންޓަރެއް ގާއިމްކޮށްފައިވާއިރު، އެ މަސައްކަތް އެތަނަށް ގެންނާތީ އެހެން އެއްވެސް ފަރާތަކަށް ޝަކުވާ ކުރެވޭނެ ޖާގައެއް ނޯންނާނެ ކަމަށް ސާންތީ ވަނީ ވިދާޅުވެފަ އެވެ.

"މިހާރު އޭދަފުށްޓަށް ނާންނަންވީ ސަބަބެއް ނެތް. އަމިއްލަ ބޭފުޅެއް ވަރަށް ބޮޑު ހަރަދެއް ކުރައްވައިގެން ދިވެހިރާއްޖޭގައި އޮތް އެންމެ އަގުބޮޑު ފުޓްބޯޅަ ދަނޑުމި އަޅަނީ. މިއީ ވަރަށް ބޮޑު މަސައްކަތެއް. ދެން އެ ވަރުގެ މަސައްކަތެއް ބޭފުޅަކު ކޮށްފައި ދޫކޮށްލާއިރު އަޅުގަނޑުމެން އެބަޖެހޭ. އެ ދަނޑުގެ ބޭނުން ކުރެވޭނެ ގޮތްތަކެއް ހޯދަން. (ޑިވެލޮޕްމެންޓް ސެންޓަރާ އެކު) އަޅުގަނޑުމެން އެފްއޭއެމުން އެ މަސައްކަތް މި ފެށީ،" މިދިޔަ ހުކުރު ދުވަހުގެރޭ އޭދަފުށީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ސާންތީ ވިދާޅުވި އެވެ.

ޑިވެލޮޕްމެންޓް ސެންޓަރުގެ ގިނަ ހަރަކާތްތައް ކުރިއަށްގެންދަން މުސްތަގުބަލުގައި އޭދަފުށީ ދަނޑު އޮތުމަކީ ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެ ގޮތުގައި ސާންތީ ސިފަކުރެއްވި އެވެ.

އެފްއޭއެމުން ވަނީ ފީފާގެ އެހީގައި 18 ރަށެއްގައި މި އަހަރު ވިނަ ދަނޑުތަކެއް އަޅާނެ ކަމަށް މިދިޔަ އަހަރު އިއުލާނުކޮށްފަ އެވެ. އެ ދަނޑުތަކަކީ މިނިވަން ޗެމްޕިއަންޝިޕުގެ އެންމެ ރަނގަޅު ނަތީޖާ ނެރުނު ރަށްތަކަށް ދޭ އިނާމެކެވެ. އޭދަފުށްޓަކީ 2016 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަނެވެ. އޭދަފުށީގައި އެފްއޭއެމުން އަޅަން ނިންމާ ދަނޑުގެ މަސައްކަތްތައް އޮތީ ނުފެށި އެވެ. އެފްއޭއެމުން އެންމެ ފަހުން ބުނީ ދަނޑުތައް އެޅުމުގެ މަސައްކަތް ލަސްވަމުން އަންނަނީ ސަރުކާރުން އެ ރަށްތަކުގެ ބިންތައް ދޫކުުރުމުގައި އަންނަ ލަސްތަކެއްގެ ސަބަބުން ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމާއި ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ކޮންމެ ޓީމަކަށް ބަލާލިޔަސ އޭދަފުށްޓަށް ނިސްބަތްވާ ކުޅުންތެރިއަކު ހިމެނެ އެވެ. ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ ޒުވާނުންތަކެއް އުޅޭ އެ ރަށުގެ ކޮންމެ ޒުވާނެއް އަދި ދުވަސްވީ މީހެއް ވެސް ދެކޭ އެއް ހުވަފެނެއް އެންމެ ކުރިން ވެސް އޮތެވެ. އެއީ ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް ލިބުމެވެ. ހުނަރު ތަރައްގީކުރާނެ ވަސީލަތެއް އޮތުމެވެ. މިހާރު އެ އަޅާ ދަނޑާ އެކު މި ކަންތައްތައް ހަގީގަތަކަށްވާނެ އެވެ.

ކޮލަމްބޯގައި 1991 ވަނަ އަހަރު އޮތް ސާފް ގޭމްސްގައި ވާދަކުރި ގައުމީ ޓީމުން ޖާގަ ހޯދި އަބްދުލް ވާހިދު ހުސެއިން އަކީ ރާއްޖޭގެ ގައުމީ ޓީމަށް ކުޅުނު އޭދަފުށީ ފުރަތަމަ ކުޅުންތެރިޔާ އެވެ. އޭނާ "މިހާރަ"ށް ބުނީ މި އެޅޭ ޓާފް ދަނޑާ އެކު އޭދަފުށީގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.

"އޭދަފުށްޓަކީ އަބަދުވެސް ފުޓްބޯޅައިގެ ރަށެއް. މި ރަށުގައި ފެންވަރު ރަނގަޅު ދަނޑެއް އޮންނަން ޖެހޭނެ ކަމަށް އެންމެން ގަބޫލުކުރާނެ. އެކަމަކު މިހާތަނަށް މިކަން ނުވެފައި އޮތީ. އެކަމަކު އެކަން މިހާރު އެ ބަދަލުވަނީ. ހަގީގަތުގައި މިއީ އަޅުގަނޑުމެން އެންމެ ކުރަމުން އައި އުއްމީދެއް. މި ދަނޑުގެ މަސައްކަތް ނިމުމުން ދެން އަޅުގަނޑުމެންނަށް އޭދަފުށީ ފުޓްބޯޅަ އެހެން ހަރަފުތަކަށް ގެންދެވޭނެ،" ކުރީގެ މަޝްހޫރު ޑިފެންޑަރު ވާހިދު ބުންޏެވެ.

އޭނާ ބުނީ އަބަދުވެސް ގައުމީ ޓީމުގައި އޭދަފުށީގެ ކުޅުންތެރިން ހިމެނުން އެއީ އެންމެ ބޮޑަށް އެދޭ އެއް ކަންތައް ކަމަށާއި މި ލިބޭ ދަނޑާ އެކު ގައުމީ ޓީމުތަކަށް ގިނަ އަދަދެއްގެ ފުޓްބޯޅަ ކުޅުންތެރިންތަކެއް އޭދަފުށިން އުފައްދާނެ ކަމަށެވެ.

އޭދަފުށީ ކުޅިވަރު ކުރިއެރުވުމަށް މިދިޔަ އަހަރު ވަނީ ކްލަބް އޭދަފުށި ވުޖޫދުކޮށްފަ އެވެ. ކުޅިވަރުގެ ތަޖުރިބާ ލިބިފައިވާ އެ ރަށަށް ނިސްބަތްވާ ގިނަ ފަރާތްތަކެއްގެ ޝާމިލުވުން އޮވެ، އުފެއްދި މި ކްލަބަށް ވެސް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގެ އެހެން ސަރަހައްދެއްގައި ނެތްފަދަ ވަސީލަތެއް އޮތުމެވެ. އެކަމަކު އެ ވަސީލަތްތައް އޮތް ނަމަވެސް އޮތް ކަންބޮޑުވުމަކީ ކަންތައްތައް ރާވައި ހިންގަން ބޭނުންވާނެ ބަޖެޓް ނުލިބުމުގެ ދަތިކަމެވެ. ކަންތައްތައް ހިންގުމަށް ބޭނުންވާނެ މާލީ އެހީތެރިކަން ލިބުމަކީ އެ ކްލަބްގެ ވެސް ވަރަށް ބޮޑު އެދުމެކެވެ. އެ ކްލަބުން ދޭ ޔަގީންކަމަކީ އެ ކްލަބަށް ކުރެވޭ ހޭދައަކީ ހުނަރު ތަރައްގީކުރުމަށާއި ގައުމީ ލެވެލްގެ ކުޅުންތެރިން އުފެއްދުމަށް ކުރެވޭ އިންވެސްޓެއް ކަމެވެ.

"މި ކްލަބުގެ އެންމެ ބޮޑު އަމާޒަކީ ކޮންމެ ކުޅިވަރަކުން ކުޅުންތެރިއަކު އަޔަސް އެއީ ގައުމީ ލެވެލްގެ ކުޅުންތެރިއަކަށް ހެދުން،" އޭދަފުށީގެ ކުރީގެ ކުޅުންތެރިއާ އަދި ކްލަބް އޭދަފުށީގެ ނައިބު ރައީސް އަބްދުލްމަޖީދު ބުންޏެވެ.