04 ފެބުރުއަރީ 2019 - 08:25

ގޭގެ ފާރުގައި މޮހޮރެއް ޖަހާލަން އެނގެނީ ކިތައް ކުދިންނަށް ހެއްޔެވެ؟ ނޫނީ އެހެން މީހަކާ ހަވާލުނުކޮށް އަމިއްލައަށް ލާނެ ހެދުން ފަހަން އެނގޭ ހެއްޔެވެ؟ ކަރަންޓު ނަރެއް ގުޅާލުން ފަދަ ކުދިކުދި ކަންތައްތައް ވެސް ގިނަ މީހުންނަކަށް ނޭނގެ އެވެ. އެހެންވެ ޣިޔާސުއްދީން އިިންޓަނޭޝަނަލް ސްކޫލު އެ ފެށީ އެކަން ބަދަލުކުރުމުގެ މަސައްކަތެވެ.

މިދިޔަ ހަފުތާގައި އެ ސްކޫލްގައި ފެށި ޕްރޮގްރާމްގައި ކެއްކުމާއި ފެހުމާއި ވަޑާންކުރުމުގެ އިތުރުން ކަރަންޓާ ގުޅުން ހުރި އެންމެ އާދައިގެ މަސައްކަތްތައް ދަސްކޮށްދިނުން ހިމެނެ އެވެ. އެ ދާއިރާތަކުގެ ތަޖުރިބާކާރުންނާ އެކު ފެށި ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބޭތީ ޕްރިންސިޕަލް ތޯހާ ސަލީމް ހުންނެވީ އުފަލުންނެވެ.

ތޯހާ ވިދާޅުވި ގޮތުގައި ސްކޫލު ނިންމާފައި ނިކުންނަ ދަރިވަރުން އާއްމު ދިރިއުޅުމަށް ތައްޔާރުވެފައެއް ނުހުރެ އެވެ. ގިނަ މައިންބަފައިން ދަރިން ސްކޫލަށް ފޮނުވާފައި އަބަދުވެސް ބަލަނީ ފޮތުގައި ހުންނަ އެއްޗެއް ދަސްކުރުވާފައި ހަމައެކަނި މޮޅު ނަތީޖާއެއް ނެރެންކަން އޭނާ ފާހަގަކުރެއްވި އެވެ.

ފޮތްތައް ދަސްކޮށް، މޮޅު ނަތީޖާ ހޯދައިގެން މޭޒު ކައިރީގައި ތިބެ މަސައްކަތްކުރާ ޖީލުތަކެއް އުފައްދާތާ ޒަމާންތަކެއް ވެއްޖެ އެވެ. އޭގެ ސަބަބުން އަމިއްލައަށް ކޮށްލެވިދާނެ ކުދިކުދި މަސައްކަތްތައް ކޮށްލާނެ މީހަކު ވެސް ޖެހެނީ ލާރި ދީގެން ހޯދާށެވެ. އެކަމަކު ތޯހާ ވިދާޅުވި ގޮތުގައި އެފަދަ މަސައްކަތްތައް ދަސްކޮށްގެން ވެސް، ރާއްޖޭގައި ބިދޭސީންގެ އަދަދު މަދުކުރެވިދާނެ އެވެ.
"ގޭގައި ވެސް އާދައިގެ ކުޑަކުޑަ ކަމަކުން ވަރަށް ބޮޑު ހަރަދެއް އެބަ ކުރަން ޖެހޭ. މިސާލަކަށް އިސްކޫރުން ފެން ތިކި ޖަހަން ފަށައިގެން އެ ރަނގަޅުނުކޮށްލެވިގެން ފެން ބިލް ބޮޑުވެގެންދާތަން ފެނޭ. މިކަހަލަ ކުދިކުދި ކަންކަން ކޮށްލާކަށް ވެސް ނޭނގޭ އަޅުގަނޑުމެން ބޮޑެތި މީހުންނަށް ވެސް. އެހެންވެ ވަރަށް ބައިވަރު ސަބަބުތަކާ ހެދި މި ޕްރޮގްރާމް މި ކުރިއަށްގެންދަނީ،" ތޯހާ ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގެ ކެއްކުމާ ގުޅޭ ކަންތައް ދަސްކުރަނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމްގެ އެހީތެރިކަމާ އެކުގަ އެވެ. ފެހުމުގެ މަސައްކަތްތައް ދަސްކޮށްދެނީ އެކަމުގެ ތަޖުރިބާކާރެކެވެ. ވަޑާމާއި ކަރަންޓުގެ މަސައްކަތް ދަސްކޮށްދެނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިންނެވެ. އެއިން ކޮންމެ މޮޑިއުލަކުން ވެސް ދަރިވަރުން 12 ގަޑިއިރު ހަމަކުރަން ޖެހެ އެވެ.
މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ ކްލާސްތައް މި ވަގުތު ފަށާފައި ވަނީ ގްރޭޑު ތިނެއްގެ ދަރިވަރުންނަށެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި އިތުރު ގްރޭޑުތަކަށް ވެސް އެ ކްލާސްތައް ފަށާނެ އެވެ. މިހާރު ކުދިންނަށް ދަސްކޮށްދެނީ ތިން ހުނަރެކެވެ. އަދި ގްރޭޑު ހަޔަކުން ފެށިގެން މައްޗަށް އޭގެ ތެރެއިން އެއް ކަމެއް އިހުތިޔާރުކުރެވޭ ގޮތަށް ވަނީ ރާވައިފަ އެވެ. އޭގެ ސަބަބުން ކެރިއާއެއްގެ ގޮތުގައި އެ ދާއިރާއަކުން ހާއްސަވުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބޭނެ އެވެ.
ގިޔާސުއްދީންގެ މި ޕްރޮގްރާމްގައި 90 ވަރަކަށް ދަރިވަރުން ބައިވެރިވެ އެވެ. އެ ދަރިވަރުން މަސައްކަތްތައް ދަސްކުރަން ޖެހެނީ ބުރާސްފަތިދުވަހުގެ ކްލާސްތައް ނިމުމުން އެއް ގަޑިއިރު ސްކޫލްގައި މަޑުކޮށްގެންނެވެ.
ތޯހާ ވިދާޅުވި ގޮތުގައި ވަކި ހާއްސަ މަސައްކަތްތަކެއް ދަސްކޮށްދޭން ޖެހޭނީ އޯ ލެވެލް އިމްތިހާނުން ފާސްނުވާނެހެން ހީވާ ދަރިވަރުންނަށް ކަމަށް އޭނާ އެއް އިރެއްގައި ވެސް ނުވިސްނަވަ އެވެ. އޭގެ ބަދަލުގައި އެއީ އެންމެން ވެސް ދަސްކުރަން ޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ އިމްތިހާނެއް ހެދިއަސް އަމިއްލައަށް ގޭގައި ނުވަތަ ރަށުގައި ކުރަން ޖެހޭ މަސައްކަތް ކުރެވޭވަރުގެ ގާބިލް ބައެއްގެ ގޮތުގައޭ ތިބެން ޖެހޭނީ ކިޔަވައިގެން އަދި ސައިންޓިސްޓަކަށް ވިއަސް. އޭނައަށް ވެސް އަމިއްލައަށް ގޭގައި ކޮށްލަން ޖެހޭ މަސައްކަތް ކޮށްލެވޭވަރު ވާނެއޭ،" ތޯހާ ވިދާޅުވި އެވެ.
އެހެންވެ އެ އަޒުމުގައި ފެށި ޕްރޮގްރާމުގެ ސަބަބުން ޣިޔާސުއްދީން ސްކޫލުގެ ދަރިވަރުންނަށް ކެއްކުމާއި ފެހުމާއި ވަޑާމާއި ކަރަންޓާ ގުޅުން ހުރި ކުދި ނަމަވެސް މުހިއްމު މަސައްކަތްތައް ކޮށްލެވޭނެކަމުގެ ޔަގީންކަން ތޯހާއަށް އެބަ އޮތެވެ.
ދިރިއުޅުމަށް ބޭނުންވާ ކުދިކުދި އެކަމަކު މުހިންމު ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ ފައިދާ ނުހަނު ބޮޑެވެ. ޣިޔާސުއްދީނުން ފަށާފައި އެވަނީ އޭގެ މަސައްކަތެވެ.