ކަންގަނާ ރަނާވަތު، ކްރިޝް އަށް ރައްދު ދީފި
ކަންގަނާ ރަނާވަތު، ކްރިޝް އަށް ރައްދު ދީފި

މިދިޔަ މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "މަނިކަރްނިކާ: ދި ކްއީން އޮފް ޖާންސީ" ޑައިރެކްޓް ކުރީ ތިމަންނަ ކަމަށް ބުނެ މީޑިއާތަކުގައި ކްރިޝް ދައުވާ ކުރިޔަސް އެއިން ވާނެ ފައިދާއެއް ނޯންނާނެ ކަމަށް އެ ފިލްމުގެ ބަތަލު އަދި ޑައިރެކްޓަރު ކަންގަނާ ބުނެފި އެވެ.

ކަންގަނާ ރަނާވަތު، ކްރިޝް އަށް ރައްދު ދީފި
ކަންގަނާ ރަނާވަތު، ކްރިޝް އަށް ރައްދު ދީފި

ޒީ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކުރި ފިލްމު ބޮކްސް އޮފީހުގައި ވެސް ވަރަށް ރަނގަޅަށް ހިނގަމުން އަންނަ އިރު، "މަނިކަރްނިކާ" ގެ ޑައިރެކްޝަން ވަކި ހިސާބަކުން ދޫކޮށްލި ޑައިރެކްޓަރު ކްރިޝް ބުނާ ގޮތުގައި އެ ފިލްމުގެ 70 ޕަސަންޓް ޑައިރެކްޓްކުރީ އޭނާ އެވެ. އަދި ފިލްމު ބެލުމުން އޭނާ ކުރި މަސައްކަތް ފެންނަން އެބަހުރި ކަމަށް ބުނެ، ނުކުރާ މަސައްކަތަކަށް ކަންގަނާ އަށް ކްރެޑިޓް ނުނެގޭނެ ކަމަށް ކްރިޝް ދަނީ ބުނަމުންނެވެ.

އޭނާ ބުނި ގޮތުގައި ފިލްމު ދޫކޮށްލަން މަޖުބޫރުވީ ކަންގަނާ ތިމާވަރުގެ މީހަކު ނެތިގެން، ފިލްމުގެ ހުރިހާ ދިމާއަކަށް އަތް ބާނަން ފެށުމުންނެވެ.

މިކަމާ ގުޅިގެން ކްރިޝް ފިލްމު ދޫކޮށްލުމުން، އެކްޓަރު ސޯނޫ ސޫދާއި މިޝްތީ ޗަކްރަވަތީ ވަނީ ކަންގަނާ ދެކެ ހިތްހަމަނުޖެހިގެން ފިލްމު ދޫކޮށްލައި، އެކި ފަހަރު މަތިން ކަންގަނާ އަށް ބަހުގެ ހަމަލާތައް ފޮނުވައިފަ އެވެ.

އެ މީހުންގެ ވާހަތަކަށް ރައްދު ދެމުން ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް "މަނިކަރްނިކާ" އަކީ އޭނާ ޑައިރެކްޓް ކުރި ފިލްމެއް ކަމަށާއި އެ ކްރެޑިޓް އެހެން މީހަކަށް ދެން ނުނެގޭނެ ކަމަށެވެ.

"އެކަން އެ އޮތީކޮށްފައި. ދެން މީޑިއާތަކުގައި ކިތަންމެ ވަރަކަށް ދޮގު ދައުވާތަކެއް ކުރިޔަސް ވާނެ ފައިދާއެއް ނެތް،" ޖެނީވާ އަށް ކުރި ކުރު ޗުއްޓީ ދަތުރަކަށް ފަހު، އެނބުރި އިންޑިއާ އަށް ގޮސް އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަމުން ކަންގަނާ ބުންޏެވެ. "ދެން ވެސް ކުރަންވީ ކަމަކީ ތިމާމެންގެ ކިބައިގައި ހުނަރެއް ހުރި ކަމަށް ވަންޏާ އެ ހުނަރު ދައްކައިދީގެން އޯޑިއަންސްގެ ލޯބި ހޯދަން މަސައްކަތް ކުރުން. އަހަންނަށް މިއަދު އާދެވިފައި ހުރި ހިސާބަށް މި އާދެވުނީ ހުރި ހުނަރާއި ކުޅަދާނަކަން ދައްކައިގެން. މަނިކަރްނިކާ އަށް ނަގަން ޖެހުނު ކޮންމެ ޒިންމާއެއް ނެގި މީހަކީ އަހަރެން. އެއަކަށް އެއްވެސް ސުވާލެއް ނެތް."

"މަނިކަރުނިކާ" އާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ ވާހަކަތަކަށް ޖޯކް ޖަހާ އުސޫލުން ހިނގަނޑެއް ޖަހާލައި ކަންގަނާ ބުނީ ކްރިޝް ދެން ކުރަންވީ ކަމަށް ވިލަންއެއްގެ ރޯލަށް ސޯނޫ، ލީޑް ބަތަލާއެއްގެ ރޯލަށް މިޝްތީ އަދި ސްކްރީން ރައިޓަރަކަށް އަޕޫރްވާ ލައިގެން ފިލްމެއް ހެދުން ކަމަށެވެ.

"އޭރުން އަހަރެން ގަބޫލު ކުރާނަން މި މީހުންނަށް ވެސް ފިލްމެއް ހެދި ދާނެކަން" ތިން ފަހަރަށް ނެޝަނަލް އެވޯޑް ހޯދި ބަތަލާ ބުންޏެވެ.

ކަންގަނާ އަށް ކްރިޝް އާއި އޭނާ އަށް ވާގިދޭ މީހުން ފާޑުކީ ނަމަވެސް އެ ފިލްމުގައި މުހިއްމު ރޯލެއް ކުޅުނު އަންކިތާ ލޯކަންދޭ އާއި ފިލްމުގެ ޑައިލޮގްތަކާއޮ ލަވަތަކުގެ ޅެންތައް ހެދި ޕްރަސޫން ޖޯޝީ އަންނަނީ ކަންގަނާގެ މަސައްކަތަށް ތައުރީފުކޮށް ވާހަކަ ދައްކަމުންނެވެ.

އިންޑިއާ އާއި އިންޑިއާގެ ބޭރުގެ މާކެޓްތަކުގައި ދައްކައިގެން "މަނިކަރްނިކާ" އަށް އާދީއްތަ ދުވަހާ ހަމައަށް ވަނީ 84.14 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފަ އެވެ. މި ފިލްމަށް ހަރަދުކޮށްފައި ވަނީ 125 ކްރޯޑެވެ.