24 އޯގަސްޓް 2016 - 11:39

ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމާއި މިހާރުގެ ގައުމީ ޓީމު މި މަހު 29 ގައި ކުޅޭ ދައްކާލުމުގެ ފުޓްބޯޅަ މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުން ސްޕެއިނުގެ މަޝްހޫރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.
ގަތަރުގެ އަލް ސާދު އަށް ކުޅެމުން އަންނަ އުމުރުން 36 އަހަރުގެ ޒަވީ މި މެޗުގައި ނުކުޅުނު ނަމަވެސް، ގަލޮޅު ދަނޑުގައި، ދިވެހި ސަޕޯޓަރުންނާ ބައްދަލުކުރާނެ އެވެ.
އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވީ ޒަވީ މި ވަގުތު އަންނަނީ އޭނާގެ ކުލަބު ގަތަަރުގެ އަލް ސާދުއާ އެކު ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަމުން ކަމަށާއި މެޗު ކުޅުމުގެ ހުއްދަ އޭނާ އަށް ލިބިފައިނުވާ ކަމަށެވެ.
ސްޕެއިނާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2008 އަދި 2012 ގެ ޔޫރޯ ކާމިޔާބުކުރި ޒަވީ ވަނީ ސްޕެއިން ގައުމީ ޓީމަށް 133 މެޗު ކުޅެދީފަ އެވެ. ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު އެއްބަސްވާ ޒަވީ ވަނީ ސްޕެއިނުގެ ބާސެލޯނާ އަށް 1998 އިން 2015 އަށް 505 މެޗު ކުޅެދީފަ އެވެ. އެ ކްލަބާ އެކު އޭނާ ވަނީ ސްޕެނިޝް ލީގު އަށް ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ޔުއެފާ ކަޕް ދެ ފަހަރު އަދި ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބުކުރި އެވެ.
މި މެޗުގައި މެހެމާނެއްގެ ގޮތުގައި ޒަވީ ބައިވެރިވި ނަމަވެސް، ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު ރޮބާޓޯ ފަބިއަން އަޔާލާ ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭނާ އަކީ އާޖެންޓީނާ ގައުމީ ޓީމަށް ތިން ވޯލްޑް ކަޕެއްގައި ކުޅެ އަދި އޮލިމްޕިކްސް ރަން މެޑަލް ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ސްޕެއިނުގެ ވެލެންސިއާއާ އެކު ޔުއެފާ ކަޕާއި ސްޕެނިޝް ލީގު އަދި އިޓަލީގެ އޭސީ މިލާނާ އެކު އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ.
ރާއްޖޭން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިތާ 8 އަހަރު ފުރުން ފާހަގަކުރުމަށް ކުޅޭ މި މެޗުގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމަށް، އެ މުބާރާތުގައި ގައުމީ ޓީމަށް ކުޅުނު ހުރިހާ ކުޅުންތެރިން ކުޅޭނެ އެވެ. މިހާރުގެ ގައުމީ ޓީމުގައި ހިމެނޭ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދު ވެސް ކުޅޭނީ އެ ޓީމަށެވެ. މީގެ އިތުރުން އެ ފަހަރު ގައުމީ ޓީމަށް ކޯޗުކޮށްދިން ސްލޮވާކިއާގެ ޖޯސެފް ޔަންކޭޒް އެ މެޗުގައި ކޯޗުކޮށްދޭނެ އެވެ.