03 ފެބުރުއަރީ 2019 - 13:23

ކަނޑައެޅި މުއްދަތު ހަމަވި އިރު ވެސް ހުޅުމާލެ ބީޗް ސަރަހައްދުގެ ބޮޑު ބައެއް އަދިވެސް އޮތީ ކެފޭ/ރެސްޓޯރެންޓްތަކުގެ ބާރުގެ ދަށުގަ އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ނެތި ހުޅުމާލޭ ބީޗުގައި ބެހެއްޓި ގޮނޑިތަކާއި މޭޒުތަައް ޖެނުއަރީ 31 ގެ ނިޔަލަށް ހުސްކުރަން އޮތީ އަންގައިފަ އެވެ. ނަމަވެސް މުއްދަތު ހަމަވި އިރު ވެސް ގިނަ ކެފޭތަކުން އެ ސަރަހައްދުގައި ގޮނޑިތައް ވަނީ އަތުރައިފަ އެވެ.
ކުރިން މޫދާ ކައިރިން ބީޗުގައި ޖެހި ގޮނޑިތަކާއި މޭޒުތައް މިހާރު ހުރީ ނަގައިފަ އެވެ. އެކަމަކު އެއަށް ވުރެ އެއްގަމުގައި އޮންނަ ހުސް ބިމުގައި އަދިވެސް ގަވާއިދާ ހިލާފަށް އަންނަނީ ކެފޭ/ރެސްޓޯރަންޓް ހިންގަމުންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވެފައިވަނީ ހުޅުމާލޭ ޕްލޭން ކޮށްފައިވާ ގޮތުން ދެވަނަ ފިޔަވަހީގެ ނަރުދަމާ އާއި ފެނުގެ ހިދުމަތްތަކަށް ބޭނުންވާ ހޮޅިތައް ވަޅުލަން ހަމަޖެހިފައި ވަނީ ބީޗު ސަރަހައްދުން ކަމަށެވެ. އެހެންވެ އެއީ މި ވަގުތު ވިޔަފާރީގެ ބޭނުމަށް ދޫކުރަން ރާވާފައިވާ ސަރަހައްދެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެޗްޑީސީން ހުޅުމާލެ ބީޗް ސަރަހައްދު ހުސްކުރުމަށް އަންގާފައި ވަނީ ހުޅުމާލޭ ގެސްޓްހައުސްތަކުން ވިޔަފާރީގެ ބޭނުންތަކަށް ބީޗު ބޭނުންކުރާ މައްސަލާގައި އާންމުންގެ ޝަކުވާ ބޮޑުވުމާ ގުޅިގެންނެވެ.
ފާޑުކިޔާ މީހުން ބުނަނީ ބީޗް ސަރަހައްދު މިހާރު ވަނީ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ހިސޯރުކޮށްފައި ކަމަށާއި އެކަމަކު އެއީ އެންމެންނަށް އެއް ހަމައެއްގައި ބޭނުންކުރެވޭ ތަނަކަށް ހަދަން ޖެހޭ ކަމަށެވެ.
އެ ސަރަހައްދު ހުސްކުރަން އެދި އެޗުޑީސީން އިއުލާން ނެރުނީ މިދިޔަ ޑިސެމްބަރު 24 ގަ އެވެ.