03 ފެބުރުއަރީ 2019 - 13:00

އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ފޯމުތައް މި ހަފްތާގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅަން ނިންމައިފި އެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ ކޯޓުން ކުރަން ޖެހޭ ކަންކަމާއި އެހެނިހެން މަރުހަލާތައް ފުރިހަމަ ކުރުމަށް ފަހު، މި ހަފްތާގެ ފަހުކޮޅު އީސީ އަށް ފޯމުތައް ހުށަހަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި [ފޯމް ހުށަހެޅުމަށް] އިވެންޓަކީ ކުލަ ގަދަ އިވެންޓަކަށް ވެގެންދާނެ،" އަފްޝަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފޯމްތަކުގެ ކޯޓް ކުލިއަރެންސް ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ނިމޭނެ ކަމަށެވެ.
އަންނަ އޭޕްރީލް ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އެންމެ ވަރުގަދަ ކެމްޕެއިނެއް ކުރަމުން އަންނަ އެއް ޕާޓީއަކީ އެމްޑީޕީ އެވެ. އެ ޕާޓީން ވަނީ ބޮޑު ޕްރައިމަރީއެއް ބާއްވައި 77 ދާއިރާއަކަށް ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅައިފަ އެވެ. އެމްޑީޕީން 86 ދާއިރާއަކަށް ވާދަކުރާ އިރު، ބާކީ އޮތް ނުވަ ދާއިރާގެ ޓިކެޓު ކެންޑިޑޭޓުންނަށް ލިބުނީ ޕްރައިމަރީގައި ވާދަކުރާނެ އެހެން ކެންޑިޑޭޓަކު ނެތުމުންނެވެ.
އަފްޝަން ވިދާޅުވި ގޮތުގައި އިންތިޚާބުގެ ކެމްޕެއިންގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހު ރާއްޖޭގައި ޕޯސްޓަރު ހިއްޕުމުގެ ހަރަކާތެއް ވެސް ފަށާނެ އެވެ.
އެމްޑީޕީގެ ޓިކެޓު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު އާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ބައެއް މެމްބަރުންނާއި ކުރީގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ. އަދި އެމްޑީޕީ ސަރުކާރުގެ ކުރީގެ ބައެއް ވަޒީރުންނަށް ވެސް ޓިކެޓު ލިބިވަޑައިގެންނެވި އެވެ.
މަޖިލިސް އިންތިޚާބަށް ނަން ހުށަހެޅުމުގެ ފުރުސަތު އީސީން ވަނީ މިދިޔަ ހޯމަ ދުވަހު ހުޅުވާލައިފަ އެވެ. އެ މުއްދަތު ހަމަވާނީ މި މަހު 21 އަށެވެ.