03 ފެބުރުއަރީ 2019 - 12:43

ނިއު ދިއްލީ - އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީ އިން ހިންގި އަންޑަ ކަވާ އޮޕަރޭޝަނެއްގައި އިންޑިއާގެ 129 ދަރިވަރަކު ހައްޔަރުކުރުމުން އިންޑިއާއިން ނުރުހުން ފާޅުކޮށްފި އެވެ.
އެމެރިކާ ސަރުކާރުން ކޯޓުގައި ބުނެފައި ވަނީ "ޔުނިވާސިޓީ އޮފް ފާމިންޓަން" ގެ ނަމުގައި ހިންގި ފޭކް ޔުނިވާސިޓީއަށް ދަރިވަރުން އެންރޯލްވީ އެއީ ގަވައިދާ ހިލާފު ތަނެއްކަން ދެނެ ތިބެ ކަމަށެވެ. ނަމަވެސް އިންޑިއާއިން ބުނާ ގޮތުގައި އެގައުމުގެ ދަރިވަރުން މަކަރުވެރި މަޅިއެއްގައި ޖެއްސީ އެވެ.
އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން އިއްޔެ ވަނީ ނިއު ދިއްލީގައި ހުންނަ އެމެރިކާ އެމްބަސީއަށް ހިތްހަމަނުޖެހިގެން ލިއުމެއް ފޮނުވައިފަ އެވެ. ދަރިވަރުން ހައްޔަރުކުުރުމުން ނުރުހުން ފާޅުކުރުމުގެ އިތުރުން އިންޑިއާގެ ކޮންސިއުލާ އޮފިޝަލުންނަށް އެ ދަރިވަރުންނާ ބައްދަލުކުރެވޭނެ ގޮތް ހަދައި ދިނުމަށް ލިއުމުގައި ވަނީ ގޮވައިލައިފަ އެވެ.
"ދަރިވަރުންގެ ތަފުސީލު މައުލޫމާތު ދިނުމަށާއި އެމީހުންނަށް ވާނުވާ ގަވައިދުން އަންގަން އަހަރެމެން ވާނީ އެމެރިކާއަށް އަންގާފައި،" އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ފައިސާ ހަރަދުކޮށްގެން ގަވައިދާ ހިލާފަށް އެމެރިކާގައި ތިބުމަށް ކުރާ މަސައްކަތްތައް ފަޅާއަރުވާލައި އެފަދަ ކަންތައްތައް ކުރާ މީހުން ހައްޔަރުކުރަން އެމެރިކާއިން ކުރިން ވެސް އެފަދަ އޮޕަރޭޝަންތައް ހިންގާފައިވެ އެވެ. އެގޮތުން "ޔުނިވާސިޓީ އޮފް ނޮދާން ނިއުޖާޒީ "ގެ ނަމުގައި 2016 ގައި ވެސް ފޭކް ޔުނިވާސިޓީއެއް ހަދައި ބަޔަކު ހައްޔަރުކުރި އެވެ.
މިފަހަރު ޔުނިވަސިޓީ އޮފް ފާމިންޓަންގެ ނަމުގައި ފޭކް ޔުނިވަސިޓީއެއް ހިންގި އިރު ވެބްސައިޓަކާއި ފޭސްބުކް ޕޭޖް ވެސް ހެދި އެވެ. އެގޮތުން ކުރި އިޝްތިހާރުތަކުގައި ޓިއުޝަން ފީގެ ރޭޓްތައް ވެސް ޖަހާފައިވެ އެވެ. އެގޮތުން އަންޑަ ގްރެޖުއޭޓެއްގެ ޓިއުޝަން ފީ އަކީ އަހަރަކު 8،500 ޑޮލަރު ކަމަށް ޖެހި އިރު ގްރެޖުއޭޓް ދަރިވރުންގެ ފީއަކީ އަހަރަކު 11،000 ޑޮލަރު ކަމަށް މައުލޫމާތު ފެތުރި އެވެ.
އޮޕަރޭޝަން ނިންމާލުމަށް ފަހު ވެބްސްއިޓާއި ފޭސްބުކް ޕޭޖް މިހާރު ވަނީ ހުއްޓާލައިފަ އެވެ. މި ގޮތަށް އެމެރިކާ އިން ސިއްރުން ކަންތައް ކުރަނީ، ވަގު މައުލޫމާތު ދީގެން އެމެރިކާއަށް އެތެރެވާ މީހުން ހޯދާށެވެ.