03 ފެބުރުއަރީ 2019 - 11:04

މެންޗެސްޓާ (ފެބްރުއަރީ 3) - އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުގެ ކުރީގައި ލިވަޕޫލް ފަސް ޕޮއިންޓުގެ ލީޑެއްގައި އޮތް ނަމަވެސް އެ ޓީމަށް ހިތްހަމަޖެހިލައިގެން ތިބެވެން ނެތް ކަމަށް އެންމެ ފަހުގެ ޗެމްޕިއަން އަދި މި ވަގުތު ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ލީގުގެ އެއް ވަނައިގައި ލިވަޕޫލް އޮތީ 24 މެޗުން 61 ޕޮއިންޓާ އެކު އެވެ. ރޭ ޓޮޓެންހަމް ކުޅުނު މެޗުން މޮޅުވުމުން ސިޓީ ވަނީ ލީގުގެ ތިން ވަނަ އަށް ވެއްޓިފަ އެވެ. ޓޮޓެންހަމުން 25 މެޗުން 57 ޕޮއިންޓް ހަމަކޮށްފައިވާއިރު، ސިޓީގެ އޮތީ 24 މެޗުން 56 ޕޮއިންޓެވެ.
ލީގުގައި އެންމެ ފަހުން ސިޓީ ކުޅުނު މެޗުން ވަނީ ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. އޭގެ ފައިދާނަގައި ލީގުގެ އެއް ވަނައިގައި ހަތް ޕޮއިންޓަށް ލީޑުފުޅާކުރަން ލިބުނު ފުރުސަތުގެ ބޭނުން ލިވަޕޫލަށް ނުހިފުނީ އެ ޓީމު ކުޅުނު މެޗުން އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ އެއްވަރުވުމުންނެވެ.
މިރޭ ލީގުގައި އާސެނަލާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ސިޓީގެ ކޯޗު ގާޑިއޯލާ ލިގުގެ ރޭހާ ބެހޭގޮތުން ކުރި ސުވާލަކަށް ބުނީ ކޮންމެ ޓީމަކަށް ވެސް އޮތް ޗެލެންޖް ބޮޑުކަމަށެވެ.
"މިހާރު ވެސް ހާލަތު އޮތީ މިދިޔަ ހަފްތާގައި ނޫނީ މިދިޔަ ތިން މަހުގައި ވެސް އޮތްގޮތަށް. ކޮންމެ ހަފްތާ އަކީ އާ ޗެލެންޖެއް. ހަމައެކަނި މީގެ އޮތީ މެޗުތަކުން މޮޅުވުން. މާކުރިން ކަންތައްތަައް ނިންމައިގެން ނުވާނެ. ޔަގީނުންވެސް އެއްވެސް ޓީމަކަށް ހަމަޖެހިލައިގެން ނެތް ތިބެވޭކަށް ނެތް. އެއީ ލިވަޕޫލަށް ވެސް ނެތް ހާލަތު ބަދަލުވާގޮތުން، ލީޑެއްގައި އޮތީމަ ހެވިފައި ތިބެވެކަށް،" ގާޑިއޯލާ ބުންޏެވެ.
ޓީމަކަށް އަބަދުވެސް އެންމެ އުނދަގޫ ހާލަތެއް ކުރިމަތިވާނީ ބަލިވެފައި އޮއްވައި އަލުން ފޯމަކަށް އެޅެން ކަމަށް ގާޑިއޯލާ ގަބޫލުކުރެ އެވެ. އެކަމަކު ޕްރޮފެޝަނަލް ކުޅުންތެރިންނަކީ ކޮންމެ ހާލަތަކަށް ވެސް ތައްޔާރަށް ތިބެން ޖެހޭ ބައެއް ކަމަށާއި އަމިއްލަ ނަފްސާއި މުޅި ޓީމަށް ކުރާ އިތުބާރު ބޮޑުވުމުން ޕޮޒިޓިވް ވިސްނުމެއްގައި ހުރި ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
ނިއުކާސަލް އަތުން ބަލިވި މެޗުގައި ލިބުނު ފިލާވަޅުތަކުގެ ބޭނުން ހިފާނެ ކަމަށާއި އާސެނަލަކީ މި ވަގުތު ކުރި މަތީގައި އޮތް އިމްތިހާނެއް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
މިރޭ އާސެނަލާ ދެކޮޅަށް ސިޓީން ފްރާންސްގެ ފުލްބެކް ބެންޖަމިން މެންޑީ ކުޅުވުމާ މެދު ގޮތެއް ނިންމާނީ މިއަދު ހަދާ ފިޓްނަސް ޓެސްޓްތަކަށް ފަހު އެވެ. އާސެނަލާ ލޯން އެއްބަސްވުމެއްގެ ދަށުން ދާދި ފަހުން ގުޅުނު ޑެނިސް ސުއާރޭޒް މިރޭގެ މެޗުގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު އުނާއި އެމެރީ ވަނީ ބުނެފަ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.