ކެންސަރަށް ފަރުވާ ހޯދަމުން ސޮނާލީ ބެންޑްރޭ އަލުން މަސައްކަތަށް
ކެންސަރަށް ފަރުވާ ހޯދަމުން ސޮނާލީ ބެންޑްރޭ އަލުން މަސައްކަތަށް

ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ބޮލީވުޑްގެ ބަތަލާ ސޮނާލީ ބެންޑްރޭ އަލުން މަސައްކަތަށް ނުކުމެއްޖެ އެވެ.

އޭނާ އިންސްޓަގްރާމްގައި ޕޯސްޓްކުރި ވީޑިއޯއަކާއި ފޮޓޯއަކާ އެކު ބުނީ އަލުން މަސައްކަތަށް އާދެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކެމެރާއާ ކުރިމަތިލައި، އޭނާގެ ޖަޒުބާތުތައް ބޭރުކުރުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ސޮނާލީ ޕޯސްޓްކުރި ވީޑިއޯ އިން ފެންނަނީ އޭނާ ކާރެއްގައި ގޮސް، ވެނިޓީ ވޭނަކަށް އަރާ ތަނެވެ.

އަލުން މަސައްކަތް ފެށި ނަމަވެސް، ސޮނާލީ ކުރަނީ ކޮން ކަހަލަ މަސައްކަތެއް ކަމެއް ނޭނގެ އެވެ. ފިލްމެއްގެ މަސައްކަތް ކުރަނީތޯ ނޫނީ ޓީވީ ޝޯއެއްގެ މަސައްކަތް ކުރަނީތޯ ސާފެއް ނުވެ އެވެ.

މިދިޔަ އަހަރު ޖުލައި މަހުގެ 4 ވަނަ ދުވަހު ސޮނާލީ އެމެރިކާގައި ހުރެ ކެންސަރަށް ފަރުވާ ހޯދާ ވާހަކަ ހިއްސާ ކުރި އިރު، އޭނާ ޖަޖެއްގެ ގޮތުގައި ބައިވެރިވާ ޒީޓީވީގެ "އިންޑިއާސް ބެސްޓް ޑްރާމޭބާޒް" ސީޒަން ތިނެއް އޮތީ ފަށައިފަ އެވެ. އެކަމަކު ސޮނާލީ ނިއު ޔޯކްގައި ކީމޯ ތެރަޕީ ހަދަން މަޑުކުރަން ޖެހުމުން، ޝޯގައި އޭނާ ހޫނު ކުރަމުން ދިޔަ ގޮނޑި ހަވާލު ކުރީ ބަތަލާ ހުމާ ގްރޭޝީއާ އެވެ.

"އިންޑިއާސް ބެސްޓް ޑްރާމާބާޒް" ސީޒަން ތިނެއް ނިންމައިލީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

އެ ޝޯގައި ސޮނާލީ، 44، އާ އެކު ޖަޖްކަން ކުރާ ފަންނާނުންގެ ތެރޭގައި ހިމެނެނީ ފުރަތަމަ ތިން ސީޒަނުގައި ވެސް ޖަޖްކަން ކުރި އެކްޓަރު ވިވެކް އޮބެރޯއީ އާއި ޑައިރެކްޓަރު އޮމަންގް ކުމާރެވެ.

ކީމޯ ތެރަޕީ ފަރުވާ އަށް ފަހު ސޮނާލީ އެނބުރި އިންޑިއާ އަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ.