ނެށުންތެރިޔާ ސަލްމާނަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި
ނެށުންތެރިޔާ ސަލްމާނަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި

ޒީޓީވީގެ ޑާންސް ޝޯ ޑާންސް އިންޑިއާ (ޑީއައިޑީ) ގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި ކުޅަދާނަ ނެށުންތެރިޔާ އަދި މިހާރު ކޮރިއޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ ސަލްމާން ޔޫސުފް ހާނުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފި އެވެ.

އޭޝިއަން ނިއުސް އިންޓަނޭޝަނަލް (އަނީ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާންގެ ފަރާތުން އެކި ފަހަރު މަތިން ޖިންސީ ފުރައްސާރަ ލިބުނު ކަމަށް ބުނާ އަންހެން މީހާ ވަނީ އެ މައްސަލަ މިދިޔަ މަހުގެ 30 ވަނަ ދުވަހު މުމްބާއީގެ އަނދޭރީގެ އޮޝިވާރާ ޕޮލިސް ސްޓޭޝަނަށް ހުށަހަޅައިފި އެވެ.

ސަލްމާންގެ މައްޗަށް ތުހުމަތުކުރި އަންހެން މީހާއާ ހަވާލާދީ އަނީން ބުނި ގޮތުގައި އޭނާ އަށް ސަލްމާން ފުރައްސާރަކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދުބާއީގައި ބޭއްވި ޝޯއެއްގައި އެކީގައި ޕަފޯމްކުރަން ދައުވަތު ދިނުމަށް ފަހު، އޮޝިވާރާގެ ކޮފީ ޝޮޕެއްގައި ބައްދަލުކޮށް، ކާރުގައި ގެއަށް ދިޔަ މަގުމަތީގަ އެވެ.

އެގޮތުން އޭނާ ގަޔަށް ސަލްމާން ޖިންސީ އެދުންވެރިކަމުގައި އަތްލައި، ޖިންސީ ވާހަކަތައް ވެސް ދައްކާފައިވާ ކަމަށް ބުންޏެވެ. އަދި ދުބާއީ އަށް ދިއުމަށް ފަހު ވެސް އެކި ފަހަރު މަތިން ސަލްމާން އޭނާ އަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ބުންޏެވެ.

ނަން ހާމަ ނުކޮށް ސަލްމާނާ ބެހޭ ގޮތުން އަންހެން މީހާ ބުނި ގޮތުގައި ފަހުން ސަލްމާން ވަނީ އޭނާއާ އެކު ގުޅުން ބާއްވަން ދެކޮޅު ހެދުމުން، ޑާންސް ގްރޫޕާ އެކު ހަދާފައި އޮތް އެގްރިމަންޓް ވެސް ބާތިލުކޮށް، އަނބުރާ މުމްބާއީ އަށް ފޮނުވާލައިފަ އެވެ.

މީހަކާ އިނދެގެން ދަރިއަކު ވެސް ހުރި ސަލްމާން، 33، ގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އޭނާ ދިފާއުގައި އަދި އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ.

ސަލްމާނަކީ "ޑީއައިޑީ" ގައި ކުރިން ޖަޖެއްގެ ގޮތުގައި މަސައްކަތް ކުރި ރެމޯ ޑި ސޫޒާ ޑައިރެކްޓް ކުރި 2013 ގެ ފިލްމު އެނީބަޑީ ކޭން ޑާންސް (އޭބީސީޑީ) ގައި އެކްޓް ވެސްކޮށްފައިވާ ފަންނާނެކެވެ. އަދި ކަލާޒުން ގެނެސް ދެމުން ގެންދިޔަ ޑާންސް ޝޯ "ޖަލަކް ދިކްލާޖާ" ގައި އޭނާ ވަނީ މެންޓޯއެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ.

ސަލްމާނަކީ ކަލާޒްގެ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 7 ވަނަ ސީޒަނުގައި ވެސް 2015 ގައި ވާދަކޮށްފައިވާ ފަންނާނެކެވެ.