އިންޑިއާގެ އާ ގަވައިދާ އެކު އެމެޒޯންއަށް މައްސަލަތަކެއް
އިންޑިއާގެ އާ ގަވައިދާ އެކު އެމެޒޯންއަށް މައްސަލަތަކެއް

އިންޑިއާގެ ކުދި ވިޔަފާރިތައް ހިމާޔަތްކުރަން ހެދި އާ ގަވައިދުގެ ސަބަބުން އޮންލައިން ވިޔަފާރީގެ މައި ކުންފުންޏެއް ކަަމަށްވާ އެމެޒޯންގެ ގިނަ އުފެއްދުންތަކެއް އޭގެ ސައިޓުން ނަގަން ޖެހިއްޖެ އެވެ.

ކުދި ވިޔަފާރިތައް ހިމާޔަތްކުރަން އިންޑިއާއިން އަލަށް ތައާރަފްކުރި ގަވައިދަށް އަމަލުކުރަން ފެށީ ހޮނިހިރު ދުވަހު އެވެ. އެއާ އެކު އެމެޒޯން އިންޑިއާއިން ވަނީ އުފެއްދުންތައް ސައިޓުން ނަގަން ފަށައިފަ އެވެ. އެގޮތުން ނެގި އުފެއްދުންތަކުގެ ތެރޭގައި އަންނައުނުގެ ވިޔަފާރި ކުރާ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޝޮޕާސް ސްޓޮޕްގެ އުފެއްދުންތައް ހިމެނެ އެވެ. އޭގެ އިތުރުން އެމެޒޯންގެ އަމިއްލަ އުފެއްދުންތައް ކަމަށްވާ އެކޯ ސްޕީކާސް އާއި ޕްރެސްޓޯ ބްރޭންޑްގެ ގެދޮރުގެ ސާފުތާހިރުކަމަށް ބޭނުންކުރާ އުފެއްދުންތައް ވެސް ވަނީ ސައިޓުން ނަގައިފަ އެވެ.

އާ ގަވައިދުގެ ސަބަބުން އިންޑިއާގެ އީ ކޮމާސްގެ ދާއިރާއަށް ބޮޑެތި އަސަރުތަކެއް ކުރާނެ އެވެ. އިންޓަނެޓް މެދުވެރިކޮށް ކުރާ ވިޔަފާރި ފުޅާ ދާއިރާއެއްގައި ހިންގާ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ވަނީ އިންޑިއާގައި ބޮޑެތި އިންވެސްޓްމެންޓްތަކެއް ކޮށްފަ އެވެ.

އެމެޒޯން އާއި ފްލިޕްކާޓުން ގެންދަނީ އިންޑިއާގެ ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓާ ގުޅޭ އާ ގަވައިދާ ދެކޮޅުހަދަމުންނެވެ. އެ ގަވައިދު ބުނާ ގޮތުން އޮންލައިން ރީޓެއިލް ވިޔަފާރި ކުރާ ފަރާތްތަކަށް އިންޑިއާގައި އެކްސްކްލޫސިވްކޮށް އުފެއްދުމެއް ވިއްކުން ވެސް މަނަ އެވެ.

ވިޔަފާރީގެ ވާދަވެރިކަމުގައި ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކަށް ނުހައްގު އެޑްވާންޓޭޖެއް އޮންނަ ކަމަށް ބުނެ، އެފަދަ ގަވައިދެއް ތައާރަފްކުރަން އިންޑިއާގެ ވިޔަފާރިވެރިން މަަސައްކަތް ކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ.

އެެމެޒޯންގެ ޗީފް ފައިނޭންޝަލް އޮފިސަރު ބްރަޔާން އޮލްސާސްކީ ވިދާޅުވީ އިންޑިއާގައި ހާލަތު ބަދަލުވަމުން ދާ ކަމަށާއި ނަމަވެސް ދިގު މުއްދަތަކަށް ބަލަންޏާ އެއީ އަދިވެސް ރަނގަޅު ފުރުސަތު އޮތް ގައުމެއް ކަމަށެވެ.

އެމެެޒޯން އިން ވަނީ އިންޑިއާގައި 5.5 ބިލިޔަން ޑޮލަރު އިންވެސްޓްކުރަން ނިންމައިފަ އެވެ. އެކަމަކު އެ ކުންފުނީގެ އެންމެ ބޮޑު އެއް ވާދަވެރިޔާ އެމެރިކާގެ ވޯލްމާޓުން ވަނީ ފްލިޕްކާޓްއަށް 16 ބިލިޔަން ޑޮލަރު އިންވެސްޓްކޮށްފަ އެވެ.