ޓޮޓެންހަމް ދެ ވަނަ އަށް، ޗެލްސީ އަށް ހިތްހަމަޖެހުމެއް
ޓޮޓެންހަމް ދެ ވަނަ އަށް، ޗެލްސީ އަށް ހިތްހަމަޖެހުމެއް

ލަންޑަން (ފެބްރުއަރީ 3) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 އިން މޮޅުވެ ޓޮޓެންހަމް ހޮޓްސްޕާސް ލީގުގެ ދެ ވަނަ އަށް ޖެހިލިއިރު، އަމިއްލަ ދަނޑުގައި 5-0 އިން ހަޑްސްފީލްޑް ޓައުން ބަލިކޮށް ޗެލްސީން ހިތްހަމަޖެހުމެއް ހޯދައިފި އެވެ.

ލީގުގެ ދެ ވަނަ އަށް ޓޮޓެންހަމް ޖެހިލީ 25 މެޗުން 57 ޕޮއިންޓް ހަމަކޮށްގެންނެވެ. ލީގުގެ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 24 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. މިރޭ އާސެނަލާ ދެކޮޅަށް އަމިއްލަ ދަނޑުގައި ސިޓީ ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސާލައިފިނަމަ އަލުން އެ ޓީމަށް ދެ ވަނަ ލިބޭނެ އެވެެ.

ބުދަ ދުވަހުގެރޭ ބޯންމައުތު އަތުން 4-0 އިން ބަލިވުމުން ޗެލްސީން ރޭގެ މެޗަށް ނުކުތީ ރަނގަޅު ނަތީޖާއެއް ނެރެ ފޯމަކަށް އެޅުމުގެ އަމާޒުގަ އެވެ. ރޭ އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ރެލިގޭޝަނުގައި އޮތް ހަޑްސްފީލްޑް އަތުން ފުރިހަމަ މޮޅެއް ހޯދައިފަ އެވެ. މި މޮޅާ އެކު ޗެލްސީ ލީގުގެ ހަތަރު ވަނައިގައި އޮތީ 25 މެޗުން 50 ޕޮއިންޓް ހަމަކޮށްގެންނެވެ.

ޓޮޓެންހަމްގެ ހެރީ ކޭން އާއި ޑެލެ އަލީ އަނިޔާގައި ހުރުމުން އެ ޓީމަށް ގިނަ މައްސަލަތަކެއް އަންނަނީ ދިމާވަމުންނެވެ. އެހެން ނަމަވެސް ޖެނުއަރީ މަހު ނިމުނު ފިނި މޫސުމުގެ ޓްރާންސްފާ މާކެޓްގައި ވެސް ޓޮޓެންހަމުން ކުޅުންތެރިއަކުގެ ސޮއި ނުހޯދީ މިހާރު އޮތް ޓީމަށް އެ ޓީމުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އިތުބާރު އޮތުމުންނާއި އާ ދަނޑުގެ މަސައްކަތަށް ހަރަދުތައް ހުރި ގޮތުން މި ވަގުތު ޓްރާންސްފާ އަށް ބޮޑު ހޭދައެއް ކުރެވެން ނެތުމުންނެވެ.

ރޭގެ މެޗުގައި ޓޮޓެންހަމް މޮޅުކޮށްދިން ލަނޑު މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބުކުރީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން އެވެ. އޭޝިއަން ކަޕުގައި ކޮރެއާ އަށް ކުޅުމަށް ފަހު އަލުން ޓޮޓެންހަމަށް އައިސް ކުޅުނު ދެ މެޗުގައި ވެސް ސޮން ވަނީ ލަނޑު ޖަހައިފަ އެވެ.

ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ބައެއް ކުޅުންތެރިންނަށް ރިކަވާވާން އެންމެ އެކަށީގެންވާ ވަގުތު ނުލިބި އޮތުމުން މި މެޗުގައި ޓީމުގެ އެންމެ ރަނގަޅު ކުޅުން ދައްކަން އުނދަގޫވި ކަމަށާއި އެހެން ނަމަވެސް އިތުބާރާ އެކު ކުރި މަސައްކަތުން ތިން ޕޮއިންޓް ހާސިލްކުރެވުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

ލީގުގެ އެންމެ ފުލުގައި އޮތް ހަޑްސްފީލްޑް ކޮޅަށް ރޭގެ މެޗުގައި ޗެލްސީގެ ގޮންޒާލޯ ހިގުއައިން އާއި އެޑެން ހަޒާޑް ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ޖެހި އެވެ. އަނެއް ގޯލް ޖެހީ ޑޭވިޑް ލުއިޒް އެވެ. މިއީ ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ބަދަލުވުމަށް ފަހު ހިގުއައިން އެ ޓީމަށް ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑުތަކެވެ.

"ހިގުއައިން މި ޓީމަށް (ޗެލްސީ) އައިއިރު ހުރީ ފިޒިކަލީ އެންމެ ރަނގަޅަކަށް ނޫން. އެއީ އޭނާ މެޗުތަކުގައި ނުކުޅެ އަދި ބުރަކަށްޓައް ލިބިފައިހުރި އަނިޔާ އަކުން އެއްކޮށް ރަނގަޅު ނުވާތީ. މި މެޗުގައި އޭނާ ދެ ގޯލު ޖެހުމުގެ އިތުރުން އަހަންނަށް ފެނުނު ރަނގަޅު ކަމަކީ މި ޓީމަށް އޭނަ ހޭނެމުންދާ ސްޕީޑް އަވަސްވުން،" ހިގުއައިންއާ ބެހޭގޮތުން ސާރީ ބުންޏެވެ.

ރޭ އެވަޓަން ކުޅުނު މެޗުން ވަނީ އަމިއްލަ ދަނޑުގައި 3-1 އިން ވުލްވްސް އަތުން ބަލިވެފަ އެވެ. ފުލަމް އަތުން 2-0 އިން ކްރިސްޓަލް ޕެލަސް މޮޅުވިއިރު، ވަޓްފޯޑާއި ބްރައިޓަން ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި ބާންލީ އާއި ސައުތެމްޓަން މެޗު ނިމުނީ 1-1 އިންނެވެ.