03 ފެބުރުއަރީ 2019 - 04:43

ވީއޭއެމް އެސޯސިއޭޝަން ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލު މެޗުގައި މިރޭ އެންމެ ފަހުގެ ގައުމީ ޗެމްޕިއަން ޕޮލިސް ކްލަބް 3-1 ސެޓުން ބަލިކޮށް ކްލަބް ވެމްކޯ އިން ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.

މިދިޔަ އަހަރުގެ ރަނަރަޕް ވެމްކޯ އިން މި ފަހަރުގެ ތަށި އުފުލާލިއިރު، މިއީ ވޮލީގެ ރަސްމީ ބޮޑު މުބާރާތެއްގެ ޗެމްޕިއަންކަން އެ ޓީމުން ހޯދި ފުރަތަމަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގެ ފައިނަލުން ޕޮލިސް ފުރުސަތު ހޯދީ އެ ޓީމު ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެކަމަކު މިރޭގެ މެޗުގައި ޖުމްލަކޮށް ވެމްކޯ އިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި ޕޮލިހުގެ ކިބައިން ބަދަލުހިފައިފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ސެޓުގެ މެދަކާ ހަމައިން ވެމްކޯ އިން ރަނގަޅު ލީޑެއް ނެގި އެވެ. ވެމްކޯއާ އެއްވަރުކުރުމަށް ޕޮލިހުން ކުޅުން ރަނގަޅުކުރި ނަމަވެސް ސެޓުގެ މެދަކާ ހަމައިން ވެމްކޯ އިން ޓައިމްއައުޓެއް ނެގުމުން ޕޮލިހަށް އަލުން ފަށަން އުނދަގޫވި އެވެ. ޓައިމްއައުޓަށް ފަހު އަލުން ފެށުނު ފަހުން އައިމިނަތު އަރީޝާގެ މޮޅު ކުޅުމާ އެކު ވެމްކޯ އިން ވަނީ 25-23 އިން ސެޓު ގެންގޮސްފަ އެވެ.
ފުރަތަމަ ސެޓު ގެއްލުމުން ޕޮލިހުން ދެ ވަނަ ސެޓަށް ނުކުތީ އަލުން މެޗުގެ ތެރެއަށް ވަނުމަށް މި ސެޓު ހޯދުން މަޖުބޫރުކަމަށް ދެކިގެންނެވެ. އެ ޓީމުން ވަނީ އެ ރޫހުގައި ނުކުމެ ތަފާތު ދައްކައިފަ އެވެ. ޒުވާން ކުޅުންތެރިއާ އައިމިނަތު ޝަހާ އާއި ތަޖުރިބާކާރު ކުޅުންތެރިއާ ހައްވާ ރާޝިދާގެ މޮޅު ކުޅުމާ އެކު ސެޓުގެ ކުރީކޮޅުގައި 10 ޕޮއިންޓަށް ޕޮލިހުން ލީޑުފުޅާކުރިއެވެ. އެކަމަކު އެ ފޯމުގައި މުޅިން އެއްކޮށް ޕޮލިހަށް ކުރިއަށް ނުގެންދެވުނުއިރު، ވެމްކޯ އިން ވަނީ ފަހަތުން އަރައި ހަމަކުރަން ހިތްވަރު ދައްކައިފަ އެވެ. އެހެން ނަމަވެސް ފަހު ވަގުތު އަނެއްކާ ވެސް ޕޮލިހުން ދެއްކި ހިތްވަރާ އެކު އެ ޓީމުން މި ސެޓު 17-25 އިން ގެންދިޔަ އެވެ.
ވެމްކޯ އިން ތިން ވަނަ ސެޓުން ފަށައިގެން ފެނުނީ ވަރަށް ރަނގަޅަށް ހާލަތްތަކަށް ތައްޔާރުވެގެން ކުޅުނުތަނެވެ. ތިން ވަނަ ސެޓު ފެށިގެން ވެމްކޯ އިން ހަތް ޕޮއިންޓަށް ލީޑުފުޅާކުރި އެވެ. އެ ޓީމުގެ މުހިއްމު ކުޅުންތެރިއާ އައިޝަތު މާޖިދާ އަށް އަނިޔާވެފައިވާތީ މި ސެޓުގައި އޭނާގެ ބޭނުން އެހާ ބޮޑަށް ނުކުރި ނަމަވެސް އަރީޝާގެ މޮޅު ކުޅުމާ އެކު ވެމްކޯ އިން ތަފާތު ދެއްކި އެވެ. ފަހު ވަގުތު ޕޮލިހުގެ ކުޅުންތެރިންނަށް ހެދުނު ގޯސްތަކެއްގެ ފައިދާނަގައި ވެމްކޯ އިން ވަނީ މި ސެޓު 26-24 އިން ގެންގޮސްފަ އެވެ.
ހަތަރު ވަނަ ސެޓުގައި ފޯރިގަދަ ކުޅުމެއް ފެނުނުއިރު، މި ސެޓުގައި ވެމްކޯގެ ހިތްވަރު އެލުނަނުދީ ތަފާތު ދެއްކީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަރީޝާ އެވެ. އޭނާ ވަނީ ރަނގަޅު ވަގުތުގައި ޓީމަށް މުހިއްމު ޕޮއިންޓުތަކެއް މި ސެޓުގައި ހޯދައިދީފަ އެވެ. ޕޮލިހަށް އެންމެ އުނދަގޫވީ ވެސް އަރީޝާގެ އެޓޭކްތައް ހުއްޓުވާށެވެ. މި ސެޓުގައި ޕޮލިހަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެޑްވާންޓޭޖެއް ނަގަން ލިބޭ ކޮންމެ ދަނޑިވަޅެއްގައި ހެދޭ ގޯހެއްގެ ސަބަބުން ފުރުސަތު ގެއްލުމެވެ. އޭގެ ނަތީޖާ އަކަށްވީ 27-25 އިން ސެޓު ގެންގޮސް ވެމްކޯ މެޗުން މޮޅުވުމެވެ.
މެޗާ ބެހޭގޮތުން ވެމްކޯގެ ކޯޗު ސޮފްވާން އަހުމަދު ބުނީ މިއީ ކުޅުންތެރިން އެކުގައި ކުރި މަސައްކަތް ކަަމަށާއި މި މުބާރާތަށް ތައްޔާރުވުމަށް ވެމްކޯ އިން ކުޅުނު އެކުވެރި ކަމުގެ ދެ މެޗާއި ދެ ވަނަ ބުރުގައި ކުޅުނު މެޗާއި ސެމީ ފައިނަލުގައި ޕޮލިސް އަތުން ބަލިވިއިރު، ވެމްކޯގެ ގޭމްޕްލޭން އެއްވެސް ވަރަކަށް މަސައްކަތް ނުކުރި ކަމަށާއި އެކަމަކު މި މެޗުގައި ކުޅުންތެރިންގެ ހިތްވަރުން ހުރިހާ ކަމެއް ބަދަލުވެގެންދިޔަ ކަމަށެވެ.
ޕޮލިހުގެ ކޯޗު ހާލިދު މުހައްމަދު ބުނީ އެއް މުބާރާތެއްގައި އެއް ޓީމެއް އަތުން ޖެހިޖެހިގެން ތިން މެޗުން މޮޅުވުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އަދި މި މެޗުގައި ޕޮލިހުގެ ފަރާތުން ވަރަށް މޮޅު ކުޅުމެއް ފެނުނު ކަމަށާއި އެންމެ ބޮޑަށް ދިމާވި މައްސަލަ އަކީ ކުރާ ހިތްވަރާ އެއްވަރަށް ނަސީބު ވެސް މި މެޗުގައި އެހީނުވުން ކަމަށެވެ.
"ފުރަތަމަ ސެޓު ފިޔަވައި ދެން މި ދިޔައީ ވަރަށް ގާތްގާތުން. އެއް ޕޮއިންޓު ދެ ޕޮއިންޓު އަތުން ގެއްލިގެން ތަފާތަކަށް މި ވަނީ. ހަގީގަތުގައި މި ކުޅުންތެރިންގެ ބެސްޓް ހުރިހާ ކުޅުންތެރިން ދިން. ދެން ނަސީބު ވެސް އެންމެ ރަނގަޅު ނޫން ދުވަހެއްވީމަ އެހެންދިމާވީ،" ހާލިދު ބުންޏެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފައިނަލް މެޗު ނުލައި ޕޮލިސް ކުޅުނު ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ހައްވަ އެވެ. ފައިނަލުގެ މޮޅު ކުޅުންތެރިއަކީ އަރީޝާ އެވެ. މޮޅު ކޯޗުގެ މަގާމު ވެމްކޯގެ ސޮފްވާނަށް ލިބުނުއިރު، އެންމެ އުއްމީދީ ކުޅުންތެރިއަކީ ޕޮލިހުގެ ޝަހާ އެވެ.
މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނެނީ ޕޮލިހުގެ ހައްވަ އާއި ހަދީޖާ އިބްރާހިމް އަދި ނުހާ ވަހީދުގެ އިތުުރުން ވެމްކޯގެ މާޖިދާ އާއި އަރީޝާ އަދި މުބާރާތުގެ ތިން ވަނަ ހޯދި ލޮރެންޒޯ ސްޕޯޓްސް ކްލަބްގެ ޖޫޒާން ޒަރީރު އާއި ހައްވާ ސަހާ އެވެ.