03 ފެބުރުއަރީ 2019 - 08:22

އީރާންގެ އިސްލާމީ އިންގިލާބުގެ އަހަރާ ދުވަހާ ގުޅުވައިގެން އެ ގައުމުން އާ ކްރޫޒް މިސައިލެއް ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފި އެވެ.
އީރާންގެ ގައުމީ ޓީވީން އަސްކަރިއްޔާއާ ހަވާލާދީ ބުނީ މިއީ 1،350 ކިލޯމީޓަރަށް ދަތުރުކުރާ މިސައިލެއް ކަމަށާއި މިއީ އީރާންގެ "ދިފާއީ ދިގު އަތުގެ ބައެއް" ކަމަށެވެ.
"ޓެސްޓްކުރި 'ހުވައިޒް' މިސައިލް 1،200 ކިލޯމީޓަރުގެ ތެރޭގައި އޭގެ އަމާޒަށް ކާމިޔާބު ކަމާ އެކު ދަތުރުކުރި،" ޑިފެންސް މިނިސްޓަރު އަމީރް ހާތަމީއާ ހަވާލާދީ ޓީވީން ބުންޏެވެ.
އޭނާ ވިދާޅުވީ މިއީ ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަމަލާ އަށް ތައްޔާރުކޮށްލެވޭ އަދި ވަރަށް ތިރިން ފޮނުވާލެވޭ މިސައިލެއް ކަމަށެވެ.
އަލަށް މިސައިލެއް ޓެސްޓްކޮށްފައި މި ވަނީ އީރާނުން މިދިޔަ 40 އަހަރު ތެރޭ ހޯދާފައިވާ އަސްކަރީ ކާމިޔާބީ ފާހަގަކޮށް އަސްކަރީ ބާރު ދައްކާލުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިންނެވެ.
މިއީ އީރާނުން 2015 ވަނަ އަހަރު ތައާރަފްކުރި "ސޫމާރް" މަރުކާގެ ކްރޫޒް މިސައިލްގެ ތެރެއަށް އިތުރުކުރި ވައްތަރެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސޫމާރް މިސައިލްގެ ރާސްތާ އަކީ 700 ކިލޯމީޓަރެވެ.