02 ފެބުރުއަރީ 2019 - 20:50

ލާހޯރް (ފެބްރުއަރީ 2) - ކޮރަޕްޝަނުގެ ކުށުގައި ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންގެންދާ ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް މިއަދު ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.
އިރުމަތީގެ ލާހޯރް ސިޓީގެ ކޮޓް ލަކްޕަޓް ޖަލުން ސަރުކާރުގެ ހޮސްޕިޓަލަކަށް ނަވާޒް ޝަރީފް ބަދަލުކުރީ މެޑިކަލް ޓެސްޓްތަކެއް ހެދުމަށެވެ. ނަވާޒް ޝަރީފްގެ ދަރިކަނބަލުން މަރިޔަމް ވެސް ވަނީ ޓްވިޓާ މެދުވެރިކޮށް އެކަން ޔަގީންކޮށްދެއްވައިފަ އެވެ.
ޖަލުގައި ހުންނަވާއިރު ސިއްހީ މައްސަލަތަކެއް ދިމާވެގެން މިދިޔަ ޖުލައި މަހު ވެސް ނަވާޒް ޝަރީފް ވަނީ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އެފަހަރު ޖަލުގައި ބަންދުކުރީ 10 އަހަރަށެވެ. ނަމަވެސް އެ ހުކުމް ސަސްޕެންޑްކޮށް ސެޕްޓެމްބަރު މަހު ނަވާޒް ޝަރީފް ވަނީ ޖަލުން ދޫކޮށްލައިފަ އެވެ. ކޮރަޕްޝަނުގެ އެހެން މައްސަލައެއްގައި ފަހުން ވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.
ނަވާޒް ޝަރީފްގެ ބޮޑު ވަޒީރުކަން 2017 ވަނަ އަހަރު ގެއްލުނީ ވެސް ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.
ނަވާޒް ޝަރީފް ވަނީ ޕާކިސްތާނުގެ ބޮޑު ވަޒީރުކަން ތިން ފަހަރެއްގެ މަތިން ކުރައްވައިފަ އެވެ. ކޮރަޕްޝަނުގެ ތުހުމަތުގައި ބޮޑު ވަޒީރުކަމުން ނަވާޒް ޝަރީފް ފުރަތަމަ ދުރުކުރީ 1993 ވަނަ އަހަރު އެވެ. ދެ ވަނަ ފަހަރަށް ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވީ 1997 އަހަރު އެވެ. އެކަމަކު 1999 ވަނަ އަހަރު ގެނައި ބަޣާވާތެއްގައި އަނެއްކާވެސް ވެރިކަމުން ދުރުކުރި އެވެ. ގައުމުން ބޭރުގައި އެތައް އަހަރަކު އުޅުއްވުމަށް ފަހު ޕާކިސްތާނަށް ވަޑައިގެންނެވީ 2007 ވަނަ އަހަރު އެވެ. އަދި 2013 ވަނަ އަހަރު ވަނީ ތިން ވަނަ ފަހަރަށް ވެރިކަމަށް ވަޑައިގެންފަ އެވެ.