04 ފެބުރުއަރީ 2019 - 07:37

ޒުވާން ބަތަލާ ސާރާ އަލީ ހާން ވެސް ބައޮގްރަފިކަލް ޑްރާމާއަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި މި ފިލްމަކީ 2013 ވަނަ އަހަރު އިމްރާން ހާޝިމީ އާއި ހޫމާ ގްރޭޝީ އާއި ކަލްކީ ކޮޗްލިންގެ އިތުރުން ކޮންކޮނާ ސެން ޝަރުމާ ލީޑް ރޯލް ކުޅުނު ސުޕަނެޗްރަލް ތުރިލާ "އޭކް ތީ ޑާޔަން" ޑައިރެކްޓަރު ކައްނާން އައްޔަރު ޑައިރެކްޓްކުރާ ފިލްމެކެވެ. އެކަމަކު ސާރާ ލީޑަށް ލައިގެން އޭނާ ގެނެސްދޭ ބައޮގްރަފިކަލް ޑްރާމާއަކީ ކާކުގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމެއް ބުނެފައެއް ނުވެ އެވެ.
ނަމަވެސް މި ފިލްމު ޕްރޮޑިއުސްކުރާނީ ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން ކަމަށާއި މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ހަންގާމާ އިން ބުންޏެވެ.
މިދިޔަ އަހަރު ފިލްމު "ކެދަރުނާތު" އިން ބޮލީވުޑަށް ތަައާރަފުވި ސާރާގެ ދެވަނަ ފިލްމު "ސިމްބާ" އަދިވެސް އަންނަނީ ސިނަމާތަކުގައި ކާމިޔާބު ޝޯތަކެއް ދައްކަމުންނެވެ.
ރަންވީރު ސިންގް ބަތަލުގެ ރޯލް ކުޅެ، ރޯހިތު ޝެޓީ ޑައިރެކްޓް ކުރި މި ފިލްމު ޑިސެމްބަރު މަހުގެ 28 އުން ފެށިގެން ދައްކަމުން އަންނަ އިރު، މިހާތަނަށް "ސިމްބާ" އަށް 400.27 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބިފައިވެ އެވެ.
"ކެދަރުނާތު" އާއި "ސިމްބާ" އަށް ފަހު، ސާރާ ކުޅޭނެ ފިލްމެއް ރަސްމީކޮށް މިހާތަނަށް އަދި އިއުލާންކޮށްފައި ނުވާ އިރު، "ހިންދީ މީޑިއަމް" ގެ ދެވަނަ ބަޔާއި "ލަވް އާޖް ކަލް" ގެ ދެވަނަ ބަޔަށް އޭނާ ސޮއިކޮށްފައިވާ ކަމަށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ކަރަން އަތުގައި މިހާރު ވެސް އޭނާ ޕްރޮޑިއުސް ކުރާ ދެ ބައޮޕިކެއް އެބަ އޮތެވެ.
އެއީ އިންޑިއާގެ ފުރަތަމަ އަންހެން ހެލިކޮޕްޓަރު ޕައިލެޓް އަދި ކުރީގެ އަސްކަރީ އޮފިސަރު ގުންޖަން ސަކްސޭނާގެ ރޯލް ޖާންވީ ކަޕޫރް ކުޅޭ ފިލްމާއި ކަރްގިލް ހަނގުރާމައިގެ ބަތަލެއް ކަމަށްވާ ވިކްރަމް ބަޓްރާގެ ރޯލް ސިދާތު މަލްއުތުރާ ކުޅޭ ފިލްމެވެ.