02 ފެބުރުއަރީ 2019 - 19:21

ގާޒާ (ފެބްރުއަރީ 2) - ފަލަސްތީނުގެ ހުޅަނގު އައްސޭރި އާއި ގާޒާ އަށް އެމެރިކާ އިން ދޭ ހުރިހާ އެހީއެއް ހުއްޓާލައިފިކަން ވޮޝިންޓަނުން ޔަގީންކޮށްދީފި އެވެ.
ފަލަސްތީނުގެ ސެކިއުރިޓީ ޚިދުމަތަށް އަހަރަކު މިހާރު 60 މިލިއަން ޑޮލަރު ބޭނުނެވެ އެވެ. އެމެރިކާ އިން މީގެ ކުރިން ވެސް ވަނީ ފަލަސްތީނަށް ދޭ އެކި އެހީތައް ހުއްޓާލައިފަ އެވެ. އެއިން ކޮންމެ ފަހަރަކު ވެސް އިޒްރޭލުން ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.
"އެމެރިކާގެ ނިންމުން އެ ވަނީ ނިންމާފައި. އަޅުގަނޑުމެން އެމެރިކާ އިން އިތުރު އެއްޗެއް ހޯދާކަށް ނޫޅެން،" ފަލަސްތީނުގެ ސީނިއާ އޮފިޝަލް ސާއިބު އުރައިގާތު ވިދާޅުވި އެވެ.
އެމެރިކާ އިން މިދިޔަ އަހަރު ވެސް ވަނީ ފަލަސްތީނަށް ދޭ އެހީތައް ހުއްޓާލައިފަ އެވެ. އޭގެ ތެރޭގައި އިންސާނީ އެހީގެ މަޝްރޫއުތަކަށް ދޭ ފައިސާ އާއި އިންފްރާސްޓްރަކްޗާ ތަރައްގީ ކުރަން ދޭ އެހީ ހިމެނެ އެވެ. އެމެރިކާ ސަރުކާރުން ވަނީ ފަލަސްތީނުގެ ރެފިއުޖީ އެޖެންސީ އަށް ދޭ ހުރިހާ ފައިސާގެ އެހީއެއް ވެސް ހުއްޓާލައިފަ އެވެ. މީގެ އިތުރުން ފަލަސްތީނުގެ ދަރިވަރުންނަށް އެމެރިކާ އިން ދޭ ސްކޮލާޝިޕް ޕްރޮގްރާމް ވެސް ވަނީ ހުއްޓާލައިފަ އެވެ.