02 ފެބުރުއަރީ 2019 - 18:54

އެތުލެޓިކްސްގައި ރާއްޖެ، ސަރަހައްދުގެ އާދައިގެ ގައުމެއްގެ ގޮތުގައި އޮތް ދުވަސްވަރު، މެޑެއްޔަކާ އެންމެ ގާތަށް ގެންގޮސްދިން ކުރީގެ އެއް ވަނަ ދުވުންތެރިޔާ ނަސީރު އިސްމާއިލަށް ހިތުގެ ސީރިއަސް މައްސަލައެއް ދިމާވެ ކުއްލި އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ އެވެ.

އިންޑިއާގެ ކޮޗިންގައި ނަސީރު ބުރާސްފަތި ދުވަހު ހެދި ޓެސްޓްތަކުން ދެއްކި ގޮތުގައި އޭނާގެ ހިތުގެ ހިނގުމުގައި މައްސަލަތަކެއް އުޅެ އެވެ. އެހެންވެ ޖެހެނީ އޮޕަރޭޝަނެއްކޮށް ހިތަށް "ޑުއަލް ޗެމްބާ ޕޭސްމޭކާ" އެއް ލައްވާށެވެ. އެއީ ހިތުގެ ހިނގުން ހިފަހައްޓައިދޭ އިލެކްޓްރޯނިކް ޑިވައިސްއެކެވެ. އޭނާގެ އޮޕަރޭޝަން އަންނަ ބުރާސްފަތި ދުވަހަށް މިހާރު ވަނީ ޝެޑިއުލްކޮށްފަ އެވެ.

އުމުރުން 43 އަހަރުގެ ނަސީރަށް، ކުއްލިއަކަށް ހާސްވުމާއި ބިރުގަތުމުގެ މައްސަލަ ދިމާވެ މީގެ ފަސް ވަރަކަށް އަހަރު ކުރިން ވެސް ހިތުގެ ޓެސްޓްތަކެއް ހެދި އެވެ.
"އޭރު ވަގުތުން ލަންކާ އަށް ދިއުމުން ޑޮކްޓަރު ބުނީ އެއްވެސް މައްސަލައެއް ނެތް ކަމަށް. އެހެން ހުއްޓާ މައްސަލަތަކެއް އުޅޭކަން އެނގުނީ މީގެ ދެ އަހަރު ކުރިން ބެންގަލޫރުގައި ހެދި ޓެސްޓްތަކަކުން،" ދެ ކުދިންގެ ބައްޕަ ބުންޏެވެ.
އެ ފަހަރު އެނގުނީ އޭނާ އަށް "ހާޓް ތިކެނިން" (ހިތުގެ މަސްގަނޑު ފަލަވުން) ދިމާވެފައިވާ ކަމެވެ. އެކަމަށް ޑޮކްޓަރު ދިނީ ބޭހެވެ. އެހެން ހުއްޓާ މީގެ އަހަރެއްހާ ދުވަސް ކުރިން އަނެއްކާ ވެސް އުނދަގޫވާތީ އައިޖީއެމްއެޗަށް ދިއުމުން ޑޮކްޓަރު އަލީ ޝަފީގް ވަގުތުން ޓެސްޓްތަކެއް ހެއްދެއްވުމަށް ފަހު ލަފާ ދެއްވީ ހިތުގެ އެމްއާރްއައި ހެދުމަށެވެ. އެކަމަށާއި ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގެ ޕްރޮފެސަރަކަށް ދެއްކުމަށް ދިން ލަފާގެ މަތިން ގޮސް ހެދި ތަފްސީލީ ޓެސްޓްތަކުން އެނގުނީ އޭނާގެ ހިތުގެ ލޭ ހޮޅިތައް ބޮޑެތި ކަމެވެ. އޭގެ ސަބަބުން ލޭ ދައުރުލާލެއް އަވަސްވެ ލޭގަނޑުވުމުގެ ފުރުސަތު އޮތުމުން އެކަމަށް ބޭސް ދިނެވެ. އަދި އެއް އަހަރު ފަހުން ޓެސްޓް ހަދަން އައުމަށް އެންގި އެވެ.
"އޭގެ އަހަރެއް ފަހުން މިދިޔަ ހަފުތާގައި ކޮޗިން އަށް މިއައީ ޓެސްޓް ހަދަން. ޓެސްޓަށް ފަހު ޑޮކްޓަރު ބުނީ ބޭސް ދުވަސްކޮޅަކަށް މަދުކޮށްލަން އެކަމަކު ކޮލެސްޓްރޯލާއި ޕްރެޝަރު ހުރުމުން އެކަމަށް ބޭސް ނަގަން ބުނި،" ނަސީރު ބުންޏެވެ.
އެއީ އާއްމު ހާލަތަކަށް ވާތީ، އޭނާ ބުރާސްފަތި ދުވަހު އެނބުރި މާލެ އަންނަން ނިންމި އެވެ. އެކަމަކު އެ ދުވަހުގެ ހެނދުނު ޕެނިކް އެޓޭކެއް އައުމުން، ވަގުތުން ގޮސް ދެއްކުމުން ޑޮކްޓަރު ނިންމީ ތަފްސީލީ އިތުރު ޓެސްޓްތަކެއް ހެދުމަށެވެ. ހިތުގެ ހިނގުމުގައި މައްސަލަތަކެއް އުޅޭކަން އެނގުނީ އެ ޓެސްޓުގެ ނަތީޖާ އިއްޔެ ލިބުމުންނެވެ.
"އެ ހުރިހާ ކަމަކާ އެކު ވެސް ބޮޑު ކަމެއް ދިމާނުވެ ހުރުމަކީ އަހަރެންގެ ނަސީބު ކަމަށް ޑޮކްޓަރު ބުނީ. ބުރާސްފަތި ދުވަހަށް އޮޕަރޭޝަން މިހާރު ޝެޑިއުލްކޮށްފައިވަނީ،" ނަސީރު ބުންޏެވެ. "މިވަގުތު އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް މިކުރަނީ."
އުމުރުން 16 އަހަރުގައި 1991 ވަނަ އަހަރުގެ ސާފް ގޭމްސްގައި ވާދަކޮށް ގިނަ ބަޔެއްގެ ސަމާލުކަން ހޯދި ނަސީރަކީ 2004 ވަނަ އަހަރު ދުވުން ހުއްޓާލުމާ ހަމަޔަށް ރާއްޖޭގައި ހުރި އެންމެ ކާމިޔާބު ދުވުންތެރިޔާ އެވެ. އޭނާ ވަނީ 1994 އާއި 1995 ވަނަ އަހަރު ރާއްޖޭގެ މެރެތަން ރޭހުގެ އެއް ވަނަ އަދި 10،000 މީޓަރު ދުވުން ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.
ބައިނަލްއަގްވާމީ 28 މުބާރާތެއްގައި ވާދަކޮށް 16 ފަހަރެއްގެ މަތިން ގައުމީ ރެކޯޑް މުގުރާލާފައިވާ ނަސީރުގެ އެންމެ ހާއްސަ ވާދަކުރުމަކީ 1996 އާއި 2000 ވަނަ އަހަރުގެ އޮލިމްޕިކްސްގައި ދުވުމެވެ.
އެކަމަކު އޭނާގެ ހަނދާނުން ފޮހެނުލެވޭނެ ދުވަހަކީ 1999 ވަނަ އަހަރުގެ ސާފް ގޭމްސްގައި 800 މީޓަރު ދުވުމުން މެޑެއްޔެއް ހޯދުމާ ދާދި ގާތަށް ގޮސް އެކަން ނާކާމިޔާބުވި ދުވަހެވެ. ޓްރެކް ވަށައި ސްޕްރިންޓުގައި ދެ ބުރު ޖަހަން ޖެހޭ އެ ދުވުމުގައި އޭނާ ރަނގަޅު ވާދައެއް ދެނިކޮށް ދުވުންތެރިއަކު އުޅަބޮށިން ޖަހައި އޭނާ ދެ ފަހަރު ކޮއްޕާލި އެވެ. އޭނާ އަށް ނާކާމިޔާބުވި ސަބަބަކީ ބާރުގެ ބޭނުންނުކުރެވުން ކަމަށް އިންޑިއާ ކޯޗު ވެސް އޭރު ބުންޏެވެ. މެޑެއްޔެއްގައި އަތްލެވޭހާ ގާތަށް ގޮސް، ހަތަރު ވަނަ އަށް ދިއުމާ އެކު ނަސީރު ޓްރެކުގައި ބޯޖަހައިގެން އޮވެ ވަރަށް ގިނަ އިރު ރުޔެވެ.
އޭގެ ފަހުން ރާއްޖޭގެ އެސޯސިއޭޝަނުން އޭނާ ޑިސިޕްލިނަރީ މައްސަލައެއްގައި ސަސްޕެންޑްކުރުމާ އަދި އެސޯސިއޭޝަނުގެ އަމަލުތަކާ މެދު ހިތްހަމަނުޖެހިގެން ކަމަށް ބުނެ ދުވުމާ ދުރުގައި ހުއްޓެވެ. ފަހުން ރާއްޖޭގެ މުބާރާތްތަކުން ފެނުނު ނަމަވެސް 2004 ވަނަ އަހަރު ޓްރެކުން ފޭބީ އެވެ.
ސްޕްރިންޓް ދުވުންތަކުން ފެށިގެން މެދު ރާސްތާ ދުވުންތަކާއި ދިގު ރާސްތާ ދުވުންތަކުގައި އެއް ފެންވަރެއްގަައި ވާދަކުރި ރާއްޖޭގެ ހަމައެކަނި ދުވުންތެރިޔާ ފަހުން ވަނީ ކޯޗިން އަށެވެ. އެގޮތުން ރާއްޖޭގައި މިހާރު ރިކްރިއޭޝަން ދުވުމަށް ޖެހިފައިވާ ފޯރި ގެނައުމުގައި އޭނާގެ ހިއްސާ ވަރަށް ބޮޑެވެ. ތަފާތު ވަޒީފާތަކުގައި އުޅޭ މީހުންނަށް ހާއްސަކޮށް ދުވާ ކްލަބެއް ހިންގައި އޭގެ ތެރެއިން ތަމްރީންދީ ބޭރުގެ މެރެތަންތަކުގައި ވާދަކުރުވި އެވެ.
މިވަގުތު ބަލި އެނދުގައި އޮންނައިރު ވެސް އޭނާގެ ހިތަށް އަރަނީ އަނބުރާ ކަސްރަތާއި ދުވުމުގެ ތެރެއަށް ނުކުމެވޭނެ ދުވަހަކާ މެދު އެވެ. ޑޮކްޓަރު ބުނެފައިވަނީ ތިން ހަފުތާ އަރާމުކުރުމަށް ފަހު އާއްމު ދިރިއުޅުމަށް ރުޖޫއަވޭވެނެ ކަމަށެވެ.
"ފިޓްނަސްގެ ދާއިރާ އިން ދެން ވެސް ފެންނާނީ،" ކުޅިވަރުގެ ދާއިރާ އިން ގައުމީ އިނާމް ހާސިލްކޮށްފައިވާ ނަސީރުގެ ބުންޏެވެ. "ހަޔާތުގެ އެންމެ ބޮޑު އުފަލަކީ އެއީ."