މަދޫރް ބަންޑާކަރްގެ "އިންސްޕެކްޓަރު ގާލިބް" ޝާހުރުކް ހާނަށް ހުށަހަޅައިފި
މަދޫރް ބަންޑާކަރްގެ "އިންސްޕެކްޓަރު ގާލިބް" ޝާހުރުކް ހާނަށް ހުށަހަޅައިފި

ވެލީގެ ވަގު ވިޔަފާރިކުރާ ގޭންގަކާ ދެކޮޅަށް ފުލުހަކު ކުރާ މަސައްކަތްތަކަށް ބިނާކޮށް ޑައިރެކްޓަރު މަދޫރު ބަންޑާކަރު ޑައިރެކްޓް ކުރަން އިއުލާންކޮށްފައިވާ ފިލްމު "އިންސްޕެކްޓާ ގާލިބް" ޝާހްރުކް ހާނަށް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މަދޫރްގެ ގާތް މީހަކާ ހަވާލާދީ ޕިންކްވިލާ އިން ބުނި ގޮތުގައި ޝާހްރުކާ ބައްދަލުކޮށް، މަދޫރް މިހާރު ވަނީ ފިލްމުގެ ސްކްރިޕްޓް ވެސް ނެރޭޓްކޮށްދީފަ އެވެ. އެކަމަކު އޭނާ ފިލްމަށް ސޮއިކުރިކަން އަދި ކަށަވަރެއް ނޫނެވެ.

މިދިޔަ އަހަރު ފަހުކޮޅު ރިލީޒްކުރި ޝާހްރުކްގެ އެންމެ ފަހުގެ ފިލްމު "ޒީރޯ" އަށް ބޮޑު ނާކާމީޔާބީއަކާ ކުރިމަތިލާން ޖެހުމުން، އޭނާ ދެން ކުޅޭނެ ފިލްމެއް އަދިވެސް ސުވާލުތަކެއްގެ ތެރޭގަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އިންޑިއާގެ ކުރީގެ އެސްޓްރޮނޯޓް ރާކޭޝް ޝަރުމާގެ ބައޮގްރަފިކަލް ޑްރާމާ "ސާރޭ ޖަހާ ސެ އައްޗާ" އަށް ސޮއި ކުރުމަށް ފަހު، ޝާކްރުކް ވަނީ އެ ފިލްމު ދޫކޮށްލައިފަ އެވެ.

އަދި އޭނާ ދެން ކުޅޭނެ ފިލްމަކަށް ވާނީ "ޑޮން" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، އޭގެ ޑައިރެކްޓަރު ފަރްހާން އަހްތަރު ދާދި ފަހުން ރާކޭޝް އޯމް ޕްރަކާޝް މެހެރާ ބޮކްސިން އަށް ބިނާކޮށް ހަދާ ފިލްމު "ތޫފާން" އަށް ސޮއިކޮށްފައިވާތީ "ޑޮން 3" ގެ މަސައްކަތް ކައިރި މުސްތަގުބަލެއްގެ ތެރޭގައި ފެށޭނެ ކަމަށް ނުބެލެވޭ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

ކޮންމެއަކަސް މަދޫރްގެ "އިންސްޕެކްޓާ ގާލިބް" އަށް ޝާހްރުކް އެއްބަސްވެއްޖެ ނަމަ، މި ފިލްމުވެގެން ދާނީ ނެޝަނަލް އެވޯޑް ހޯދާފައިވާ ޑައިރެކްޓަރާ އެކު އޭނާ މަސައްކަތް ކުރާ ފުރަތަމަ ފަހަރަށެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި މި ފިލްމަށް ޝާހްރުކް ސޮއި ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ސަބަބަކީ މި ފަހުން ގެނެސް ދީފައިވާ ކޮޕް ފިލްމުތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބި، ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ވެސް ހޯދާފައިވާތީ އެވެ.

"ޗާންދުނީ ބާ" އާއި "ފެޝަން" ފަދަ މޮޅެތި ފިލްމުތައް ގެނެސް ދިން މަދޫރްގެ އެންމެ ފަހުގެ ފިލްމަކީ 2017 ގެ "އިންދޫ ސަރުކާރު" އެވެ.